އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިޔަފާރިކުރާ ފަރާތްތަކަށް ޒަމާނީ، ރައްކާތެރި އަދި ފަސޭހަ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން، އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަދައިފިއެވެ.

އުރީދޫ މޯލްޑިވްސް އާއި އެސްޓީއޯ ގުޅިގެން ފަށާފައިވާ މި ހިދުމަތުން މާލޭގައި ހުންނަ އެސްޓީއޯ ޕީޕަލް ޗޮއިސްއިން ވިޔަފާރިކުރާ ފަރާތްތަކަށް އުރީދޫ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކައުންޓަރުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑެއް ސްކޭންކޮށްގެން ފަސޭހަކަމާ އެކު މިހާރު ފައިސާ ދެއްކޭނެއެވެ.

މިއީ އެސްޓީއޯ އާއި އުރީދޫ މޯލްޑިވްސްގެ ޕާޓްނާޝިޕެއްގެ ދަށުން ފޯރުކޮށްދޭން ފަށާފައިވާ ހިދުމަތެކެވެ. ހިދުމަށް ފެށުމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ މިއަދު ވިދާޅުވީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިޔަފާރިކުރާ ފަރާތްތަކަށް މި ޒަމާނީ އަދި އީޖާދީ ޕޭމަންޓް ސޮލިއުޝަން، އެމް-ފައިސާގެ ހިދުމަތް ފޯރުކޮށްދިނުމަކީ އުރީދުއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ޕާޓްނަޝިޕްގެ ސަބަބުން ކަސްޓަމަރުންނަށް ރައްކާތެރި އަދި ހަރުދަނާ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ދޭ އަހަންމިއްޔަތުކަން ހާމަވެގެންދޭ. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މިހާރު ދަތިކަމެއް ނެތި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އެމްފައިސާގެ ފަސޭހަކަން ލިބިގެންދާނެ," އޭނާ ވިދާޅުވިއެވެ.

މި ހިިދުމަތާ ގުޅޭ ގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ސައީދު ވިދާޅުވީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ފަސޭހަ ހިދުމަތްތަކެއް ގެނެސްދިނުމަށް ކަމަށާއި އެގޮތުން އުރީދޫއާ އެކު އެމްފައިސާ ގެ ހިޮދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވުމަކީވެސް އޭގެ އެންމެ ފުރިހަމަ މިސާލެއް ކަމަށެވެ. އަދި އެމްފައިސާގެ ހިދުމަތާ އެކު ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތެއް އެސްޓީއޯ އިން ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ސައީދު ވިދާޅުވިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އަކީ ކާބޯތަކެތީގެ ބާވަތްތަކާއި ގޭތެރޭގެ ސާމާނާއި އިލެކްޓްރޯނިކްސް ފަދަ ގިނަ ބާވަތްތަކެއް ލިބެން ހުންނަ ރާއްޖޭގެ މަޝްހޫރު ހޯލްސޭލް އަދި ރީޓެއިލް ސްޓޯރު ޗެއިނެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެސްޓީއޯގެ ހިދުމަތްތައް ލިބޭ އިރު، ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އެއް ފުރާޅެއްގެ ދަށުން ބޭނުންވާ ހުރިހާ އެއްޗެއް ހޯދެއެވެ.

އެސްޓީއޯއިން ބުނީ ކުރިއަށް އޮތް ތަނުގައި އެކުންފުނީގެ އެހެން ފިހާރަ ތަކުންވެސް އެމްފައިސާ މެދުވެރިކޮށް ވިޔަފާރިކުރެވޭ ގޮތް ހަމަޖައްސާނެ ކަމަށެވެ.

އުރީދޫ އެމްފައިސާ އަކީ ފަސޭހަކަމާ އެކު ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމުގެ އިތުރުން ވިޔަފާރިތަކަށް ފައިސާ ދެއްކޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ. އެމްފައިސާއިން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ބިލް އަދި ރާސްޓަސްގެ އިތުރުން މީޑިއާނެޓް ފަދަ އެކި ހިދުމަތްތަކަށް ބިލް ދެއްކުންވެސް ފަސޭހަކޮށްދެއެވެ. މީގެ އިތުރުން އެމްފައިސާ އިން ވަނީ ގިނަ ފައުންޑޭޝަންތަކާ ގުޅިގެން ކަސްޓަމަރުންނަށް ބޭނުންވާ ފައުންޑޭޝަނަކަށް ސަދަގާތް ކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފަ އވެ.

އެމްފައިސާއިން ހިދުމަތް ބޭނުންކުރުމަށް، އުރީދޫ އެޕް ޑައުންލޯޑްކޮށް، ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ރަޖިސްޓާ ކޮށްލެވޭނެއެވެ. މީގެ އިތުރުން އުރީދޫ އިން ވަނީ ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮށް އޮންލައިންކޮށް ކަސްޓަމަރުންނަށް އެމްފައިސާ ވޮލެޓަށް ފައިސާ ޖަމާ ކުރުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.