އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބުން ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ބުރުން ޓީސީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ދާދި ހަމަހަމަކޮށް ފެނިގެން ދިޔަ މެޗުގައި ބުރުގެ ހަމައެކަނި ގޯލު އެޓީމަށް ޖަހައިދިނީ މުހައްމަދު ނާއިމްއެވެ. މެޗުގައި ނާއިމްގެ ގޯލު ފެނިގެން ދިޔައީ ފަހުމިނެޓުކޮޅުގެ ތެރޭގައެވެ. މިއީ ބުރުން ފުރަތަމަ ޑިވިޝަނުގެ ލީގުގައި ހޯދި ފުރަތަމަ މޮޅެވެ.

ޓީސީއާ ދެކޮޅަށް މިއަދުގެ މެޗުގައި ނުކުތް ބުރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ނުކުތީ ނިމިދިޔަ ޕްރެސިޑެންޓްސް ކަޕަށެވެ. އެ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ބުރުން ގޮސްފައިވާ އިރު، ލީގުގައި ފުރަތަމަ ކުޅުނު މެޗުގައި ކްލަބު އީގަލްސް ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އަނެއްކޮޅުން ޓީސީން ކުޅުނު ފުރަތަމަ މެޗުގައި ކްލަބު ވެލެންސިއާ ކައިރިން 2-0 އިން މޮޅުވެފައި އޮތް އިރު، މިފަހަރު ޕްރެސިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޓީސީއާއި ބުރުގެ ކުރިމަތިލުންވެސް ކާމިޔާބުކުރީ ޓީސީންނެވެ. އެއީ 1-0 ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް އެކަށީގެންވާ ހަމަލާތަކެއް އުފެއްދި މަންޒަރު ފެނިގެން ގޮސްފައެއް ނުވެއެވެ. ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅެން ދެ ޓީމުގެ މެދުތެރެއިންވެސް މަސައްކަތްތަކެއް ކުރި އިރު، ފުރަތަމަ ހާފު ފެނުނީ ދާދި ހަމަހަމަކޮށެވެ. ޓީސީން ހާފުގެ ފަހުކޮޅުގައި ނުރައްކާކޮށް ގޯލަކަށް މަސައްކަތް ކުރުމުގެ ތެރޭގައި ފޮނުވާލި ބޯޅައެއް ގޯލު ތެރެއަށް ވަން ނަމަވެސް، ލައިސްމަން ނިންމީ ބޯޅައަށް މަސައްކަތް ކުރި ކުޅުންތެރިޔާ އޮފްސައިޑް މަގާމެއްގައި އޮތް ކަމަށެވެ.

ދެވަނަ ހާފު ރަނގަޅަށް ފެށީ ބުރުންނެވެ. ބުރުން ކުރިއަށް ޖެހި އެޓޭކަށް މަސައްކަތް ކުރަމުން ދިޔަ އިރު، މެޗުގެ 58 ވަނަ މިނެޓުގައި ނާއިމަށް ހުސްކޮށް ލިބުނު ފުރުސަތު އޭނާ ބޭކާރުކޮށްލިއެވެ. އަނެއްކޮޅުން އޭގެ ދެ މިނެޓް ފަހުން ސާދު ނިޒާރު ޖެހި ހިލޭ ޖެހުމަކުން ޓީސީން ލީޑު ނެގުމާ ގާތަށް ޖެހިލި އިރު، އޭނާގެ ހިލޭ ޖެހުން މަތަކުރީ ބުރުގެ ގޯލު ބަލަހައްޓަމުން ދިޔަ އަބްދުﷲ އަރުޝަމްއެވެ.

މެޗުގެ ފަހުކޮޅުގައި ބުރުގެ އަލީ އަމްދާނަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފައިވާ އިރު، ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ބުރުން މެޗުގައި ގޯލު ޖެހީ 93 ވަނަ މިނެޓުގައެވެ. ނާއިމް އެ ގޯލު ޖެހީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ޓީސީ ގޯލުގެ އަރިމަތިން ދަނޑި ކައިރިން އެތެރެ ކޮށްލައިގެންނެވެ. އެ ހަމަލާއަށް ޓީސީގެ ސްރީލަންކާ ގޯލްކީޕަރު ސުޖާން ޕެރޭރާ މަސައްކަތް ކުރި ނަމަވެސް، ބޯޅަ ވަނީ އަތުގައި ޖެހިލައިފައި ގޯލަށް ވަދެފައެވެ.

ލީގުގައި މިރޭ އޮންނަ މެޗުގައި ވާދަކުރާނީ ވެލެންސިއާއާއި ކްލަބު އީގަލްސްއެވެ. މެޗު ފަށާނީ 9:00 ގައެވެ.