އަހަރުގެ ފުރަތަމަ ހަތަރު މަސްތެރޭ ޕަބްލިކް ސާވިސް އިންވެސްޓްމެންޓް ޕްރޮގްރާމަށް 4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސަރުކާރުން މިއަހަރަށް ފާސްކުރި ބަޖެޓުގައި ޕަބްލިކް ސާވިސް އިންވެސްޓްމެންޓް ޕްރޮގްރާމް(ޕީއެސްއައިޕީ) އަށް ކަނޑައަޅާފައިވަނީ 8.5 ބިލިއަން ރުފިޔާއެވެ. ފިނޭންސުން އާއްމުކޮށްފައިވާ އެންމެ ފަހުގެ މާލީ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އޭގެ ދެބައިކުޅަ އެއްބަޔާ އެއްވަރަށް މިހާރުވެސް ސަރުކާރުން ވަނީ ހަރަދުކޮށްފަ އެވެ. އެއީ ހަތަރު ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ސަރުކާރުން ހަރަދުކޮށްފައި ވަނީ 2.1 ބިލިއަން ރުފިޔާއެވެ.

ޕީއެސްއައިޕީގެ ދަށުން މިއަހަރު ހަރަދު ކޮށްފައިވާ ދާއިރާތަކަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ދަތުރުފަތުރުގެ އެކި މަޝްރޫއުތަކަށެވެ. އެގޮތުން ދަތުރުފަތުރުގެ އެކި މަޝްރޫއުތަކަށް ޖުމުލަ 1.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އޭގެ ތެރޭގައި ބަނދަރުގެ އެކި މަޝްރޫއުތަކަށް ހޭދަކުރި 413.3 މިލިއަން ރުފިޔާ އާއި އެއާޕޯޓްގެ އެކި މަޝްރޫއުތަކަށް ހަރަދުކުރި 443.4 މިލިއަން ރުފިޔާ އަދި ބްރިޖުގެ މަޝްރޫއުތަކަށް ހަރަދުކުރި 380.3 މިލިއަން ރުފިޔާ ހިމެނެ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ތައުލީމީ އެކި މަޝްރޫއުތަކަށް ޕީއެސްއައިޕީ ބަޖެޓުން 179.7 މިލިއަން ރުފިޔާ، ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަޝްރޫއުތަކަށް 167.3 މިލިއަން ރުފިޔާ، ފެނާއި ނަރުދަމާގެ އެކި މަޝްރޫއުތަކަށް 642.6 މިލިއަން ރުފިޔާ، ސިއްހީދާއިރާގެ އެކި މަޝްރޫއުތަކަށް 45.8 މިލިއަން ރުފިޔާ، ނެޝަނަލް ސެކިއުރިޓީ އެންޑް ޕަބްލިކް އޯޑަރުގެ އެކި މަޝްރޫއުތަކަށް 74.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އޭގެ އިތުރުން އޮފީސް އިމާރާތްތަކަށާއި ކައުންސިލްތަކަށް 63.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ހައުސިން މަޝްރޫއުތަކަށް 335 މިލިއަން ރުފިޔާ، ބިން ހިއްކުމާއި މަގު ހެދުމަށް އެއް ބިލިއަން ރުފިޔާ، މަސްވެރިކަމާއި ދަނޑުވެރިކަަމުގެ އެކި މަޝްރޫއުތަކަށް 70.5 މިލިއަން ރުފިޔާ އަދި އިޖުތިމާއީ އަދި ދީނީ ކަންތައްތަކަށް 141.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހުގެ ފުރަތަމަ ހަފުތާގެ ނިޔަލަށް ސަރުކާރުން ވަނީ 15.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި އާމްދަނީގެ ގޮތުގައި 11.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.