ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އައްޔަން ކުރެއްވި މ.ލޭންޑްއޮފްގާޑްން، ފާތިމަތު ޝިރުވީން އާބެހޭ އެއްވެސް ޝަކުވާއެއް އޮތްނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެ މަޖިލީހުން ފުރުސަތު ހުޅުވާލައިފިއެވެ.
ޕީސީބީއަށް ޝިރުވީން އައްޔަން ކުރެއްވުމަށްފަހު، ގާނޫނުގައި ބަޔާންކޮށްފައިވާގޮތުގެމަތިން ޝިރުވީންއަށް މަޖިލީހުގެ ރުން ހޯއްދެވުމަށް ރައީސް ސޯލިހު ވަނީ އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ނިންމައި ޗުއްޓީއަށް ދިޔައީ، ޝިރުވީންގެ ނަން އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ފޮނުވައިފައެވެ.
އެނަން ދިރާސާ ކުރުމަށްޓަކައި ކޮމިޓީން ކުރަންޖެހޭ މަސައްކަތިގެ ދަށުން ޝިރުވީންއާމެދު އާއްމުންގެ އެއްވެސް ޝަކުވާއެއް ވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
މަޖިލީހުގެ އިދާރާއިން ބުނީ، އޭނާއާ ބެހޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ 16 މެއި ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، ޝަކުވާ ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާ ޕްރައިސަސް ކޮމިޓީއަށް މެއިލް ކުރުން، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދެއްވުމަށް އެދޭ ކަމަށެވެ.
މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ޕީސީބީއަށް ޝިރުވީން އައްޔަން ކުރެއްވީ، ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، އެ ބޯޑަށް ގާނޫނީ ދާއިރާއިން އައްޔަންކުރައްވަން ޖެހޭ މެންބަރުގެ ގޮތުގައެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ގާނޫނީ ދާއިރާއިން ބޭފުޅަކު އައްޔަންކުރައްވަން ޖެހެއެވެ.
ޝިރުވީން ޕީސީބީއަށް އައްޔަންކުރެއްވުމާއި ހަމައަށް މަސައްކަތްކުރައްވަމުން ގެންދެވީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގައެވެ. އަދި މިހާރުވެސް ޝިރުވީންއަކީ ފެމެލީ ލީގަލް ކްލިނިކް، އެންޖީއޯގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްވެސްމެއެވެ.
ޝިރުވީން ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ކެމްބްރިޖުން މާސްޓާސް އޮފް ލޯ ހާސިލްކުރައްވާފައެވެ. ހަތަރު އަހަރުގެ ދައުރަކަށް އައްޔަންކުރައްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.
އެ ބޯޑުގެ މެމްބަރުކަމަށް އަލަށް އައްޔަންކުރެއްވި ޝިރުވީންއާއެކު ބޯޑުގައި މިވަގުތު ތިއްބެވީ ހަ މެންބަރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު