ހުޅުމާލެ އިތުރަށް ހިއްކަން މަޝްވަރާކުރަމުން އަންނަ ކަމަށް އާބަންކޯ އިން ބުނެފިއެވެ.

އާބަންކޯގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަން ޑިރެކްޓަރު ނިއުޝާދު ޝަރީފް "ވަން" އަށް މިއަދު ވިދާޅުވީ ހުޅުމާލޭގެ ބިން ބޮޑުކުރުމަށް އަނެއްކާވެސް ހުޅުމާލެ ހިއްކުމުގެ މަޝްވަރާތަކެއް ސަރުކާރާ އެކު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ އަދި ކުރެވޭ މަޝްވަރާތަކެއް ކަމަށާއި އެކަމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް ނިއުޝާދު ވިދާޅުވިއެވެ.

"ބިން ބޮޑުކުރުމަށް. ދެން އޭގަ ގޯތި ދިނުމާއި އިތުރު މަޝްރޫއުތައް ވެސް ހިމެނޭ. އެކަމަކު އަދި ހަމަ މަޝްވަރާ ކުރަމުންދަނީ" ނިއުޝާދު ވިދާޅުވިއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ. އަދި ދެވަނަ ފިހަވަހިން މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

އެނގިފައިވާ ގޮތުގައި ހުޅުމާލެއިން އިތުރަށް ހިއްކުމަށް މަޝްވަރާކުރަމުންދަނީ ދެވަނަ ފިޔަވަހީގެ ހުޅަނގު ފަޅެވެ. ހުޅުމާލެ މާސްޓަ ޕްލޭންގައިވާ ގޮތުން އެ ސަރަހައްދަކީ ކުރޫޒް ލައިނާ ޓާމިނަލަކާއި ޔޮޓް މެރީނާއެއް އެޅުމަށް ހާއްސަކޮށްފައިވާ ސަރަހައްދެވެ. އަދި އެ މަޝްރޫއަށް ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް އާބަންކޯ އިން އޭރު ވަނީ ބުނެފައެވެ.

ނަމަވެސް މާސްޓާ ޕްލޭނަށް ބަދަލު ގެނެސް ދެވަނަ ފިޔަވަހި ފެށޭ ހިސާބުން ފެށިގެން އުތުރަށް އެފަޅު މިހާރު ހިއްކާފައިވާ ސަރަހައްދާ ހަމައަށް ހިއްކުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. އޭރުން ފަރުކޮޅުފުށި ވެސް ދާނީ އަލަށް ހިއްކާ ތަނުގެ ތެރެއަށެވެ.