ފުރަތަމަ މެޗު ގޯސްކޮށް ދިޔަ ނަމަވެސް، މެޗަކަށްފަހު މެޗެއް ރަނގަޅުކޮށް ޓާގެޓަށް ވާސިލުވާން ޓީމުން މަސައްކަތް ކުރާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަބްދުﷲ ނިސްތާރު ބުނެފިއެވެ.

ގްރީން ސްޓްރީޓްސްއިން ސީޒަނުގެ ފުރަތަމަ މުބާރާތް، ޕްރެސިޑެންޓްސް ކަޕްގައި ކުޅެފައެއް ނުވެއެވެ. އެޓީމުން މަދު ތައްޔާރީތަކަކާ އެކު ފުރަތަމަވެސް ލީގަށް ނުކުމެފައިވާ އިރު، ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކައިރިން ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ. އިއްޔެގެ ޕްރީ މެޗު ޕްރެސްގައި ކޯޗު ނިސްތާރު ބުނީ އެ މެޗުގެ ނަތީޖާއާ އެކުވެސް ޓީމު މަސައްކަތް ކުރާނީ މެޗަކަށްފަހު މެޗަކަށް ރަނގަޅަށް އެކުވުމަށް ކަމަށެވެ.

"އިންޝާﷲ އަޅުގަނޑުމެން ބަލަނީ މެޗަކަށްފަހު މެޗަކަށް ސްކޮޑު އެކުލެވެމުން ދާނެ ކަމަށް. ތަންކޮޅެއް އާ ކުދިންތަކެއް ވެސް އެބަތިބި. ރޯދަމަހު ފަހު ދެ ދުވަހެއް ވަރު ޕްރެކްޓިސް ކޮށްފައި، ދެން އީދަށް ކުޑަ ބްރޭކެއް ނަގާލާފައި އެހާ ގިނަ ދުވަހަކު ފަރިތަކުރުންތަކެއް ކުރިއަށް ނުގެންދެވުނު. އަޅުގަނޑުމެންނަށް ފާހަގަވި ފިޓްނަސް މައްސަލައެއް ނެތް، އަލްހަމްދުﷲ، އެކަމު އާ ކުދިންތަކެއް ވީމަ ހުންނާނެ ކަންތައްތަކެއް، އެކަމު، ވަރަށް ކޮންފިޑެންސް އެބައޮތް މި ކުދިންނަށް،" ނިސްތާރު ބުންޏެވެ.

ކުރިން ފޯކައިދޫ ފަދަ ޓީމުތަކާ އެކު ލީގަށް ނުކުމެ، ރަނގަޅު ނަތީޖާތަކެއް ހޯދި ނިސްތާރު ބުނީ ޓީމުތަކާ ހަވާލުވާ އިރު، އެޓީމުތަކުގައި އެންމެ ބޭނުންވާ ގޮތަށް ކަންކަން ފަހިވެފައި ނުހުންނާނެކަން ގަބޫލުކުރާ ކަމަށާއި މިއަދުގެ ހާލަތުން އެއްވެސް "އެކްސްކިއުޒެއް ނުދައްކާ" ޓީމައިގެން ކުރިއަށްދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެންމެ ބޭނުންވާ ގޮތަކަށް ނުވާނެ. ލިބިފައި ހުރި ރިސޯސަސް ބޭނުން ކުރުން އެއީ ކޯޗެއްގެ އެންމެ މުހިންމު އެއް ކަންތައް ކަންނޭނގެ އަޅުގަނޑުމެން ބޭނުމެއް ނޫން އެ ފޮރިން ޕްލޭޔަރުން ނެތޭ ކިޔާފައި އެ އެކްސްކިއުޒަކަށް ނަގާކަށް، އަޅުގަނޑު އަތުގައި އެބަހުރި ޕާފޯމަންސް ދެވޭނެ ކުޅުންތެރިން، އެކަމު ޖެލް ވާން ޓައިމް ނަގާފާނެ. އެބައޮތް ވަރަށް ކޮންފިޑެންސް ސީޒަން ނިމެންވާ އިރަށް ޓާގެޓް ރީޗް ކުރެވޭނެ ކަމުގެ،" ނިސްތާރު ބުންޏެވެ.

"މި އަހަރު ނީންނާނެ ރެލިގޭޝަނެއް، އަޅުގަނޑުމެންގެ ޓާގެޓަކީ އަދިވެސް ކޮންމެ އަހަރަކު ވެސް، ދެން ކޮންމެ އަހަރަކު ވެސް އެއް ނޫން، އެންމެ ދަށް ވެގެން ޓޮޕް ފޯ އަށް ވަނުން ޓާގެޓަކީ. ﷲ އިރާދަކުރެއްވިއްޔާ އެ އެޗީވް ކުރާނަން،" ކޯޗު ނިސްތާރު އިތުރަށް ބުންޏެވެ.

މިރޭ ގްރީނުން ނުކުންނަން އޮތީ ވަރުގަދަ މާޒިޔާއާ ދެކޮޅަށެވެ. މާޒިޔާއަކީ ލީގުގައި މިހާރު ކުޅެމުންދާ އެންމެ ވަރުގަދަ ޓީމުކަމަށްވީ އިރު، ނިސްތާރުގެ ނަޒަރުގައި މެޗު އުނދަގޫވާނެއެވެ. ހާއްސަކޮށް މާޒިޔާއަކީ މިވަގުތު ރާއްޖޭގެ ފުޓުބޯޅައިގެ އެއް ބާރު ކަމަށް ނިސްތާރު ފާހަގަކުރިއެވެ.

"އަޅުގަނޑުމެންނަށް އެންމެ ބޭނުންވާ ގޮތަކަށް ނުވާނެ. ލިބިފައި ހުރި ރިސޯސަސް ބޭނުންކުރުން އެއީ ކޯޗެއްގެ އެންމެ މުހިންމު އެއް ކަންތައް ކަންނޭނގެ އަޅުގަނޑުމެން ބޭނުމެއް ނޫން އެ ފޮރިން ޕްލޭޔަރުން ނެތޭ ކިޔާފައި އެ އެކްސްކިއުޒަކަށް ނަގާކަށް، އަޅުގަނޑު އަތުގައި އެބަހުރި ޕާފޯމަންސް ދެވޭނެ ކުޅުންތެރިން، އެކަމު ޖެލް ވާން ޓައިމް ނަގާފާނެ. އެބައޮތް ވަރަށް ކޮންފިޑެންސް ސީޒަން ނިމެންވާއިރަށް ޓާގެޓް ރީޗް ކުރެވޭނެ ކަމުގެ،" ނިސްތާރު ބުންޏެވެ.

ގްރީން އާއި މާޒިޔާ ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.