އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ބޮޑު ތަފާތަކުން ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ސަސްއިން ގްރީން ބަލިކުރީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިރޭގެ މެޗަކީ ގްރީންއިން މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗެވެ. ސީޒަނަށް ތައްޔާރުވާން އުނދަގޫތަކާ ކުރިމަތިވެ، ގްރީންއިން ފަރިތަކުރުންތައް ފެށީވެސް ލީގަށް ދުވަސްކޮޅަކަށް ވެފައި އޮއްވައެވެ. އަނެއްކޮޅުން ނުކުތް ސަސްއިން ޕްރެސިޑެންޓްސް ކަޕްގެ ސެމީއާ ހަމައަށް ގޮސްފައިވާ އިރު، އެޓީމުން އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރަނގަޅަށް ކުޅެފައިވެއެވެ. ސަސްއިން މި ސީޒަނަށް ތައްޔާރުވުމަށް ގެންދިޔަ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް ޕްރެސިޑެންޓްސް ކަޕްގައި އަނިޔާވެފައިވާ އިރު، މިރޭގެ މެޗަށްވެސް އޭނާ ނުކުމެފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި ދަގަނޑޭ ކަކުލަށް ލިބުނު އަނިޔާއިން ރިކަވާވުމަށް އަދި ދުވަސް ނަގާނެއެވެ.
ފެށުން ރަނގަޅުކުރުމަށް މިރޭ ދެ ޓީމުންވެސް މެޗަށް ނުކުމެފައިވާ އިރު، މެޗު ރަނގަޅަށް ފެށީ ސަސްއިންނެވެ. އެޓީމުން ކުރިއަށް ޖެހި މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެމުންދިޔަ އިރު، ގްރީންއިން ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެންނެވެ. ނަތީޖާއެއްގެ ގޮތުން ގްރީނުން ބޮޑަށް ސަމާލުކަން ދިނީވެސް ކައުންޓާ އަށެވެ. މެޗުގެ ފުރަތަމަ ފުރުސަތު، ކުރީކޮޅުގައި ގްރީންގެ ކެޕްޓަން ބޭންޑްގައި މެޗަށް ނުކުތް އަންސަރު އިބްރާހީމް (އަންކޮ) އަށް ލިބުނު ނަމަވެސް، އޭނާއަށް އެކަށީގެންވާ ގޮތެއްގައި ހަމަލާ ކުރިއަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.
އެ ފުރުސަތަށް ކުޑައިރުކޮޅެއް ފަހުން މެޗުގެ 17 ވަނަ މިނެޓުގައި ސަސްއިން ލީޑު ނެގިއެވެ. އެ ގޯލަކީ މުހައްމަދު ޝަހާއު (ބޭލް) ނެގި ހުރަހެއްގައި ކެޕްޓަން މުހައްމަދު ނިޒާމް (ޕީކޭ) ޖެހި ގޯލެކެވެ. ކޯނަރަކަށް ކުރިއަށް ޖެހި އޮތް ޕީކޭ، ބޭލްގެ ހުރަހަށް އަރައި ގޯލު ޖެހީ ބޮލުންނެވެ.
އެ ގޯލަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔަ ސަސްއިން މެޗުގެ ފުރަތަމަ ހާފުގައި އިތުރު ދެ ގޯލު ޖަހާފައިވެއެވެ. 31 ވަނަ މިނެޓުގައި ސަސްގެ ދެވަނަ ގޯލު ޖެހީ އަހުމަދު އައިހަމްއެވެ. އަހުމަދު ހުސާމް ދުއްވާލި ޕާހަށް ކުރިއަށް ޖެހި އައިހަމް ބޯޅަ ނިންމާލީ ސީދާ ކަނަށެވެ. އަދި އޭގެ ފަހުން 33 ވަނަ މިނެޓުގައި ސަސްއިން އެޓީމުގެ ތިންވަނަ ގޯލު ޖެހިއެވެ. އެ ގޯލަކީ އަހުމަދު ހަމީދު ދުއްވާލި ބޯޅައިން ކުރިއަށް ޖެހި އަލީ ނަސޫހު ރަޝީދު ޖެހި ގޯލެކެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިނިމި އޮއްވައި ގްރީންއަށް ވަނީ ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އަންކޮ ކުރިއަށް ޖެހި ފޮނުވާލި ބާރު ބޯޅަ މަތަކުރީ ސަސްގެ ގޯލު ބެލެހެއްޓި އަބްދުﷲ ޒިމާމެވެ.
ދެވަނަ ހާފުވެސް ސަސްއިން ފެށީ ރަނގަޅަށެވެ. އެޓީމުން ވަނީ ހާފުގެ ކުރީކޮޅުގައި އިތުރު ގޯލެއް ޖަހައި ހަތަރު ގޯލުގެ ލީޑެއް ނަގައިފައެވެ. ސެޓް ޕީސްއަކަށް ކުރިއަށް ޖެހި އެޓީމުގެ ހަތަރު ވަނަ ގޯލުވެސް ޖަހައިދިނީ ކެޕްޓަން ޕީކޭއެވެ.
އެ ގޯލާއެކު ސަސް ހަމަޖެހިލައި މަޑު ޖައްސާލައިގެން ކުޅެމުންދިޔަ އިރު، ފަހު 15 ވަރަކަށް މިނެޓުގައި ދެ ޓީމުގެ ފަރާތުންވެސް ވަރުބަލިކަން ފެނުނެވެ. ފަހު ދިހަ ވަރަކަށް މިނެޓުގައި ގްރީނުން ކޮންމެވެސް ވަރަކަށް ކުރިއަށް ޖެހިލައިގެން ކުޅުނު ނަމަވެސް ނުރައްކާކޮށް ބޮޑަށް ފެނުނީ ސަސްއެވެ. މެޗުގެ 78 ވަނަ މިނެޓުގައި އައިހަމް އަހުމަދު (އައިހު) ގްރީންގެ ކީޕަރު އަހުމަދު ރަމީޒު ނައްޓާލައި، އޭރިއާ ތެރެއިން ގޯލަށް ބޯޅަ ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް، ރަމީޒް އަލުން ތެދުވެ ބޯޅަ ހޯދިއެވެ. އަދި އޭގެ ފަހުން ޕިލާ ޖެހި ބޯޅައެއްވެސް މަތަކުރީ ރަމީޒެވެ.
މެޗުގެ 85 ވަނަ މިނެޓުގައި ސަސްއިން ފަސްވަނަ ގޯލެއް ޖަހައި، ފުރިހަމަ މޮޅެއް ޔަގީންވެސް ކުރިއެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމުގައި އައިހު ފޮނުވާލި ބޯޅަ ގްރީންގެ ގޯލްކީޕަރު ރަމީޒު މަތަކުރި ނަމަވެސް، ރީބައުންސްގައި ޑިފެންޑަރު އަހުނަފް ރަޝީދު (އަހުއްކޮ) ވަނީ ބޯޅަ ގޯލަށް ވައްދާލައިފައެވެ.
މެޗު ނިމިނިމި އޮއްވައި، ގްރީނުން ގޯލެއް ޖަހާފައިވާ އިރު، އެ ގޯލުޖެހީ އަބްދުﷲ އަނޫސްއެވެ. ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ މުހައްމަދު ޖައިލަމް (އޮގީ) އެވެ.
ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.