ޚަބަރު

ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް އާދަމް މުހައްމަދު

އިބްރާހިމް ޒަކީ

ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އައްޔަންކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވުމުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލީ އެންމެ ފަރާތެއް ކަމަށެވެ. އެއީ އެ މަގާމަށް މިއަދު އައްޔަން ކުރެއްވި ޅ. ހިންނަވަރު، މާތިލަ އާދަމް މުހައްމަދު ކަމަށްވެސް ބުންޏެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އާދަމް މުހައްމަދު އައްޔަން ކުރަން ނިންމީ، އިންޓަވިއު ކުރުމަށް ފަހު ފަނޑިޔާރުން އައްޔަން ކުރުމަށް، ޖޭއެސްސީގައި އޮންނަ ކޮމެޓީން ލަފާދިނުމުން ކަމަށްވެސް ޖޭއެސްސީން ބުނެފައި ވެއެވެ.

ކުރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި ޣާޒީ އަހުމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގަވަމުން ގެންދެވީ ވެސް ގާޒީ އާދަމް މުހައްމަދެވެ.