އިލެކްޝަން ކޮމިޝަން (އީސީ)ގެ މެމްބަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވީ އެ ކޮމިޝަންގެ މެމްބަރު އަލީ ނަޝާތުގެ ދައުރު ހަމަ ވާތީއެވެ. އީސީގެ މެމްބަރުކަމަށް ނަޝާތު އައްޔަންކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.

  • މުސްލިމަކު ކަމުގައިވުން
  • ދިވެހި ރައްޔިތަކު ކަމުގައިވުން
  • އުމުރުން 25 އަހަރު ވެފައިވުން
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
  • ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، ބާރަ މަސް ދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، ބާރަ މަސް ދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ފަސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން

އީސީގެ މެމްބަރުގެ މަގާމަށް ކުރިމަތިލާ ފޯމު www.presidencymaldives.gov.mv ޑައުންލީޑް ކުރެވެން ހުންނާނެއެވެ.

މެމްބަރު އަލީ ނަޝާތުގެ އިތުރުން ދެން އީސީގެ މެމްބަރުންގެ ގޮތުގައި ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު، ނައިބު ރައީސް އިސްމާއީލް ހަބީބު އަބްދުއްރަހީމް، މެމްބަރު ޑރ. މުހައްމަދު ޒާހިރު އަދި މެމްބަރު މުހައްމަދު އާސިފުއެވެ.