ދިވެހި ކްލަބުތަކުގެ މިހާރުގެ ހާލަތު އޮތް ގޮތުން، ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ލީގު މެޗުތަކުގައި ކުޅެން ފުރުސަތު ފަހިވެފައި އޮތުމަކީ އޭގެ ސަބަބުން ރާއްޖޭގެ ފުޓުބޯޅައަށް ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.
ޔޫވީން ސީޒަނުގައި ކުޅުނު ފުރަތަމަ މެޗަކީ މިދިޔަ ހަފުތާގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު މެޗެވެ. އެމެޗުން ޔޫވީ 7-2 އިން ބަލިވެފައިވާ އިރު، ޝާކިއްޓެގެ ނަޒަރުގައި ނަތީޖާގެ ފަރަގު ބޮޑަސް، ޓީމަށް އިތުބާރެއް ލިބުނު މެޗަކަށް އެ މެޗު ވެގެން ދިޔައެވެ. އެ މެޗަށްފަހު ޔޫވީން މިއަދު ހަވީރު ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބު (ސަސް) އާ ދެކޮޅަށެވެ.
"ވަރަށް ރަނގަޅަށް އެ މެޗުގައި ދިޔައީ ބަލަން ތިބި އެންމެންނަށް ވެސް އެނގިގެންދާނެ ފިޒިކަލީ ފިޓްނަސް މައްސަލަ މި ޖެހުނީ، 65 މިނިޓް 70 މިނިޓުން ފެށިގެން، ގައިގައި ވަރުހުރި އިރު ރަނގަޅު،" މާޒިޔާ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އިއްޔެގެ ޕްރި މެޗު ޕްރެސްގައި ޝާކިއްޓެ ބުންޏެވެ.
ޝާކިއްޓެ ބުނީ މިފަހަރުގެ ލީގަށް ތައްޔާރުވާން ޔޫވީއަށް ލިބުނީ 14 ވަރަކަށް ދުވަސް ކަމަށާއި އެއީ 90 މިނެޓްގެ މެޗެއް ކުޅެން ކުޅުންތެރިން ފިޓްކުރެވޭނެ މުއްދަތެއް ނޫން ކަމަށެވެ. އެހެންކަމުން މާޒިޔާ މެޗުގައި ވަރަށް ރަނގަޅު، "ޕޮޒިޓިވް" ކަންތައްތަކެއް ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކަމަށް ފާހަގަކޮށް ޝާކިއްޓެ ބުނީ ލީގުގައި ރަނގަޅަށް ވާދަކުރެވޭނެ ކަމަށް ކުޅުންތެރިންނަށް އިތުބާރު ލިބިފައިވާ ކަމަށެވެ.
"މިހާރު ޓީމުތަކަށް ބަލައިލާ އިރު މާޒިޔާ އާއި އީގަލްސް ނަގާފައި ދެން އޮތް ޓީމުތައް މި އުޅެނީ ހަމަ އެއް ލެވަލެއްގައި، ފިޓްނަސް ވެސް ދެން ތިބި ޓީމުތައް ވެސް އެހާ ރަނގަޅުކޮށް ނޫން ފެނިގެންދަނީ. އެހެންވީމަ، މާޒިޔާއާ އެކު 60 މިނެޓް 70 މިނެޓް ހިފަހައްޓާފައި ރަނގަޅަށް ކުޅުނު، އެހެންވީމަ ގަބޫލުކުރެވެނީ ދެން އޮތް ޓީމުތަކާ ދެކޮޅަށް މާޒިޔާއާއެކު އެ ކުޅުނު ލެވަލަށް ވުރެ ރަނގަޅަށް ކުޅެވޭނެ ކަމަށް،" ޝާކިއްޓެ ބުންޏެވެ.
މިފަހަރުގެ ލީގުގައި ވާދަކުރާ މާޒިޔާ އާއި ޓީސީގެ އިތުރުން އީގަލްސް ފިޔަވައި ދެން އެއްވެސް ކްލަބެއްގައި އަދި ބިދޭސީ ކުޅުންތެރިން ބޭނުންކުރަމުން ނުދެއެވެ. ޓީސީގައިވެސް ބޭނުންކުރަމުންދަނީ ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ އެކަންޏެވެ. އެއާއެކު ޓީމުތަކުގައި އަލަށް ފުރަތަމަ ޑިވިޝަނުން ފެނިގެންދާ ޒުވާން ކުޅުންތެރިން ގިނަކަން ފާހަގަކޮށްލެވޭ އިރު، ޝާކިއްޓެގެ ނަޒަރުގައި އެއީ ލިބޭ ފައިދާއެކެވެ.
"ދިވެހި ކުޅުންތެރިން ގިނަ ޓީމުތަކުގައި މިތިބީ. ވަރަށް ރަނގަޅަށް އެކުޅުންތެރިންނާ އެކު ކުޅޭތަންވެސް އެބަ ފެނޭ. ހަގީގަތުގައި، ޅަ ކުޅުންތެރިންނަށް ޕްރިމިއާ ލީގުގައި ޕާފޯމްކުރަން މި ލިބެނީ. އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ޕާފޯމް ކުރަން މި ލިބެނީ، މި ލިބުމަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލަށް ވެސް ގައުމީ ޓީމަށް ވެސް އޭޖްފުރާ (އުމުރުފުރާ) ގައުމީ ޓީމުތަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް،" ޒުވާން ޓީމުތަކާއެކު މިހާތަނަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ޝާކިއްޓެ އިއްޔެ ބުންޏެވެ.
"މީގެ ކުރިން އަހަރުތަކުގައި 19 އަހަރުން ދަށުގެ ޓީމު ފުރައިގެންދާ އިރު، އެ ޓީމުގެ ކުޅުންތެރިން ކްލަބްތަކުގައި އުޅެނީ އެކަމު 11 ގައި ޕާފޯމް ކުރަން ލިބޭ ވަރު މަދު، އެކަމަކު، އެއާ ހިލާފަށް މި އަހަރު އެބަ ލިބޭ ވަރަށް ބައިވަރު ޒުވާން ކުޅުންތެރިންތަކަކަށް ޕާފޯމްކުރުމުގެ ފުރުސަތު، މިއީ ދިވެހި ރާއްޖޭގެ ފުޓްބޯޅަ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ގޮތުގައި ގަބޫލުކުރަނީ އެ ކުޅުންތެރިންނަށް ވެސް ލިބޭ ކުރިއެރުމެއް ކުރިމަގަށް ބަލާއިރު،" ޝާކިއްޓެ އިތުރަށް ބުންޏެވެ.
ރާއްޖޭގައި ކުޅޭ ޒުވާން ކުޅުންތެރިންނަށް ކުރިމަގެއް ބިނާކުރުމުގައި ދިމާވާ މައިގަނޑު ޗެލެންޖަކީ މުސާރައިގެ މައްސަލައާ އެކު އެހެން ބައެއް މައްސަލަތައް ކަމަށްވީ އިރު، ޝާކިއްޓެ ބުނީ ޔޫވީގެ މެނޭޖްމަންޓްގެ ވިސްނުމަކީ މިއަހަރު ނަތީޖާ ނެރުމަށްވުރެ، ކުރިއަށް އޮތް ދެތިން އަހަރަށް މިހާރު އޮތް ޒުވާން ޓީމު ބާއްވައިގެން ޒުވާން ކުޅުންތެރިންގެ ޓީމެއް ގޮތުގައި ޔުނައިޓެޑް ވިކްޓަރީ ބިނާކުރުން ކަމަށެވެ. އެގޮތުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ގެއްލޭ ގޮތަށް ބޭރު ކުޅުންތެރިން ގެނެސް އެކަހަލަ ވިސްނުމެއް ޔުނައިޓެޑް ވިކްޓަރީން އަދި ނުގެންގުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ޔޫވީ އާއި ސަސް ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.