ހުޅުމާލޭގައި ހަންބޯ ކޮމްޕެނީން ހަދަމުން އަންނަ މަތީ ފަންތީގެ ކޭ-ޕާކް ރެސިޑެންސް ފްލެޓްތައް ވިއްކުމުގައި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މަންޑޭ އާއެކު ކުންފުންޏެއް ހެދި އާބަންކޯގެ މުވައްޒަފު މިއަދު ސަސްޕެންޑްކޮށްފިއެވެ.

އާބަންކޯއިން މިއަދު ބުނީ، ކޯޕަރޭޝަންގެ ޕްރޮގްރެސިވް ޑިސިޕްލްނަރީ އެކްޝަން ޕޮލިސީގެ ދަށުން, ކޭޕާކް މައްސަލައިގެ ތަހުގީގު ކުރިއަށްދާ މުއްދަތުގައި ކުރެވިފައިވާ ތުހުމަތުތަކަށް ރިއާޔަތްކޮށް, އެ ކޯޕަރޭޝަންގެ މުވައްޒަފު އަބްދުލް ނާފިއު މުހައްމަދު 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ނާފިއުއަކީ އާބަންކޯގެ ރިއަލް އެސްޓޭޓް މެނޭޖްމަންޓް އަދި ޕްރޮޕަޓީ މެނޭޖްމަންޓް ބައިގެ ޖެނެރަލް މެނޭޖަރެވެ.

އާބަންކޯއިން ބުނީ ފުލުހުންނާއި އެ ކޯޕަރޭޝަންގެ އިންޓާނަލް އޮޑިޓުން މި މައްސަލަ ތަހުގީގުކޮށް ނިމުމުން, ނާފިއު އާމެދު އިތުރު ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އެ ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޭ-ޕާކް ފްލެޓުތައް ނުއަގުގައި އަދި އެއް އެޕާޓްމަންޓް ދެ ބަޔަކަށް ވިއްކާފައިވާ ކަމަށް ބުނެ، ހަންބޯ ކުންފުނީގެ މައި ހިއްސާދާރު ޝީ ޖިން ހޫ ވަނީ މަންޑޭއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅައިފައެވެ. އެނގިފައިވާ ގޮތުގައި މައި ހިއްސާދާރަށް އޮޅުވާލައިގެން މަންޑޭ އެޕާޓްމަންޓް ވިއްކަން ބޭނުންކުރި އެއް ކުންފުންޏެއްގައި ނާފިއުގެ ހިއްސާވެސް އޮވެއެވެ.

ކޭ-ޕާކް ހިޔާނާތުގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު، އެ މައްސަލައާ ގުޅިގެން މަންޑޭއާއި އިތުރު ދެ މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ. އެއީ ދިވެއްސަކާއި ބިދޭސީއެކެވެ. ދިވެހި މީހާއަކީ މަންޑޭ އާއެކު އެޕާޓްމެންޓް ވިއްކިކަމުގެ ތުހުމަތު ކުރެވޭ ޖައިޝަން ސައީދެވެ. ދެން ޕާސްޕޯޓް ހިފެހެއްޓީ ކޮރެއާގެ ރައްޔިތެއް ކަމަށްވާ ސޫން ސޫ ކިމްގެއެވެ. އޭނާއަކީ ހަންބޯ ކޮރެއާ ކުންފުނީގެ ކުރީގެ ހިއްސާދާރެކެވެ.

ހަންބޯ ކުންފުނިން މި މަހުގެ ތިންވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ބަޔަކަށް ވިއްކާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ މަންޑޭ ކަމަށެވެ.

ހަންބޯ ކޮރެއާގެ ތުހުމަތުތަކަށް މަންޑޭ ވަނީ އިންކާރުކޮށްފައެވެ. އޭނާގެ ފަރާތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަންބޯ ކޮރެއާގެ ވެރިޔާ މަސައްކަތް ކުރީ ފައިސާ ހިފައިގެން ފިލަން ކަމަށާއި އޭނާގެ އަނބުރަށް ހުތުރުވާހެން ހަންބޯ ކުންފުނިން ބަޔާން ނެރުނީ ފައިސާ ހިފައިގެން ފިލަން އެއްބަސްނުވުމުން ކަމަށެވެ.