ފްރާންސް ލީގުގައި ރޭ ޕީއެސްޖީން ކުޅުނު މެޗުގައި އަޖަކްސިއޯ ބަލިކުރި އިރު، މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ސަޕޯޓަރުން "ބޫ" ކޮށްފިއެވެ.
ރޭ ޕީއެސްޖީން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި 5-0 އިން އަޖަކްސިއޯ ބަލިކޮށް، އެޓީމުން ވަނީ ރެކޯޑު 11 ވަނަ ފަހަރަށް ފްރާންސް ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފައެވެ. މިހާތަނަށް ލީގުގައި ކުޅުނު 35 މެޗުން ޕީއެސްޖީއަށް 81 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ލެންސަށް 35 މެޗުން ލިބިފައި ވަނީ 75 ޕޮއިންޓެވެ.
ޕީއެސްޖީއަށް ތަށި ޔަގީންކުރުމަށް މިހާރު ބޭނުން ވަނީ ހަތަރު ޕޮއިންޓެވެ. އެއީ ކުރިއަށް އޮތް ތިން މެޗުންނެވެ.
ރޭގެ މެޗުގެ ފޯކަސް އެންމެ ބޮޑަށް އަމާޒުވެފައި އޮތް އެއް ކުޅުންތެރިޔަކީ މެސީއެވެ. މިދިޔަ ހަފުތާ ތެރޭގައި ޕީއެސްޖީން މެސީ ދެ ހަފުތާއަށް ސަސްޕެންޑް ކޮށްފައިވާ އިރު، ރޭގެ މެޗަށް ނުކުތީ ސަސްޕެންޝަން އުވާލުމުންނެވެ. ޕީއެސްޖީން މެސީއަށް އަދަބު ދިނީ ހުއްދަނެތި ސައުދީ އަރަބިއާއަށް ދިޔަ މައްސަލައެއްގައެވެ. މެސީގެ ސަސްޕެންޝަން އެ ކްލަބުން އުވާލީ މައާފަށް އެދި ވީޑިއޯއެއް އާންމުކުރުމާއެކުގައެވެ.
ސަސްޕެންޝަންގެ ކުރިންވެސް މެސީއަށް ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައިވާ އިރު، ރޭގެ މެޗުގެ ފުރަތަމަ ހާފުގައިވެސް ޕީއެސްޖީގެ އެންމެ ވަރުގަދަ ފޭން ކްލަބު "އަލްޓްރާސް"ގެ ނުރުހުން މެސީއަށް އަމާޒުކޮށްފައިވެއެވެ. މި ފަހަކަށް އައިސް "އަލްޓްރާސް" ގެ ނުރުހުން މެސީ އާއި ނޭމާއަށް ވެސް ވަރަށް ބޮޑަށް އަމާޒުކޮށްފައިވާ އިރު، މިދިޔަ ހަފުތާ ތެރޭގައި އެ ދެކުޅުންތެރިން ދިރިއުޅޭ ގެ ކައިރިއަށް އެއްވެ ނުރުހުން ފާޅުކޮށްފައިވެސް ވެއެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ފަބިއަން ރުއީޒް އާއި އަޝްރަފް ހަކީމީ ޕީއެސްޖީއަށް ގޯލުތައް ޖަހައިދިން އިރު، ދެވަނަ ހާފުގައި އިތުރު ގޯލުތައް ޖަހައިދިނީ ކިލިއަމް އެމްބާޕޭ އެވެ. އެމްބާޕޭގެ މެޗުގައި ދެ ގޯލު ފެނިގެން ދިޔަ އިރު، ޕީއެސްޖީގެ ފަސްވަނަ ގޯލަކީ މުހައްމަދު ޔޫސުފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗުގެ ފަހުކޮޅުގައި ހަކީމީއާއި ތޯމަސް މަންގާނީއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައި، އެ ދެކުޅުންތެރިންނަށްވެސް ރަތް ކާޑު ދައްކާފައިވެއެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ