ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ގެޓާފޭ ބަލިކޮށްފިއެވެ.

ރެއާލްއިން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރެއާލްއިން ގެޓާފޭ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވި ނަމަވެސް މިފަހަރުގެ ލީގު ތަށްޓަށް ރެއާލްއަށް އޮތީ އުނދަގޫ މަގެކެވެ. އެޓީމުން މިހާތަނަށް ކުޅުނު 34 މެޗުން 71 ޕޮއިންޓް ހޯދިފައިވާ އިރު، އެއްވަނައިގައި އޮތް ބާސެލޯނާއަށް ވަނީ 33 މެޗުން 82 ޕޮއިންޓް ލިބިފައެވެ. ލީގުގައި ރެއާލްއަށް ބާކީ ހަތަރު މެޗު އޮތް އިރު، ބާސާއާ އަރައި ހަމަކުރުމަކީ ޗެލެންޖިން މަސައްކަތަކަށް ވާނެއެވެ.

މިދިޔަ ހަފުތާގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގެ ނަތީޖާ 1-1 އިން އެއްވަރުވެފައިވާ އިރު، މިހަފުތާގައި އޮތް ދެވަނަ ލެގުގައި ރެއާލް ނުކުންނަން ޖެހޭނީ ސިޓީ ދަނޑުގައެވެ. އެ މެޗަށް ވަރަށް ބޮޑަށް ފޯކަސް ކޮށް، ރޭގެ ލީގު މެޗަށް ރެއާލް ނުކުތީ ފުރަތަމަ 11 އަށް ބަދަލުތަކަކާވެސް އެކުގައެވެ.

އެންޓޯނިއޯ ރުޑިގާއާއި ޑޭވިޑް އަލާބާގެ އިތުރުން ޓޯނީ ކްރޫސް، ލޫކާ މޮޑްރިޗްގެ އިތުރުން ކަރިމް ބެންޒެމާއާއި ވިނީޝިއަސް ޖޫނިއާވެސް ރޭގެ މެޗުގެ ފުރަތަމަ 11 އިން ފެނިގެން ގޮސްފައިނުވާ އިރު، ކްރޫސްއާއި މޮޑްރިޗްގެ އިތުރުން ވިނީޝިއަސް ވެސް ދެވަނަ ހާފުގައި މެޗަށް ނުކުމެފައިވެއެވެ.

މެޗުގައި ރެއާލްގެ ފަރާތުން އެންމެ އެކަށީގެންވާ ކުޅުމެއް ފެނިގެން ގޮސްފައިނުވާ އިރު، ފުރަތަމަ ހާފުގައި ފެނުނީވެސް މަދު ހަމަލާއެކެވެ. އެގޮތުން ފާހަގަކޮށްލެވުނީ މާކޯ އެސެންސިއޯ އަށް ލިބުނު ފަޅި ފުރުސަތެކެވެ.

ދެވަނަ ހާފުގައި ގެޓާފޭގެ ޖުއާން އިގްލީސިއަސް ފޮނުވާލި ބޯޅައެއް ރެއާލްގެ ގޯލްކީޕަރު ތީބޯ ކޯޓުއާ މަތަކޮށް ބޭރުކޮށްލި އިރު، ރެއާލްއިން ލީޑު ނެގީ 70 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އަސެންސިއޯ ޖެހި ބޯޅައެއް ގެޓާފޭގެ ކުޅުންތެރިއެއް ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ވަން ގޯލެކެވެ.