ކޮންކްރީޓް މިކްސިން ވެހިކަލެއް ފުރޮޅާލައި ވެހިކަލް ދުއްވަން އިން ޑްރައިވަރަށާއި ދެ ކުއްޖަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާއިން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، ހުޅުމާލެ ފޭސް ދޭއްގެ އިންޑަސްޓްރިއަލް ޒޯން ކައިރިން ދުއްވާފައި ދިޔަ އެ ވެހިކަލް ފުރޮޅާލިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 7:35 ހާއިރު ކަމަށެވެ.

ހާދިސާގައި އަނިޔާވީ އެ ވަގުތު އެ ސަރަހައްދުން ބައިސްކަލުގައި ދިޔަ 13 އަހަރުގެ ފިރިހެން ދެ ކުދިންނަށާއި ޑްރައިވަރަށް ކަމަށާއި އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުންގެ މެސެޖުގައިވެއެވެ.

ނަމަވެސް އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް އަދި ނުލިބެއެވެ. މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

މި ހާދިސާގައި އަނިޔާވި މީހުންގެ މައުލޫމާތު ހޯދަން ހޮސްޕިޓަލަށް ގުޅަން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.