އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު މެޗުގައި 5-0 އިން ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗަށް މާޒިޔާއިން ނުކުތީ އެޓީމުން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) 7-2 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އަނެއްކޮޅުން ގްރީނުން މި ސީޒަނަށް ނުކުތީ އުނދަގޫ ހާލަތެއްގައި އޮވެގެންނެވެ. ފުރަތަމަ މުބާރާތް، ޕްރެސިޑެންޓްސް ކަޕުގައިވެސް އެޓީމުން ވާދަކޮށްފައިނުވާ އިރު، ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އޮތީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކައިރިން 5-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މިރޭގެ މެޗަށް މާޒިޔާއިން ނެރުނު ފުރަތަމަ 11 އަށް ބަލައިލާ އިރު، އެޓީމުން ނުކުތީ މުޅިން ލޯކަލް ކުޅުންތެރިންނާ އެކުގައެވެ. ބިދޭސީ ފޯވަޑް ސްޓެފަން މިހައޮލޮވިޗް މިރޭގެ މެޗުވެސް ބެންޗުން ފެށި އިރު، ޑިފެންޑަރު އެޑްގާރަސް ޒާސްކިސްވެސް ފުރަތަމަ 11 ގައި ހިމެނިފައެއް ނުވެއެވެ. އެލްޑާ ހަސަނޮވިޗް އަދިވެސް އަނިޔާގައި ހުރި އިރު، މިރޭގެ މެޗުގައި މާޒިޔާ ސެންޓަ ބެކުން ފެނުނީ ސަމޫހު އަލީ (ސަމުއްޓެ) އާއި އަހުމަދު ނޫމާން (ހެލްމެޓް) އެވެ.

މެޗު ރަނގަޅަށް ފަށައި، މާޒިޔާއިން ޑޮމިނޭޓް ކުރިއެވެ. މެދުތެރެއިން ޕާސްތައް ޖަހައި އެޓޭކްތައް ފުލުފުލުން އުފައްދާފައިވާ އިރު، 16 ވަނަ މިނެޓުގައި އެޓީމުން ލީޑުވެސް ނެގިއެވެ. އަރިމަތިން ހަސަން ނަޒީމް (ޗޯޓު)، ގްރީންގެ ޑިފެންޑަރު ނައްޓާލައި ނެގި ހުރަސް، އަލީ ފާސިރު (ސެންޓޭ) ގޯލު ކުރިމަތިން މަޑުކޮށްލުމުން ބޯޅަ ގޯލަށް ވައްދާލީ ހަސަން ރާއިފް (ހަންނަ) އެވެ.

ފުރަތަމަ ހާފުގައި މާޒިޔާއިން އިތުރު ހަމަލާތަކަށް ފުރުސަތު ތަނަވަސްކޮށް، އިތުރު ތިން ގޯލުވެސް ޖެހިއެވެ. ސެންޓޭ، މެޗުގެ 36 ވަނަ މިނެޓުގައި މާޒިޔާ ދެވަނަ ގޯލު ޖެހި އިރު، އެ ގޯލަށް އެސިސްޓް ކޮށްދިނީ ހަންނައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިނިމި އޮއްވައި މާޒިޔާއިން އިތުރު ދެ ގޯލުވެސް ޖެހި އިރު، އެ ގޯލުތައް ޖެހީ ހަމްޒާ މުހައްމަދު (ހައްޕު) އާއި ސަމުއްޓެއެވެ.

ދެވަނަ ހާފުވެސް މާޒިޔާއިން ރަނގަޅަށް ފަށާފައިވާ އިރު، ހާފުގެ ކުރީކޮޅުގައި ހަމްޕުއަށް ލިބުނު ދެ ފުރުސަތެއް ފާހަގަވިއެވެ. އޭނާގެ ފުރަތަމަ ހަމަލާ ގްރީންގެ ގޯލްކީޕަރު އަހުމަދު ރަމީޒް މަތަކުރި އިރު، ދެން ހުސްކޮށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ.

އޭގެ އިތުރުން ސަމުއްޓެ ކުރިއަށް ޖެހި ބޮލުން ޖެހި ބޯޅައެއްވެސް ރަމީޒް މަތަކުރި އިރު، ގްރީންއަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މެޗުގެ 73 ވަނަ މިނެޓުގައި މާޒިޔާއިން ފަސްވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލަކީ ބަދަލަކަށް ނުކުތް ސްޓެފަންގެ ފަރާތުން ފެނުނު ހިތްގައިމު ގޯލެކެވެ. ޗޯޓު އަރިމަތިން ވަދެ، އޭރިއާ ބޭރުގައި ހުރި ސްޓެފަން އަށް ދިން ބޯޅަ، އެއްފަހަރު އޭނާ ފޮނުވާލުމުން ގޯލަށް ވަނީ މަތީ ދަނޑީގައި ޖެހިފައެވެ.

މާޒިޔާއިން ލީޑު އިތުރަށް ފުޅާކުރުމަށްވެސް ގިނަ ހަމަލާތަކެއް އުފެއްދި އިރު، އައިސަމް އިބްރާހީމް ޖެހި ބޯޅަ ވަނީ ބްލޮކް ވެފައެވެ. އަދި އޭގެ ފަހުން މެޗު ނިމެންދަނިކޮށް އައިސަމް ބޮލުން ޖެހި ބޯޅަވެސް ދިޔައީ އަރިމަތިން ބޭރަށެވެ. މެޗުގެ ފަހު 10 ވަރަކަށް މިނެޓުގައި ގްރީނުން ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ފަހަތަށް ކުޅެމުންދިޔަ އިބްރާހީމް ހަސީބަށް ރަތް ކާޑު ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ދެވަނަ ރީނދޫ ކާޑަކާއެކުގައެވެ.