އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަކިކުރުމުގެ މައްސަލައިގައި އެމްޑީޕީން ތްރީލައިން ވިޕެއް ނެރެން އުޅޭކަން "ވަން" އަށް އެނގިއްޖެއެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލައިގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އަމަލުކުރެއްވީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭ ގޮތަށް ކަމަށް ބުނެ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ލީޑަކުރައްވާ ފިކުރެއްގެ ދިރުން، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މި މަހުގެ 12 ވަނަ ދުވަހު ވަނީ ހުށަހަޅައިފައެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދޭނީ ޖުމްލަ ދިހަ މެންބަރުންގެ ސޮޔާއެކުގައެވެ. މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރަކު ނަން ނުޖެހުމަށް ޝަތުރުކޮށް "ވަން" އަށް މިއަދު ވިދާޅުވީ، ރިފްއަތު ވަކިކުރަން މަޖިލީހަށް ވެއްދި މައްސަލައާ ދެކޮޅަށް ވޯޓުދޭން އެމްޑީޕީން ތްރީލައިން ވިޕެއް ނެރޭނެ ކަމަށާއި ނަމަވެސް އަދި އެފަދަ ނިންމުމެއް ނުނިންމާ ކަމަށެވެ.
"ތްރީލައިން ވިޕެއް ނެރޭނެ. ދެން ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވާފައި މި ނިންމާނީ. އެ ބައްދަލުވުން އަދި ނުބާއްވާ" މެންބަރު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "ވަން" އަށް މިއަދު ވިދާޅުވީ، ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަަލަ ވެއްދި ނަމަވެސް އެ މައްސަލަ ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ. އެ ފުރުސަތު އެމްޑީޕީ މެންބަރުން ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރިފްއަތު ވަކިކުރަން މަޖިލީހަށް ވެއްދި މައްސަލައިގައި ސޮއިކުރި އެމްޑީޕީގެ މެންބަރުންނާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި އެ މެންބަރުން ވަނީ އަސާސީ ގަވައިދާ ހިލާފުވެފައިކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، މާލީ އަހުމަދު އަބްދުﷲ "ވަން" އަށް ވިދާޅުވީ، އެ މެންބަރުންގެ މައްސަލަ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހަޅަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ މެންބަރުންގެ މައްސަލަ އެ ކޮމިޓީއަށް ހުށަހެޅިކަމެއް ސާފެއް ނޫނެވެ. އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މުގައްރިރަކީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް އެވެ.