ސިވިލް ކޯޓުގެ އިސްގާޒީ ކަމުގެ މަގާމަށް ގއ.މާމެންދޫ، ފެހިގެ، އަހްމަދު ނިމާލް ޖުނައިދު އައްޔަން ކުރައްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިއަދު ބުނީ އޭނާ އެމަގާމަށް އައްޔަން ކުރެއްވީ ކޮމިޝަނަށް ލަފާއަރުވާ ކޮމިޓީގެ ލަފައާއެކުގައި ކަމަށެވެ.
މި ކަމަށްޓަކައި ޖޭއެސްސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އަހްމަދު ނިމާލް ޖުނައިދަށް އިސްގާސީގެ ފަތްކޮޅު ހަވާލު ކުރެއްވީ ޖޭއެސްސީގެ ރައީސާ އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ.
ސިވިލްކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި، އަބްދުالله އަލީ ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅި ކުރެއްވުމާ ގުޅިގެންނެވެ.
އަބްދުﷲ އަލީ އަކީ ފަނޑިޔާރުކަމުގައި 36 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އިސްގާޒީ އަބްދުالله އަލީ، 2022 ސެޕްޓެމްބަރު ހަތަރަކުން ފެށިގެން މުސްކުޅިކޮށްދެއްވުމަށް ނިންމުމާ ގުޅިގެން، ސިވިލް ކޯޓު ވަގުތީގޮތުން ހިންގެވުން، ހަވާލު ކުރެއްވީ ވެސް ގާޒީ އަހްމަދު ނިމާލް ޖުނައިދާއެވެ.