ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ކުރިމަތިލި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު ފުރަތަމަ ލެގުގެ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ސެމީގައިވެސް ކުރިމަތިލި ރެއާލްއާއި ސިޓީ ރޭކުޅުނު މެޗުވެސް ދާދި ހަމަހަމަކޮށް، ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ލެގު އެއްވަރުވުމާއެކު ސިޓީއަށް ވަނީ ފައިދާ ބޮޑުވެފައެވެ. އެއީ ދެވަނަ ލެގު އަމިއްލަ ދަނޑުގައި ކުޅެން ޖެހުމުންނެވެ.

ރޭގެ މެޗު ރަނގަޅަށް ފަށައި، ސިޓީން ރަނގަޅު ހަމަލާތަކެއްވެސް އުފައްދާފައިވާ އިރު، ރޮޑްރީއާއި ކެވިން ޑި ބްރޭނާ މެޗުގެ ކުރީކޮޅުގައި ޖެހި ބޯޅަތައް މަތަކުރީ ރެއާލްގެ ގޯލްކީޕަރު ތިބޯ ކޯޓުއާއެވެ. އޭގެ އިތުރުން ސިޓީގެ ވަރުގަދަ ފޯވަޑް ހިފަހައްޓަން ރެއާލްގެ ސެންޓްރަލް ޑިފެންޑަރުން ކަމަށްވާ އެންޓޯނިއޯ ރުޑިގާއާއި ޑޭވިޑް އަލާބާ ކުރި މަސައްކަތް ފުރަތަމަ ކޮޅުގައިވެސް ފާހަގަކޮށްލެވުނެވެ.

މިހާތަނަށް ސީޒަނުގައި 50 އަށްވުރެ ގިނަ ގޯލު ޖަހާފައިވާ ހާލަންޑަށް މާ ބޮޑު ފުރުސަތެއް ފަހިވިޔަ ނުދީ ރެއާލްއިން ރަނގަޅަށް ޑިފެންސްކޮށްފައިވާ އިރު، ފުރަތަމަ ހާފުގައި ހާލަންޑަށް ލިބުނު ދެ ފުރުސަތެއްގައި ޖެހި ބޯޅަތައް މަތަކުރީ ކޯޓުއާއެވެ. އަދި ދެވަނަ ހާފުގައި ޑިފެންސް ތެރެއިން ދެމި ގަނެ، ހާލަންޑް ޖެހި ބޯޅައަށް އަލާބާ ވަނީ ރަނގަޅަށް ބްލޮކް އަޅައިފައެވެ.

ރެއާލްއިން ފުރަތަމަ ހާފުގައި ތަނަވަސްކުރީ އެންމެ ހަމަލާއެއް ނަމަވެސް، އެ ހަމަލާގައި އެޓީމުން ލީޑު ނެގިއެވެ. އެޑުއާޑޯ ކަމަވިންގާ އަރިމަތިން ކުރިއަށް ޖެހި ދިން ބޯޅައިގައި ވިނީޝިއަސް ޖޫނިއާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ސީދާ ގޯލުގެ ކަނަށެވެ.

ރޭގެ މެޗުގެ ދެވަނަ ހާފަށް ނުކުމެ، ރެއާލްއިން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެން ފެށިއެވެ. ހާއްސަކޮށް އެޓީމުގެ މެދުތެރެއިން ޓޯނީ ކްރޫސްއާއި ލޫކާ މޮޑްރިޗްގެ ޕާސްތައް ގިނަކޮށް ފެނުނު އިރު، ސިޓީން ދިޔައީ ބޮޑަށް ޑިފެންސް ކުރަމުންނެވެ. ސިޓީން ފުރުސަތަކަށް ބެލިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓުގައި ޑި ބްރޭނާ ދުރުން ފޮނުވާލި ބާރު ހަމަލާ ގޯލަށް ވައްދާލައި، ސިޓީން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

މެޗުގެ ފަހު މިނެޓުގައި ރެއާލް ވަނީ އަލުން ލީޑު ނެގުމާ ގާތަށް ޖެހިލައިފައެވެ. އެގޮތުން އޮރެލިއެން ޗުއަމެނީ ޖެހި ބާރު ބޯޅަ ކުޅަދާނަ ކަމާއެކު މަތަކުރީ ސިޓީގެ ގޯލްކީޕަރު އެޑަސަންއެވެ.

ސިޓީން އެންމެފަހުން ކުޅުނު 21 މެޗުގައިވެސް ބަލިވެފައި ނުވާ އިރު، އެ 21 މެޗުގެ ތެރެއިން 17 މެޗުން އެޓީމުން ވަނީ މޮޅުވެފައެވެ. ސީޒަނުގައި ބާކީ ހަތް މެޗު ސިޓީއަށް ދެން އޮތް އިރު، އެ ހަތް މެޗުން މޮޅުވެ، ތާރީހީ ޓްރެބަލްއެއް ކާމިޔާބުކުރުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.