އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ބޮޑު މޮޅެއް ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާއިން ޔޫވީ ބަލިކުރީ 7-2 ގެ ނަތީޖާއަކުންނެވެ.

ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މާޒިޔާއިން މިއަދުގެ މެޗަށް ނުކުތީ ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކޮށް، ރަނގަޅަށް ސީޒަން ފަށާފައި އޮވެގެންނެވެ. އަނެއްކޮޅުން 15 ވަރަކަށް ޕްރެކްޓިސްއަށްފަހު ޔޫވީން މެޗަށް ނުކުތީ މާ ބޮޑު ތައްޔާރީއެއް ނެތިއެވެ. ޓީމުގައި ފުރަތަމަ ޑިވިޝަނަށް އާ ޒުވާން ގިނަ ކުޅުންތެރިންތަކެއް މިފަހަރު ޔޫވީގެ ޓީމުގައި ހިމެނޭ އިރު، އެޓީމުން ޕްރެސިޑެންޓްސް ކަޕްގައިވެސް ވާދަކޮށްފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ 11 އަށް ދެ ޓީމުން ނެރުނު ކުޅުންތެރިންނަށް ބަލާއިރު، މާޒިޔާގެ ފޯވަޑް ލައިނުން މިއަދުވެސް ފެނުނީ ރާއްޖޭގެ ކުޅުންތެރިންނެވެ. ހަމްޒާ މުހައްމަދު (ހަމްޕު) އާއި ރާއިފް ހަސަން (ހަންނަ)ގެ އިތުރުން ފުރަތަމަ 11 ގައި މާޒިޔާގެ ފޯވަޑަށް ނުކުތީ ނާއިޒް ހަސަން (ދާދު)އެވެ. މެދު ތެރެއިން އެލްޑާ ހަސަނޮވިޗް މިއަދު ފެނިގެން ގޮސްފައިނުވާ އިރު، އެތަން ފޫބައްދަން ނުކުތީ މުހައްމަދު އިރުފާން (އިރޭ) އެވެ.

މެޗު ފެށިގެން މާޒިޔާއިން ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ކައުންޓާގައި ޔޫވީގެ އެޓޭކްތަކުގެ ބާރު ސްޕީޑު ފެނިގެން ދިޔައެވެ. ހާއްސަކޮށް އަހުމަދު ބައްސާމް މުހައްމަދު ނައީމްގެ ތަފާތު ފެނިގެން ދިޔައެވެ. ރަނގަޅު ފެށުމަކުން މެޗު ފެށި މާޒިޔާއިން ވަނީ 11 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އަރިމަތިން ހަސަން ޝިފާޒް (ޑުންގާ) ކުރިއަށް ޖެހި ނަގައިދިން ބޯޅަ ހަންނަ އޭރިއާ ތެރެއިން ބައިދާލުމުން ގޯލަށް ވައްދާލީ ދާދުއެވެ.

އެ ގޯލާއެކު މާޒިޔާއިން ހަމަޖެހިލި ނަމަވެސް، ޔޫވީން ކުރި ފުރަތަމަ ނުރައްކާތެރި އެޓޭކްގައި އެޓީމުން ހަމަހަމަ ކުރިއެވެ. މެޗުގެ 19 ވަނަ މިނެޓުގައި ޔޫވީގެ ގޯލު ޖަހައިދިނީ ޔޫވީގެ ފޯވަޑް ޝަނާން ރަޝާދެވެ. އޭރިއާ ތެރެއިން މުހައްމަދު ރީހާން މާޒިޔާގެ ބިދޭސީ ޑިފެންޑަރު އެޑްގަރާސް ޒާސްކިސް ކައިރިން ނައްޓާލައި ގޯލަށް ޖަހަން އުޅުނު ބޯޅަ އޭނާއަށް ފޮނުވާނުލިވިގެން އުޅެނިކޮށް، ގޯލުގެ ކަނަށް އަމާޒުކޮށްލީ ޝަނާނެވެ.

ގޯލާއެކު ޔޫވީން ކުޅުން ރަނގަޅުކޮށް، މަސައްކަތު ރޭޓް ރަނގަޅުކޮށްލި ނަމަވެސް، އަނެއްކާވެސް މާޒިޔާއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. 24 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީގައި އަލުން ލީޑު ނަގައިދިނީ ހަމްޕުއެވެ. އެ ޕެނަލްޓީއަކީ ހަމްޕުއަށް ޔޫވީގެ ޑިފެންޑަރު ކުރި ފައުލަކުން ލިބުނު ޕެނަލްޓީއެކެވެ.

އެ ގޯލަށްފަހު ފުރަތަމަ ހާފުގައި މާޒިޔާއަށް ލީޑުގެ ފަރަގު އިތުރަށް ފުޅާކުރަން ފުރުސަތުތައް ލިބިގެން ގޮސްފައިވާ އިރު، އައިސަމް އިބްރާހީމާއި އިރޭ ޖެހި ބޯޅަތައް ދިޔައީ ގޯލާ އަމާޒުނުވެއެވެ. ހަމްޕުގެ ހުރަސް އައިސަމަށް ފޮނުވާލަން ލިބުނު ނަމަވެސް ޖެހީ މާމަތިން ބޭރަށެވެ. އަދި ކޯނަރެއްގައި އިރޭއަށް ހުސްކޮށް އޮވެ ބޮލުން ޖަހަން ލިބުނު ބޯޅައިގައި އޭނާއަށް ގޯލާ އަމާޒުކޮށް ނުލެވުނެވެ.

ފުރުސަތުތަކުގެ ބޭނުން ނުކުރެވި މާޒިޔާއަށް އުނދަގޫތަކާ ދިމާވެފައިވާ އިރު، އޭގެ ނަތީޖާއެއްގެ ގޮތުން ހާފުގެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށް ޔޫވީން ކުރި އެޓޭކެއްގައި ނަތީޖާ ހަމަހަމަ ކުރިއެވެ. އަރީން އަބްދުލް އިބްރާހީމް އޭރިއާ ބޭރުން ފްލިކް ކޮށްލައި ދިން ހިތްގައިމު ބޯޅައިން ޔޫވީގެ ދެވަނަ ގޯލު ޖެހީ މޮޅަށް ކުޅެމުންދިޔަ ބައްކުއެވެ.

ދެވަނަ ހާފަށް މާޒިޔާއިން ނުކުތީ ތިން ބަދަލަކާއެކުގައެވެ. ފަހަތަށް ބިދޭސީ ޑިފެންޑަރުގެ ބަދަލުގައި އަހުމަދު ނޫމާން (ހެލްމެޓް) ކުޅެން ނެރުމުގެ އިތުރުން ދާދުގެ ބަދަލުގައި ހަސަން ނަޒީމް (ޗޯޓު) އަދި ފަހަތުން ހައިޝަމް ހަސަން (ބިޑި)ގެ ބަދަލުގައި ހުސައިން ޝިފާއު ޔޫސުފް (ކްރޯ)ވެސް މާޒިޔާއިން ވަނީ ދެވަނަ ހާފަށް ނެރެފައެވެ.

އެ ބަދަލުތަކާއެކު މާޒިޔާއިން ކުޅުން ހަމަޖައްސާލައި، އަލުން ލީޑު ނަގަން މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ސެޓް ޕީސްތަކުގައި ދިޔައީ ނުރައްކާ ކުރަމުންނެވެ. ހާއްސަކޮށް ދެވަނަ ހާފުގެ ކުރީކޮޅުގައި ސަމުއްޓެ ކުރިއަށް އަރައި ބޮލުން ޖެހި ބޯޅައެއްގެ އިތުރުން ހަމްޕުގެ ހަމަލާއެއް ފާހަގަވިއެވެ. ހާފުގެ މެދުތެރެއިން މާޒިޔާއިން އިތުރު ދެ ބަދަލެއް ކޮށް، އެޓޭކިން ވަރުގަދަކޮށްފައިވެއެވެ. އެގޮތުން އަލީ ފާސިރު (ސެންޓޭ) އާއި ސާބިއާގެ ފޯވަޑް ސްޓެފަން މިހަލޮވިޗް ކުޅެން ނުކުތީ އައިސަމް އާއި އިރޭގެ ބަދަލުގައެވެ.

އެޓޭކިން ބަދަލުތަކާއެކު ޔޫވީގެ ފަހަތަށް ބާރުބޮޑުވެ، ހެދުނު ގޯސްތައް ފެނިގެން ދިޔައެވެ. މެޗުގެ 68 ވަނަ މިނެޓުގައި ހަމްޕުގެ ހިތްގައިމު ގޯލެއް ފެނިގެން ދިޔަ އިރު، އޭގެ މިނެޓެއް ފަހުން އިތުރު ގޯލެއް ޖަހައި މާޒިޔާއިން ދެ ގޯލުގެ ލީޑެއް ނެގިއެވެ. ހަމްޕުގެ ގޯލަކީ އަރިމަތިން ކްރޯ ނެގި ބޯޅައެއް އެއްފަހަރުން ވޮލީއެއް ޖަހައި މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ. އަދި ސްޓެފަން ޖެހި ގޯލަށް އެސިސްޓް ކޮށްދިނީވެސް ހަމްޕުއެވެ.

އެ ދެ ގޯލާއެކު މާޒިޔާއިން ކޮންފިޑެންސާއެކު ކުޅެމުންދިޔަ އިރު، ޔޫވީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ވަރުބަލިކަމުގެ މައްސަލައެވެ. ގިނަ ކުޅުންތެރިންތަކަކަށް އަކުނިވަޔަށް ދެމުމުގެ މައްސަލަތައް ދިމާވެފައިވާ އިރު، އެކަމުގެ ސަބަބުން ބަދަލުތައްވެސް ކުރަން ޖެހުނެވެ.

މެޗުގައި މާޒިޔާއިން ޖެހި ފަސްވަނަ ގޯލު ޖެހީވެސް ޕެނަލްޓީއެއްގައެވެ. 81 ވަނަ މިނެޓުގައި ޗޯޓުއަށް އޭރިއާ ތެރެއިން ޔޫވީގެ ޑިފެންޑަރު ކުރި ފައުލަށް ލިބުނު ޕެނަލްޓީގައި ގޯލު ޖެހީވެސް ހަމްޕުއެވެ. އެ ގޯލާއެކު ހަމްޕު މެޗުގެ ހެޓްރިކް ފުރިހަމަ ކުރި އިރު، މާޒިޔާއިން ވަނީ 84 ވަނަ މިނެޓުގައި ހަވަނަ ގޯލެއްވެސް ޖަހައިފައެވެ. އެ ގޯލުގައި ހަންނަގެ ރޯލު ބޮޑުކޮށް ފެނުނު އިރު، އޭނާ ހަތަރު ކުޅުންތެރިން ކައިރިން ނައްޓައި، އޭރިއާ ތެރެއަށް ވަދެ ދިން ބޯޅަ އެއް ފަހަރުން ގޯލަށް ވައްދާލީ ސްޓެފަންއެވެ.

އޭގެ ފަހުން މުޅިންހެން މާޒިޔާއިން މެޗު ކޮންޓްރޯލްކޮށް ކުޅުނު އިރު، އެޓީމުން ހަތްވަނަ ގޯލެއް ޖަހައި ލީޑުގެ ފަރަގު އިތުރަށް ބޮޑުކުރިއެވެ. އެ ގޯލަކީ ސެންޓޭ ޖެހި ހިތްގައިމު ހިލޭ ޖެހުމެކެވެ. އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުން ސެންޓޭ ފޮނުވާލީ ސީދާ ކަނަށް އަމާޒުކޮށްފައެވެ. އެ ބޯޅަ ގޯލަށް ވަނީ ޔޫވީގެ ގޯލްކީޕަރު އަލީ ނާޖިހު އަތުގައި ޖެހިފައެވެ.

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިރޭ 9:00 ގައި ކުޅޭ މެޗުގައި ވާދަކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ.