އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ސައުތެމްޓަން ރެލިގޭޓްވި އިރު، ނޮޓިންހަމް ފޮރެސްޓުން ޗެލްސީ ހިފަހައްޓައިފިއެވެ.
ސައުތެމްޓަންއިން އަމިއްލަ ދަނޑުގައި މިރޭ ފުލަމް ކައިރިން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ސައުތެމްޓަން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވިކަން ވަނީ ޔަގީންވެފައެވެ. އެއީ 36 މެޗުން 24 ޕޮއިންޓް ލިބިފައި އޮތުމުންނެވެ. އެޓީމަށް ލީގުގައި ބާކީ އަދި ދެމެޗު އޮތް އިރު، ސައުތެމްޓަންގެ މަތިން 19 ވަނައިގައި އޮތް ލެސްޓާ ސިޓީއަށް 35 މެޗުން ލިބިފައި ވަނީ 30 ޕޮއިންޓެވެ.
ލީޑްސްއިން މިރޭ ލީގުގައި ކުޅުނު މެޗުގައި 2-2 އިން ނިއުކާސަލްއާ އެއްވަރު ކޮށްފައިވާ އިރު، އެޓީމަށް 36 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ. އެ ނަތީޖާއާއެކު ލީޑްސްއަށް ވަނީ ސަލާމަތްވާން އުންމީދެއް ލިބިފައެވެ.
ފޮރެސްޓުން 2-2 އިން ޗެލްސީއާ އެއްވަރުކޮށް އުންމީދެއް ހޯދި އިރު، އެޓީމުން 16 ވަނައިގައި އޮތީ 36 މެޗުން 34 ޕޮއިންޓާ އެކުގައެވެ. ޗެލްސީ އޮތީ 11 ވަނައިގައެވެ.
މިރޭ ފުލަމްއަށް ގޯލުތައް ޖަހައިދިނީ ވިނީޝިއަސް އާއި އެލެކްސެންޑްރާ މިޓްރޮވިޗެވެ.
މެޗުގައި ފުލަމްއިން ރަނގަޅަށް ކުޅެފައިވާ އިރު، ފުރަތަމަ ހާފުގައި ވިލިއަންގެ ނުރައްކާތެރި ހަމަލާއެއް ފާހަގަކޮށްލެވުނެވެ. ފުރަތަމަ ހާފުގައި ފުލަމްއިން ނުރައްކާ ކުރި ނަމަވެސް ގޯލެއް ފެނިގެން ގޮސްފައިނުވާ އިރު، ދެވަނަ ހާފަށް ނުކުމެ ކުޑައިރުކޮޅެއްގެ ތެރޭގައި ފުލަމް ލީޑު ނެގިއެވެ. ހެރިސަން ރީޑް ތަނަވަސްކޮށްދިން ބޯޅައިން ވިނީޝިއަސް ފުރަތަމަ ގޯލު ޖެހި އިރު، ދެވަނަ ގޯލު ޖެހި މިޓްރޮވިޗް މިރޭ މެޗަށް ނުކުތީ އަށް މެޗުގެ ސަސްޕެންޝަނަކަށްފަހުއެވެ.
މިޓްރޮވިޗް ސަސްޕެންޝަނުން އެނބުރި އައިސް މިރޭގެ މެޗުގައި ޖެހި ގޯލަކީ މި ސީޒަނުގައި އޭނާ ޖެހި 12 ވަނަ ގޯލެވެ.
ސައުތެމްޓަން މިފަހަރު ރެލިގޭޓް ވެފައި ވަނީ 2012 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ދެމި އޮތުމަށްފަހުއެވެ.
ޗެލްސީ އާއި ފޮރެސްޓުން މިރޭ ކުޅުނު މެޗުގެ 15 ވަނަ މިނެޓުގައި ގޯލު ޖެހީ ފޮރެސްޓުންނެވެ. އެޓީމުގެ ގޯލަކީ ޓައިވޯ އަވޯނީޔީ ޖެހި ގޯލެކެވެ. މިރޭގެ މެޗަށް އެންގޯލޯ ކަންޓޭ އާއި ކީޕަރު ކެޕާ އަރިޒާބަލާގާވެސް ނުލައި ނުކުތް ޗެލްސީގެ ގޯލު ބެލެހެއްޓީ އެޑުއާޑް މެންޑީއެވެ. މިރޭގެ މެޗަކީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު މެންޑީ ކުޅުނު ފުރަތަމަ މެޗެވެ.
އުނދަގޫ ހާލަތެއްގައި އޮތް ޗެލްސީން ދެވަނަ ހާފަށް ނުކުމެ ނަތީޖާ އެއްވަރު ކުރި އިރު، އެ ގޯލު ޖެހީ ރަހީމް ސްޓާލިންނެވެ. ސްޓާލިންގެ ފުރަތަމަ ގޯލަށް މާގިނައިރެއް ނުވެ، މެޗުގެ 58 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ގޯލާއެކު ޗެލްސީން ލީޑު ނެގިއެވެ. އެހެން ނަމަވެސް، އަނެއްކާވެސް މެޗުގެ 62 ވަނަ މިނެޓުގައި ޓައިވޯ އަވޯނީޔީ ޖެހި ދެވަނަ ގޯލާއެކު ފޮރެސްޓުން ޕޮއިންޓެއް ހޯދިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު