ވަގު ޑޮލަރު ބޭނުން ކޮށްގެން އައިފޯން 14 ޕްރޯ މެކްސް އެއް ގަތް މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި ޖަލަށްލާފައިވަނީ ސ. ހުޅުދޫ، ސީވޭވް، އަބްދުﷲ ނަޝީލްއެވެ.
ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާގައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ 12:20 އެހާކަންހާއިރު ފޭސްބުކް އަދި އައިބޭ މެދުވެރިކޮށް ފޯން ވިއްކާ މީހެއްގެ އަތުން އައިފޯން 14 ޕްރޯ މެކްސްއެއް ގަތުމަށް ގުޅައި ފޯނު ހަވާލުކުރުމަށް ރެހެންދި ފުލެޓް ކައިރިއަށް އައުމަށް އެދުނު ކަމަށެވެ.
ފޯނު ވިއްކާ ފަރާތުން، ފޯނު ހަވާލުކުރަން ދިޔުމުން ފޯނަށްވާ 1،500 ޑޮލަރު ނަޝީލް ހަވާލުކުރި ކަމަށާއި އެއީ ސައްހަ ނޫން ޑޮލަރު ކަމަށް ދައުވާގައިވެއެވެ.
އެހެންވެ ދައުލަތުން ވަނީ އޭނާގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.
އެ ދައުވާއަށް އިބުތިދާއީ މަރުހަލާގައި ނަޝީލް ވަނީ އިއުތިރާފުވެފައެވެ. ކުށަށް އިއުތިރާފުވުމުން އެއީ ސައްހަ އިއުތިރާފެއްތޯ ކަށަވަރު ކުރަން ކޯޓުން ވަނީ ހާދިސާ ކިޔައިދިނުމަށް އެދިފައެވެ. އެ ހާދިސާ ދައުވާގައިވާ ގޮތަށް ނަޝީލް ކިޔައިދިނުމުން އެއީ ސައްހަ އިއުތިރާފެއް ކަމަށް ކޯޓުން ވަނީ ބަލައިގެންފައެވެ.
އަދަބު ކަނޑައެޅުމުގެ ގޮތުން ދެ ފަރާތުން ދެއްކި ވާހަކައަށް ރިއާޔަތްކުރުމަށްފަހު މައްސަލަ ބައްލަވާ ގާޒީ ހުކުމްކުރީ މައްސަލައިގެ ތަހުގީގަށް ނަޝީލް 29 ދުވަހާއި 10 ގަޑިއިރު އަދި 44 މިނެޓަށް ބަންދުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެ މުއްދަތު ޖަލު އަދަބުން އުނިކުރުމުން ނަޝީލަށް އަންނަ ޖަލު އަދަބަކީ ނުވަ މަހާއި 12 ދުވަހަށް ޖަލަށް ލުމަށެވެ. މީގެ އިތުރުން ނަޝީލް 480 ގަޑި އިރު މުޖުތަމައަށް ހިދުމަތް ކުރުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލަ ބެއްލެވި ގާޒީ ސަފްއަތު ހަބީބުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު