ދިވެހި ޕްރިމިއާ ލީގު

ޔޫވީވެސް ބަލިކޮށް، ސަސް ކުރިއަށް

އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ސަސްއިން ޔޫވީ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މިއަދު މެޗަށް ނުކުތް އިރު، ސަސްއިން ވަނީ އެޓީމުން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް 5-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އަނެއްކޮޅުން ނުކުތް ޔޫވީން އޮތީ ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ ކައިރިން 7-2 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މިއަދުގެ މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އަލީ ނަސޫހު ރަޝީދު (ޕިލާ) ގެ ބާރު ހަމަލާއެއް އަލީ ނާޖިހު (ނާޖީ) އަތުން ޖައްސައި މަތަކޮށް ބޭރުކޮށްލި އިރު، އެޓީމުން ރަނގަޅަށް ފަށެމުގެ ނަތީޖާއެއްގެ ގޮތުން 11 ވަނަ މިނެޓުގައި ގޯލުވެސް ޖެހިއެވެ. އައިހަމް އަހުމަދު (އައިހު) ދިން ބޯޅައެއްގައި އޭރިއާ ތެރެއަށް ވަދެ ޕިލާ ޖެހި ބޯޅައިން އެޓީމުން ލީޑު ނެގީ ފަސޭހަ ކުޅުމަކާއެކުގައެވެ.

ސަސްއިން ގޯލު ޖެހުމާއެކު ޔޫވީން ކޮންމެވެސް ވަރަކަށް ކުރިއަށް ޖެހި އެޓީމުގެ އެޓޭކަށް މަސައްކަތް ކުރިތަން ފެނިގެން ގޮސްފައިވާ އިރު، މެޗުގެ 18 ވަނަ މިނެޓުގައި ޝަނާން ރަޝާދު ޖެހި ބޯޅަ މަތަކުރީ ސަސްގެ ގޯލު ބަލަހައްޓަމުން ދިޔަ އަބްދުﷲ ޒިމާމެވެ.

ޔޫވީގެ އެޓޭކިން ކުޅުމަށް ފުރަތަމަ ހާފުގައި މާ ބޮޑަށް ސަސްއިން ފުރުސަތު ދީފައެއް ނުވެއެވެ. ސަސްގެ ޑިފެންސް ލައިނުން މުހައްމަދު ނިޒާމް (ޕީކޭ) އާއި އުނަފު ރަޝީދު (އަހުއްކޮ) މުޅި މެޗުގައިވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާ އިރު، ފުރަތަމަ ހާފުގައި ސަސްގެ އިތުރު ހަމަލާތަކެއް ފެނިގެން ދިޔައެވެ.

އަހުމަދު ހަމީދު (އަންމަޑޭ) އަރިމަތިން އަރައި ނެގި ހުރަސް، އަހުމަދު ހުސާމް ފޮނުވާލި ނަމަވެސް ދިޔައީ ބޭރަށެވެ. އަދި ޕިލާއަށް ލިބުނު އިތުރު ފުރުސަތެއްގައި އޭނާ ޖެހި ބޯޅަވެސް ދިޔައީ ބޭރަށެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް 28 ވަނަ މިނެޓުގައި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އަށް ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. މެދުތެރެއިން ދުއްވާލި ބޯޅައަށް ކުރިއަށް ޖެހި ބައްކު ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތިން ބޭރަށެވެ. ހާފު ނިންމާލީ ސަސްއިން އިތުރު ގޯލެއް ޖަހައިގެންނެވެ. ހިލޭ ޖެހުމެއްގެ ބޭނުން ހިފައި، އެޓީމުގެ ދެވަނަ ގޯލު ޖަހައިދިނީ އައިހުއެވެ.

ދެވަނަ ހާފަށް ނުކުމެ ޔޫވީން އެޓޭކަށް ވަރަށް ބޮޑަށް ކުރިއަށް ޖެހިލިތަން ފެނިގެން ގޮސްފައިވާ އިރު، ހާފުގެ ކުރީކޮޅުގައި އަރީން އަބްދުލްﷲ އިބްރާހީމަށް ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. އޭރިއާ ތެރެއަށް ހުސްކޮށް ވަދެ، ސަސްގެ ގޯލްކީޕަރު ނައްޓާލާފައި ބޯޅަ ފޮނުވާލަން އަރީން މަސައްކަތް ކުރި ނަމަވެސް، އޭނާ ކީޕަރު ޒިމާން ނައްޓާލައި ޖެހި ބޯޅަ ދިޔައީ މަތިން ބޭރަށެވެ.

ޔޫވީން ކުރިއަށް ޖެހުމުގެ ފައިދާ ނަގައި ސަސްއިން ކައުންޓާ އެޓޭކަށް މަސައްކަތް ކުރަމުން ގޮސްފައިވާ އިރު، އެޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ބާރު ދުވެލި، ޔޫވީ ޑިފެންސަށް ނުރައްކަލަކަށްވިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ސަސްއިން ތިންވަނަ ގޯލެއްވެސް ޖެހިއެވެ.

ސަސްގެ ތިންވަނަ ގޯލަށްވެސް އެސިސްޓް ކޮށްދިނީ އައިހުއެވެ. އެ ގޯލުވެސް ކާމިޔާބުކުރީ ފުރަތަމަ ގޯލު ކާމިޔާބުކުރި ޕިލާއެވެ.

ސަސްއިން ތިންވަނަ ގޯލެއް ޖަހައި މެޗުގެ އޮއިވަރު ބަދަލުކޮށްލި އިރު، އެޓީމުން ވަރަށް ބޮޑަށް ހަމަޖެހިލިއެވެ. މެޗުގެ ފަހުކޮޅުގައި ޔޫވީގެ ޑިފެންސުން ވަރުބަލިކަން ފެނިގެން ގޮސްފައިވާ އިރު، އޭގެ ފައިދާ ކޮންމެވެސް ވަރަކަށް ސަސްއިން ހިފިއެވެ. ޕިލާ ކުރިއަށް ޖެހި ޔޫވީގެ ދެ ޑިފެންޑަރުން ނައްޓާލައި ޖެހި ބޯޅަ ނާޖީ މަތަކުރި އިރު، އަންމަޑޭ ޖެހި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ރަނގަޅަށް ފަހަތުން ކުޅެ، ސަސްއިން މެޗުގައި ރަނގަޅަށް ޑިފެންސްކޮށްފައިވާ އިރު، އެޓީމުން މެޗު ނިންމާލީ މާ ބޮޑު ނުރައްކަލެއް ނެތިއެވެ. ހާއްސަކޮށް ފަހު ވަގުތުކޮޅުގައި ޔޫވީއަށް މާ ރަނގަޅު އެޓޭކެއް ކުރެވިފައެއް ނުވެއެވެ.