ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: ކާބަފައިންގެ އާދައަކީ ކަންކަމުގައި ހިކުމަތްތެރިކަން އިސްކުރުމެވެ. (1)

އިމާދު ލަތީފު

ރޯމަނުންގެ އަމްބަރާތޫރު ޖޫލިއަންގެ ދަރުބާރަށް ދިވެހިރާއްޖެއިން މީގެ ސޯޅަސަތޭކަ އަހަރުކުރިން ވަފުދު ފޮނުވިކަން އެނގެނީ ދިވެހިން ލިޔެފައިވާ ދިވެހި ތާރީޚަކުން ނޫނެވެ. ރޯމަނުންގެ ތާރީޚުންނެވެ. ޗައިނާގެ ޓާންގް ޑައިނާސްޓީގެ ރަސްރަސްކަލުންގެ ދަރުބާރަށް މީގެ ސާދަސަތޭކަ އަހަރު ކުރިން ދިވެހިން ވެދުމާއިގެން ދިޔަކަން އެނގެނީވެސް ދިވެހިރާއްޖޭގެ ތާރީޚަކުން ނޫނެވެ. ޗައިނާގެ ތާރީޚުންނެވެ. ކާބަފައިންގެ ހުޝިޔާރުކަމާއި ވިސްނުންތެރިކަމާއި ކެތްތެރިކަމަށް އަލިއެޅިގެންދާ ކިތަންމެ ކިތަންމެ ވާހަކައެއް ބޭރު ގައުމުތަކުގެ ތާރީޚުގައި ބަޔާންވެގެންވެއެވެ. އެކަން އެހެންއޮތަސް އަޅުގަނޑުމެންގެ ތާރީޚުގައި ކަޅާއި ހުދުން ބަޔާންވެގެންނުވާ ކޮންމެ ކަމަކީ ކާބަފައިންގެ ކެރިކުޅަދާނަކަމުގެ ތެރޭގައި ހިމެނިގެންނުވާ، އަދި ހިމަނަންވެސް އެކަށީގެންނުވާ ކަންކަންކަމަށް ގަބޫލުކުރާ ބައެއް ދިވެހިން މިޒަމާނުގައި އެބަފެނެއެވެ.

އެފަދަ ވިސްނުމަށް އިޝާރާތް ކުރުމުގެ ގޮތުން މިސާލެއް ދަންނަވައިލާނަމެވެ. މިސްރުގައި މިއަދު ދިރިއުޅޭ މީހުންނަކީ ގަބުރު ކުނިނުވާގޮތް ހަދަން އެނގޭ ބަޔަކަށްނުވާތީ، އަދި އެތައް ޓަނުގެ ބޮޑެތި ހިލަތައް ކަނޑައިގެން ގެންގޮސް ޕިރަމިޑް ހަދަން ނޭނގޭ ބަޔަކަށްވާތީ އިހުގެ މިސްރީންނަށްވެސް އެކަންކަން ކުރަން ނޭނގޭނެ ކަމަށް މިއަދުގެ މިސްރީންނަށް ބުނެވިދާނެ ބާވައެވެ. ނިންމިދާނެ ބާވައެވެ. ނޫނެކެވެ. އެހެނަކުން ނުވާނެއެވެ. ނުބުނެވޭނެއެވެ. މި ސިލްސިލާގައި ބަލައިލުމަށް ގަސްތުކުރަނީ އަޅުގަނޑުމެންގެ ކާބަފައިންގެ މޮޅުކަމާއި ވިސްނުންތެރިކަމާއި ކަމަށް ކަމޭހިތުން ބޮޑުކަން ހާމަވެގެންދާ ހާދިސާތަކުގެ މައްޗަށެވެ. އެގޮތުން އެންމެ ފުރަތަމަވެސް ބަލައިލާނީ ބައިނަލްއަގުވާމީ ޑިޕްލޮމަސީގެ ކަންކަމުގައި ދިވެހިން ގެންގުޅުނު ހުޝިޔާރުކަމާއި ވިސްނުންތެރިކަމާއި ފަރުވާތެރިކަން ހާމަކޮށްދޭ ލިޔުންތަކަކަށެވެ.

ބައެއް މީހުން ހީކުރެއެވެ. އަދި ބުނާތީވެސް އިވެއެވެ. މީގެ 58 އަހަރު ކުރިން 26 ޖުލައި 1965 ގައި އިނގިރޭސީންގެ އަތްދަށުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނީ އެކަމުގައި ދިވެހިންގެ މާބޮޑު ހިކުމަތްތެރިކަމަކާއި ވިސްނުންތެރިކަމެއް ހުރެގެނެއް ނޫނެވެ. އިސްތިއުމާރު ކުރެވިފައިވާ ތަންތަން މިނިވަންކުރުމަށް މަޖުބޫރުވާ ގޮތަކަށް ދުނިޔޭގެ އޮޔާއި ވައި ހުރުމުން އޭގެ ފައިދާއެވެ. ބަރުމާޔާއި މެލޭޝިޔާ، ސިލޯނާއި އިންޑިޔާ ކަހަލަ ތަންތަނަށް މިނިވަންކަން ދެމުންދިޔައިރު ދިވެހިރާއްޖެއަށްވެސް މިނިވަންކަން ދިނީއެވެ. މުޅިން ހޮޅި ވިސްނުމެކެވެ. އެހެންވީކަމެއް ނޫނެވެ. ރާއްޖެކަހަލަ ކުދިކުދި މައިކްރޯ ގައުމުތަކަށް މިނިވަންކަން ދިނުމުގެ އާދައެއް އޭރަކު އަދިނެތެވެ. މިވަރުގެ ކުދި ގައުމުތަކަށް އަމިއްލަ ކަންކަން އަމިއްލައަށް ކުރެވިދާނޭކަމާމެދު ޝައްކު އުފެއްދުން ބޮޑު ޒަމާނެކެވެ.

އޭރުއޮތް އާދަޔަކީ ނުވަތަ ވިސްނުމަކީ ބޮޑެތި ގައުމުތަކަށް މިނިވަންކަންދީފައި އެގައުމުތަކާއި ކައިރިކައިރީގައިވާ ކުދިކުދި ތަންތަން އެއިން ކޮންމެވެސް ގައުމަކާ ހަވާލުކޮށް އެގައުމެއްގެ ބަޔަކަށް ހެދުމެވެ. މިކަމުގެ މިސާލުތައް ބައިވަރެވެ. ރާއްޖެއަށް މިނިވަންކަން ދިނުމުގެ ބަދަލުގައި މިދެންނެވި އުސޫލުން އަމަލުކުރުމަށްވެސް ފުރުސަތު އޮތެވެ. އަވަށްޓެރި ބައެއް ގައުމުތަކުން އެކަމަށް އުންމީދުވެސް ކުރިއެވެ. ޚާއްސަކޮށް ސްރީލަންކާއެވެ. އެކަމަކު އެމަގުން ކަންކަން ނުދިޔައީ ދިވެހިންގެ ހުޝިޔާރުކަމުގެ ސަބަބުންނެވެ. މުޅިދުނިޔެއާއި މި ސަރަހައްދުގެ އޮޔާއި ވައި ހުރިގޮތް ދަނެގެން އިނގިރޭސިވިލާތާ ވާހަކަ ދައްކަންވީގޮތަށް ވާހަކަ ދައްކައިގެންނެވެ. ބަޔަކު ތައްޔާރުކޮށްގެން އައި ލިޔުމެއްގައި ދިވެހިން ސޮޔެއް ނުކުރެއެވެ. ސޮއިކުރީ ދިވެހިން ބޭނުންވިގޮތަށް ބަދަލުކުރެވިފައިވާ އަދި ދިވެހިންނަށް މޭރުންވާ ލިޔުމެއްގައެވެ.

ދިވެހިރާއްޖެއަށް މިނިވަންކަން ދިނުމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކުރުން މަސްތަކަކަށް ނުވަތަ އަހަރުތަކަކަށް ލަސްވެގެން ދިޔައީވެސް ބޭރުބަޔަކު ތައްޔާރުކުރި ލިޔުމެއްގައި ސޮއިނުކޮށް ދިވެހިންނަށް އެންމެ ފައިދާހުރި އެންމެ މޮޅުގޮތް ކުރިއަށްނެރެ އެކަންކަން އެއްބަސްވުމުގައި ހިމަނަން ކުރެވުނު މަސައްކަތުގެ ސަބަބުންނެވެ. ލަސްވިޔަސް، ވަގުތު ހޭދަވިޔަސް އެންމެ މޮޅުގޮތް ދޫނުކުރުމުގެ ވިސްނުން ދިވެހިން ގެންގުޅުމުގެ ސަބަބުންނެވެ. މަޝްވަރާކުރެވުނީ ދިވެހިރާއްޖެއަކު ނޫނެވެ. ސިލޯނުގައެވެ. އަބްދުއްސައްތާރު މޫސާދީދީ ހުންނެވީ މާކުރީއްސުރެ ސިލޯނުގެ ކޮޅުނބަށް ފޮނުއްވައިފައެވެ. މަޝްވަރާތައް ކުރިއަށްދާގޮތް ވަރަށް ސާފުކޮށް ބަޔާންކުރެެއްވުމާއެކު ދެން ހަދަންވީގޮތުގެ ލަފަޔަށް އެދިވަޑައިގެން ސައްތާރު ގެންދެވީ ކޮންމެ ދުވަހަކުވެސް ބޮޑުވަޒީރު ނާސިރަށް ކޭބަލް ފޮނުއްވަމުންނެވެ.

މިދެންނެވި ކޭބަލްތައް ފެންނާން އެބަހުއްޓެވެ. އެތަކެއްޗަށް ބަލައިލީމާ މަޝްވަރާތައް ހިނގަމުންދިޔައީ މާލެއިން ތައްޔާރުކުރި ޑްރާފްޓަކާއި ލަންޑަނުން ތައްޔާރުކުރި ޑްރާފްޓަކާމެދުގައިކަން އެނގެއެވެ. އެ ދެ ޑްރާފްޓްގެ ތެރެއިން ފައިނަލް ޑްރާފްޓްގައި ހިމަނަންވީ ލަފުޒުތަކާއި ޖުމްލަތަކާމެދު ވަރަށް ބޮޑަށް ބަހުސްކުރެވުނުކަން އެނގެއެވެ. ބޮޑުވަޒީރު ނާސިރަށް އެނގިވަޑައިގެން، މޭރުންވެވަޑައިގެން އެޔާދޭތެރޭ ނުވިސްނަވާ އެންމެ އަކުރެއްވެސް ފައިނަލް ޑްރާފްޓުގައި ނުވާކަންވެސް އެނގިގެންދެއެވެ. އެގްރިމަންޓުގައި ސޮއިކުރައްވަން ބޮޑުވަޒީރު ނާސިރު ކަނޑުމަގުން ކޮޅުނބަށް ވަޑައިގެންނެވިއިރުވެސް މުޅި އެގްރިމަންޓާއި އޭގެ މަންފާ އެމަނިކުފާނުގެ ސިކުނޑިފުޅަށް ނެންގެވިފައިވާކަން ދޭހަވެއެވެ. އެހެންވީމާ ކުރިން އިޝާރާތްކުރި ކޭބަލްތަކުގައިވާ އަސްލު ވާހަކަތަކަށް ބަލައިލާނަމެވެ.

(ނުނިމ