ރާއްޖޭގެ ހަތް ރަށެއްގައި ހޮސްޕިޓަލް ހެދުމުގެ މަސައްކަތް އަންނަ ހަފުތާގައި ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ހަދަން ނިންމާފައިވާ ހޮސްޕިޓަލްތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ކުވައިތް ފަންޑުގެ އެހީގައި ހަތް ރަށެއްގައި ހަދަން ނިންމާފައިވާ ހަތް ހޮސްޕިޓަލްގެ ބިޑިން މަރުހަލާ ނިމި، ކުރިއަށް އޮތް ހަފުތާ ތެރޭގައި އެ މަސައްކަތް ކުންފުނިތަކާ ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެ ހޮސްޕިޓަލްތައް ހަދަނީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައެވެ. މިއީ 30 އެނދުގެ ހޮސްޕިޓަލްތަކެކެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުން އެކުލަވާލި ނޭޝަނަލް ސްޕެޝަލް ޕްލޭނާ އެއްގޮތަށް ފަސް ދާއިރާއެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ހޮސްޕިޓަލުތަކުގައި ކުރިން ނެތް ވަސީލަތްތައް ގާއިމުކޮށް ހިދުމަތްތައް ދޭން މިހާރު ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.