މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިންނަށް ބައެއް މެޗުތައް ފަސޭހަކޮށްލެވޭ ކަމަށާއި އެ ވިސްނުން ދޫކޮށް، މެޗުތަކާ މެދު ސީރިއަސް ވާން ޖެހޭ ކަމަށް ކޯޗު އިވާން ވެންކޯވް ކޮލޭވް ބުނެފިއެވެ.

މާޒިޔާއިން ލީގުގައި އެންމެފަހުން ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކައިރިން 7-2 އިން މޮޅުވި ނަމަވެސް، އެ މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ޔޫވީން މުޅިން އާ ޒުވާން ކުޅުންތެރިންތަކަކާ އެކު ސީޒަނަށް ނުކުތް އިރު، ފުރަތަމަ ހާފު ނިމުނު އިރު، އޮތް ނަތީޖާއަކީ "ސަޕްރައިޒިން" ނަތީޖާއެކެވެ. ކޯޗު އިވާންގެ ނަޒަރުގައި ކުޅުންތެރިން މެޗު އަންޑައެސްޓިމޭޓް ކުރީއެވެ.

"އަހަންނަށް ހީވަނީ އެމެޗުގެ (ޔޫވީ މެޗުގެ) ފުރަތަމަ ހާފު އަހަރެމެންގެ ކުޅުންތެރިން ވަރަށް ބޮޑަށް އަންޑަރޭޓް ކުރިހެން. އެއީ ވަރަށް ނުރައްކާ ކަމެއް. އެކަމާ ވަރަށް ސީރިއަސްކޮށް ކުޅުންތެރިންނާ އަހަރެން ވާހަކަ ދެއްކިން. އެކުޅުންތެރިންނަށްވެސް ފެންނާނެ ވީގޮތް. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-2 އަކުން. އިދިކޮޅަށް ކުޅޭ ޓީމަކީ ކޮންމެ ޓީމެއް ނަމަވެސް، ޕްރޮފެޝަނަލް ކުޅުންތެރިން މެޗު ފަސޭހަކޮށްލައިގެން ނުވާނެ. ދެވަނަ ކަމަކަށް ދަނޑުމަތީގައި އެ ހަވާލުވެފައި އޮންނަ ޒިންމާ އަދާކުރަން ޖެހޭނެ. އަދި މޮޅުވާން ލާން ޖެހޭ ހިތްވަރު ލާން ޖެހޭނެ. އެކަމެއް ނުފެނުނު ފުރަތަމަ ހާފުގަ،" އިވާން ބުންޏެވެ.

އިވާން ބުނީ މެޗަށްފަހު ކުޅުންތެރިންނަށް ފުޓުބޯޅައިގެ މުހިއްމު ކަމެއް ތަފުސީލު ކޮށްދީފައިވާނެ ކަމަށާއި އެއީ ސީރިއަސްކޮށް މެޗުތައް ނެގުމުގެ މުހިއްމުކަން ކަމަށެވެ. "އެއީ ފުޓުބޯޅައިގެ މެންޓާލިޓީ" ކަމަށާއި އެ މެންޓާލިޓީއަކީ އަބަދުވެސް މުހިއްމުވާނެ މެންޓާލިޓީއެއްކަން ބުނެދޭން ކުޅުންތެރިންނާ ވާހަކަ ދެއްކި ކަމަށްވެސް އިވާން ބުންޏެވެ.

"އަހަރެން ކުޅުންތެރިންނަށް ތަފުސީލުކޮށްދޭން މަސައްކަތް ކުރީ ފުޓުބޯޅައިގެ ވަރަށް މުހިއްމު އެއްޗެއް. އެއީ ހަފުތާއެއް ދުވަހު ފަރިތަކޮށް މި ތައްޔާރުވަނީ ލީގުގައި އޮންނަ މެޗަށް ކަމަށާއި އެ މެޗަށް ތައްޔާރުވާން ސީރިއަސްކޮށް ފަރިތަކޮށްފައި، މެޗުގައި ސީރިއަސް ނުވެ ކުޅެގެން ނުވާނެކަން. ކުޅުންތެރިން ހަނދާން ނައްތާލަން ޖެހޭ އިދިކޮޅަށް ކުޅެނީ ކޮން ބައެއްކަން. އިދިކޮޅަށް ކުޅެނީ ކުޑަކުދިން ކަމަށްވިޔަސް، ބާސާ ނޫނީ ރެއާލް މެޑްރިޑް ކަމަށްވިޔަސް، ކުޅެން ޖެހޭނީ އެއް ރޫހެއްގައި، އެއް މޯޓިވޭޝަނެއްގައި. އެއީ މި ގޭމަކީ. އެއީ ފުޓުބޯޅައަކީ. ކޮންމެ ޓީމެއް ކައިރީގައިވެސް އެންމެ މޮޅު ކުޅުން ދައްކަން ޖެހޭނެ،" އިވާން އިއްޔެގެ ޕްރި މެޗު ޕްރެސްގައި ބުންޏެވެ.

އިވާން ބުނީ ކުޅުންތެރިންގެ މެންޓާލިޓީ ބަދަލުކުރަން ޖެހޭ ކަމަށާއި އޭއެފްސީ ކަޕާ ހަމައަށް ދާންވާއިރަށް، ވިސްނުން ބަދަލުކޮށް، ރާއްޖޭގެ މެޗުތަކަށް ވިސްނުން ތައްޔާރުކުރަންވެސް މުހިއްމު ކަމަށެވެ.

"އޭއެފްސީ ކަޕަކީ މާ ދުރުގައި އޮތް ކަމެއް ނަމަވެސް، ކުރިންވެސް ބުނިން މާޒިޔާއަށް އެއީ މުހިއްމު މުބާރާތެކޭ. އެކަމަށް މި މެޗުތަކަށްވެސް ވިސްނަން ޖެހޭ. 100 ޕަސެންޓް ދޭން ޖެހޭ. ޑޮމެސްޓިކް ނަމަވެސް، ނޫނީ އޭއެފްސީ ކަޕް ނަމަވެސް ހުރިހާ ހަކަތައެއް މެޗުތަކަށް ދޭން ޖެހޭނެ. ވޯލްޑް ކަޕް ވިޔަސް އެކަން އޮންނާނީ އެހެން،" ކުރިން އިންޑޮނޭޝިއާ އާއި މިޔަންމާ ގައުމީ ޓީމާ ހަވާލުވެހުރި ކޯޗު އިވާން ބުންޏެވެ.

އިވާން ބުނީ ރާއްޖޭގެ ކުޅުންތެރިންނަކީ މޮޅު، ހުނަރުވެރި، "ސްޕީޑް ރަނގަޅު، އެޖިލިޓީވެސް ރަނގަޅު" ކުޅުންތެރިން ކަމަށާއި ފަރިތަކުރުންތަކުގައިވެސް ރަނގަޅަށް މަސައްކަތް ކުރާ ކުޅުންތެރިން ކަމަށެވެ. އެ ކުޅުންތެރިންގެ ހުނަރާ އެއްވަރަށް މެންޓާލިޓީ ވަރުގަދަކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"މެޗުތަކަށް މެންޓަލީ ތައްޔާރުވާން އަދި ވަރަށް އުނދަގޫ. އެކަމަށް ވަގުތު ނަގާނެ،" އިވާން އިއްޔެގެ ޕްރެސްގައި ބުންޏެވެ.

މާޒިޔާއާ ދެކޮޅަށް މިރޭ ކުޅޭ ގްރީން ސްޓްރީޓްސް އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 5-1 އިން ބަލިވި މެޗު ބަލަން ދިޔަ ކަމަށް ކޯޗު އިވާން ބުނެފައިވާ އިރު، އޭނާ ބުނީ އެ މެޗުގައި ގްރީން ސްޓްރީޓްސްގެ ކުޅުން ރަނގަޅު ނޫން ނަމަވެސް، މިރޭގެ މެޗުގައި 200 ޕަސެންޓް ދޭނެ ކަމަށެވެ.

"އެއީ، އެ މީހުން އަހަރެމެންނާ އެކު ތަފާތުވާނެ ކުޅޭ ކުޅުން. އެއީ ކޮންމެ ބައެއް ވެސް އަހަރެމެންނާ ކުޅޭއިރު ތަފާތު، ސަސްއާ ދެކޮޅަށް ކުޅުނު ވަރަށް ވުރެ 200 ޕަސެންޓް ރަނގަޅަށް އެ މީހުން މި މެޗަށް ނުކުންނާނީ،" އިވާން ބުންޏެވެ.

މާޒިޔާއާއި ގްރީން ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.