ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ބޮޑު ބަދަލެއް ގެނެސް، ހިއްކަން މަޝްވަރާ ކުރަމުން އަންނަ ފަޅުގެ ސަރަހައްދުގެ އިހުތިސޯސް އޮތީ މާލޭ ސިޓީ ކައުންސިލަށް ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ބިން ބޮޑުކުރުމަށް ހުޅުމާލެ ހިއްކުމުގެ މަޝްވަރާތަކެއް ސަރުކާރާ އެކު ކުރަމުން އަންނަ ކަމަށް އާބަންކޯއިން އިއްޔެ ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި ހުޅުމާލެއިން އިތުރަށް ހިއްކުމަށް މަޝްވަރާކުރަމުން އަންނަނީ ދެވަނަ ފިޔަވަހީގެ ހުޅަނގު ފަޅެވެ. ހުޅުމާލެ މާސްޓަ ޕްލޭންގައިވާ ގޮތުން އެ ސަރަހައްދަކީ ކުރޫޒް ލައިނާ ޓާމިނަލަކާއި ޔޮޓް މެރީނާއެއް އެޅުމަށް ހާއްސަކޮށްފައިވާ ސަރަހައްދެވެ. އެ މަޝްރޫއަށް ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް އާބަންކޯ އިން އޭރު ވަނީ ބުނެފައެވެ.

ނަމަވެސް މާސްޓާ ޕްލޭނަށް ބަދަލު ގެނެސް ދެވަނަ ފިޔަވަހި ފެށޭ ހިސާބުން ފެށިގެން އުތުރަށް އެފަޅު މިހާރު ހިއްކާފައިވާ ސަރަހައްދާ ހަމައަށް ހިއްކުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. އޭރުން ފަރުކޮޅުފުށި ވެސް ދާނީ އަލަށް ހިއްކާ ސަރަހައްދުގެ ތެރެއަށެވެ.

އެކަމާ ގުޅިގެން މޭޔަރު މުއިއްޒު މިއަދު ކުރެއްވިި ޓުވީޓެއްގައި ވިދާޅުވީ، ހިއްކަން އުޅޭ ސަރަހައްދަކީ އާބަންކޯއަށް ރެޖިސްޓްރީކޮށްފައިވާ ސަރަހައްދެއް ނޫން ކަމަށާއި އެއީ މާލެ ސިޓީ ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށެވެ.

"މި މަޝްރޫއަކީ، ހުޅުމާލެ މާސްޓާ ޕްލޭނާ ހިލާފުކަމެއްކަން. ޕްލޭން ކުރުމެއްނެތި ކުރާ މިފަދަ ބޮޑުކަމެއް ކުރަންވާނީ އެކަމާ ގުޅިގެން މާސްޓާ ޕްލޭނަށް ގެންނަން ޖެހޭ އެންމެހާ ބަދަލުތައް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގާނޫނުތަކާއި އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، އެ މަސައްކަތް އާބަންކޯއިން ކުރަނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް އެ ކައުންސިލާ މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ. މުއިއްޒު ވަނީ މިކަން އިސްލާހުކޮށް، މަޝްވަރާގެ މަތީން ގާނޫނާ ގަވާއިދުގެ ތެރެއިން އަމަލު ކުރުމަށް އާބަންކޯއަށް އިލްތިމާސް ކުރައްވައިފަ އެވެ.