ރިޕޯޓް

އެމީހަކާ އެމީހެއް، ފުވައްމުލަކަށް "ހުޅަންމަހަ" ނެގުމުގެ އީދެއް!

ސިނާން އަލީ

ރަށުގެ ހުޅަނގުފަރާތުން ނެރެގަނޑުފަންނާ ހިސާބުން އުތުރަށް އަތިރިމަތީގައި މީހުން ސަފުސަފަށް އެތުރިގެން މި ތިބީ ފުޅަނގި، ފުވައްމުލަކު ބަހުން ނަމަ "ހުޅަންމަހަ" ހޮވާށެވެ. މިއީ ފޯރިގަދަ ކަމެކެވެ. ހީވަނީ ބޮޑު އީދެއް އައިސްގެން އުޅޭހެންނެވެ. ހެނދުނެއް ހަވީރެއް، ރޭގަނޑެއް މެންދަމެއް ފަތިހެއް ނެތެވެ. އޮތީ އެ މީހަކަށް ފަސޭހަ ވަގުތެކެވެ.

ރޭގަނޑު ދާ މީހުން އަތިރިމަތީގައި ހަރަކާތްތެރިވާތަން ފެންނަނީ އެކި ކަހަލަ ޓޯޗުބައްތިތައް ހިފައިގެންނެވެ. ފަތިސްގަޑިއަށް ދާ މީހުން ހޮވަނީ ރޭގަނޑުގެ އިރާކޮޅާއި ދަންވަރު ދާ މީހުންނަށް ނުފެނި ހުންނަ ބައެވެ. ފަތިހު ދާ މީހުން ގެންނަ ފުޅަނގިފަތިވެސް ކުޑައެއް ނޫނެވެ.

އެންމެ ބޯކޮށް ފުޅަނގި އަރާ ސަރަހައްދު ފާހަގަކުރަން އަހަރެމެން ގުނީ އަތިރިމައްޗަށް ފައިބާން އޮތް ހޭޅިއާ ދިމާ ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކެވެ. ފަސޭހައިން ފޭބޭ ގޮތަށް ހުންނަ ކުދިކުދި މަގުތައް، ނުވަތަ ހޭޅި ކެނޑިފައި ހުރި އެކި ސަރަހައްދުތަކުގައި ސައިކަލު ޕާކުކޮށްފައި ހުރީ އެކި ވަރަށެވެ. ބައެއް ތަންތަނުގައި 10 ސައިލަކު ހުރިއިރު 20 ސައިކަލުން ފެށިގެން ގޮސް 40 ސައިކަލާ ހަމައަށް ޕާކުކޮށްފައި ހުރި ސަރަހައްދުތައްވެސް މަދެއް ނޫނެވެ. މި ހިސާބުގަނޑުގައި ދިރިއުޅޭ ބައެއް ގޭގޭގެ މީހުން ނުކުންނަނީ ހިނގާފައެވެ. އެމީހުން ޖެހޭނީ "ނައިބުތުއްތު މަގު" ހުރަސްކޮށްލާށެވެ. އޭރުން އެއޮތީ އަތިރިމައްޗަށް ފޭބިފައެވެ.

ފުޅަނގި ހޮވަން އަތިރިއަށް ފައިބައި މި ފޯރީގައި ބައިވެރިވުމުގައި ވަކި އުމުރެއް ނެތެވެ. ކުޑަކުދީންނާއި ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުންވެސް މަދެއް ނޫނެވެ. އެންމެ ހައިރާންވީ އެއް ކަމަކީ، އަތިރިމަތީގައި ހުރި ބޮޑެތި ގާތައްމަތީގައި އެމީހުން ދުވެ އުޅޭލެއް ފަރިތަކަމެވެ. ވަރަށް ގިނަ ބަޔަކު ތިބީވެސް ހުސްފަޔާ އެވެ. މީގެ ތެރޭގައި ތިބި ކުޑަކުދީންނާއި އަންހެން ކުދީންވެސް ފަރިތަކަމާއެކު މި ގާތައްމަތީގައި ދުވެ ހަދައެވެ.

އެއް ބަޔަކު ކަށިމަތިފެނަށް، އަނެއްބަޔަކު އުނަގަނޑުފެނަށް މޫދަށް އެރިތިބިއިރު، ފައިތިލަ ފެނުގައި ތިބި މީހުންވެސް މަދެއް ނޫނެވެ. މި އެންމެންވެސް ތިބެނީ ނިކަން ހުޝިޔާރު ވެގެންނެވެ. ބައެއް ފަހަރަށް ވައްތަރުވަނީ ބަށި ކުޅޭ އިރު، ކޯޓުގައި ތިބޭ މީހުންނާ އެވެ. އެމީހުންވެސް ތިބެނީ ބޯޅަ ޖެހީމާ އަވަހަށް ހިފާން ތައްޔާރު ވެގެން ވަރުގަދަޔަށް ބިމުގައި ފައި ވިއްދައިގެންނެވެ. މިހެން ތިބެފައި މިވެރިން ދުއްވައިގަންނަނީ ފުޅަނގި އެއްގަމަށް އަރާތަން ފެނުނީމައެވެ. އެކި ފުޅަނގި އެއްގަމަށް އަރަނީ އެކި ދިމާއަށެވެ. ބައެއްފަހަރަށް އެހެން ވަނީ ވައި ހުންނަ މިސްރާބުންނެވެ. އަނެއްބައިފަހަރަށް އެސޮރު ފެނުން ކެނޑިގެން އުދުއްސައިގަންނަ އިރު މިސްރާބު ހުންނަ ގޮތަކަށެވެ. މިގޮތަށް ގޮސް ފުޅަނގި ވެއްޓޭ ހިސާބުން އަތުލައިގަންނަމީހާއަކީ އޭގެ ވެރިމީހާއެވެ.

ފުވައްމުލަކުގައި ފުޅަނގި އެއްގަމަށް އަރާއިރު ބައެއް ފަހަރު، ބައިގަނޑުގަނޑަށްވެސް އަރައެވެ. އެކަމަކު މިހާރު ގިނަ ފަހަރު އަރަނީ އެކަތި ނޫނީ ދެ އެއްޗެވެ. މިދުވަސްވަރު އަރާ ފުޅަނގި ކުދި ކަމަށްވެސް ފާހަގަވެއެވެ. ޅަ ފުޅަނގީގެ ފިޔަގަނޑު ހުންނަނީ އަޅިނޫކުލައަކަށެވެ. ބޮޑެތި ފުޅަންގަށް މިރަށު މީހުން ކިޔަނީ "ފިޔަކަޅު ހުޅަންމަހަ" އެވެ. އެއީ ބޮޑެތި ފުޅަނގީގެ ފިޔަގަނޑު ކަޅުކުލަޔަކަށް ހުންނާތީ އެވެ.

ފުވައްމުލަކުގައި ފުޅަނގި ނަގަން ދަނީ އާއިލާ އެކުގައާއި ރައްޓެހީން ގުރޫޕު ހަދައިގެންނެވެ. ހޮވާ މީހުންގެ އިތުރުން ފަތި ބަލަހައްޓާން ވެސް ހާއްސަ މީހުން ތިބެ އެވެ. ފުޅަނގި އަމުނަން ފަތި ހަދާފައި އޮންނަނީ އެހެން ރަށްރަށުގައި ވެސް ގޮނޑުދޮށު މަސްވެރިކަމުގައި މަސް އަމުނާން ފަތި ހަދާގޮތަށް ރުކުގެ ފަންފަތް ބޭނުންކޮށްގެންނެވެ. ފަތި ހެދުމާއި ފައްޗަށް މަސް އަމުނައި މަސްފަތި ބެލެހެއްޓުމުގެ ޒިންމާ އަދާކުރަން އުމުރުން ދުވަސްވީ އަންހެނުން ގިނަ އަދަދަކަށް ތިބިކަން ފާހަގަވިއެވެ. އެމީހުން އެކަމަށް މޮޅީ ކަމަށްވެސް ވެދާނެ އެވެ. ނިސްބަތްވާ ގުރޫޕުތަކުން ހޮވައިގެން ގެންނަ ފުޅަނގި ފައްޗަށް އަމުނާ މަންޒަރު ބެލުމުން އެއީ އެމީހުން "ކޮށްފަރިތަ" ކަމެއް ކަން ކިތަންމެހާވެސް ރަނގަޅަށް އެނގެއެވެ.

މިރަށު މީހުނަށް ފުޅަނގި އެންމެ މީރީ ތެލުލައިގެންނެވެ. ފުޅަނގި ހޮވަން ގޮސް ތިބި މީހުން ކައިރީ އެއިން ހަދާނީ ކޮން އެއްޗެއްތޯ އެހުމުން އެންމެންވެސް ބުނީ ތެލުލާނީ ކަމަށެވެ.

ރާއްޖޭގެ އެހެން ރަށްރަށާ ހިލާފަށް ފުވައްމުލަކު އެއްގަމަށް ފުޅަނގި އަރާ މައިގަނޑު އެއް ސަބަބަކީ މި ރަށަކީ ފަރެއް، ފަޅެއް ނެތި، މާކަނޑު މެދުގައި ވަކީން އެކަހެރިކޮށް އޮންނަ ރަށަކަށް ވުމެވެ. އާންމު ގޮތެއްގައި ފުޅަންގަކީ ތިލައިގައި އުޅޭ މަހެކެވެ. ކަނޑުގެ މަތީ ފަށައިލައިގަ އެވެ. އެ ސޮރު ފެނުން މައްޗަށް އަރައި އުދުއްސައި ގަންނަނީ އެހެން ކޮންމެވެސް އެއްޗެއްގެ ބިރާ ކުރިމަތިވުމުން ސަލާމަތް ވުމަށެވެ. އޭގެ ތެރޭގައި ކުރުމަސް (ފުވައްމުލަކު ބަހުން ދިގުމަސް)، ކަންނެލި، ހިބަރު، މުޑަހަދި، ހަނދި، ތޮޅި އަދި މާނިޔާމަސް ފަދަ ކަވާމަސް ހިމެނެ އެވެ. ކަނޑުގެ ފުށްޓަރުގެ ހޭފަށުގައި އުޅޭ މިފަދަ މަސްތަކުގެ ކިބައިން ސަލާމަތްވުމަށް އުދުއްސައިގަންނަ ފުޅަނގި އެއްގަމަށް ވެސް އަރަނީ އެވެ. އެ ސޮރު ގިނަފަހަރަށް ގޮސް ތިރި ވަނީ މައްޗަށް އަރާއިރު ބޯކޮޅު ހުންނަ މިސްރާބަކަށެވެ. ގަދަ ވައި ހުރި ނަމަ ވަޔާއެކު މިސްރާބު ބަދަލުވުމުގެ ފުރުސަތުވެސް އޮވެއެވެ. މިދުވަސްވަރަކީ ހުޅަނގުން ގަދަ ވައި ޖެހޭ ދުވަސްވަރެއް ކަމުން، ރަށުގެ ހުޅަނގުފަޅީން ބޮޑެތި މަސް ކަވައިގަތީމާ ބިރުން އުދުއްސައިގަންނަ ފުޅަނގިތަކަށް ވަޔާއެކުވެސް އެރޭނީ ރަށުގެ އެއްގަމަށެވެ. މިދުވަސްވަރު ހުޅަނގުން އިރަށް ވައި ހުންނާތީއެވެ.

ހުޅަނގު މޫސުމުގައި ފުޅަނގި ގިނައިން އަރާ އަނެއް ސަބަބަކީ، ހުޅަނގުގެ ގަދަ އޮޔާއި އެކު، ރަށާ ކައިރިޔަށް ލައްވާ އެކި ކަހަލަ ކުދިމަސްތަކާއި ފަނިފަކުސާ އެވެ. މާކަނޑުގައި ދަތުރުކުރާ އެކި ކަހަލަ އެން އަދި ފަނިފަކުސާ ގަދަ އޮއިގައި އޮއި ފައްސިޔައަށް އައިސް ހުރަސްވާ ރަށެއްގެ ހޭ މައްޗަށް ލައްވުމުން އެތަނުން ހިމާޔަތެއް ހޯދައިގެން ތިބެނީއެވެ. ގަދަ އޮއިގައި އޮއިމައްޗަށް ދަތުރުކުރެވޭނެ ބާރެއް އެހާ ކުދި މަސް އަދި ފަނިފަކުސާގެ ނުހުރެއެވެ. މާކަނޑުގައި މި ފަދަ ކުދިމަސް، ފަނިފަކުސާ އުޅެނީ ބޮޑެތި ގަނޑުގަނޑަށެވެ. އެހެން އުޅޭއިރު ބޮޑެތި މަސްތަކުގެ ޝިކާރައަށްވެސް މިއިން ބޮޑުބައެއް ވެގެން ދެއެވެ. މިގޮތަށް އަންނަ ފަނިފަކުސާ ރަށުގެ ހޭމައްޗަށް އައިސް މަޑު ޖެހުމުން އެ ކާން އެކި ކަހަލަ ބޮޑެތި މަސް ހޭފަށަށް އަރާލެއް ގިނަވެއެވެ. ފުޅަންގަކީވެސް މި ފަދަ ފަނިފަކުސާ ކައިގެން އުޅޭ މަހެކެވެ. އެހެން އުޅޭ އިރު ބޮޑެތި މަސްތައް އަރައި ކަވައިގަތީމާ ފުޅަނގިވެސް އަދި އެނޫންވެސް ކައިރީގައި ތިބޭ ކުދި މަސްތައް އެކި ގޮތްގޮތަށް ހިމާޔަތް ހޯދަނީއެވެ. ފުޅަންގަށް މައްޗަށް އަރައި އުދުއްސައިގަނެވޭތީ އެސޮރު ގިނަ ފަހަރު އަމަލުކުރާގޮތަކީ އެއީ އެވެ. ފުޅަނގި އުދުހުނަސް އޭގައި ފިޔަގަނޑެއް ނުހުރެއެވެ. އެ ސޮރު މައްޗަށް އަރައި އުދުހިފައިދާން ބޭނުންކުރަނީ ދެ ފަރާތުގައި ހުންނަ ދިގު ދެ ކަންފަތްގަނޑެވެ.

ފުވައްމުލަކު އަތިރީމަތީގައި އެކި ހިސާބުގައި މީހުން އެތުރިގެން ތިބެނީއޭ ބުނީމާ އެއީ އެހެން ރަށްރަށުގައިވެސް މި އޮންނަ ފަދަ ދޮންވެލި އަތިރިމައްޗެކޭ ހިތަށް އަރައިފާނެ އެވެ. އެހެނެއް ނޫނެވެ. މިރަށުގެ ވަށައިގެން މަދު ހިސާބެއްގައި ނޫނީ އޮންނަނީ ގަލެވެ. މައިގަނޑުގޮތެއްގައި ފަތިކޮށް ހުންނަ ބޮޑެތި ގާތަކެވެ. ހީވަނީ ބިޔަ ރާޅުތަކާއެކު ހަތާގެ ބައިބައި ނައްޓައިގެން ލައްވެފައި ހުންނަހެނެވެ.

7 މެއި 2023: ކުޑަކުދީންތަކެއް ފުވައްމުލަކު ހުޅަނގު ފަރާތު އެއްގަމަށް އެރި ފުޅަންގެއް ހިފަނީ، އަންހެނަކު އޭނާ އަތުގައި އޮތް ފުޅަނގިފައްޗެއް ދައްކާލަނީ --- ވަން ވީޑިއޯ

އާންމުގޮތެއްގައި ފުޅަނގި ހޮވަނީ ހުޅަނގުފަރާތުން ނަމަވެސް، އިރުމަތީ ފަރާތު އަތިރިމަތީންވެސް ދޭތެރެ ދޭތެރެއިން ފުޅަނގި ނަގާކަމަށް މި ރަށު މީހުން ބުނެއެވެ.

ފުޅަންގަކީ މަސްރަހަ ގަދަ މަހެކެވެ. ކަނޑުދަތުރުކުރާ އިރު ފުޅަނގި އުދުހިފައިދާ މަންޒަރު ވަރަށް ގިނައިން ފެނެއެވެ. އެއީ ހިތްގައިމު މަންޒަރެކެވެ. ރޭގަނޑު ދަތުރުކުރާ އުޅަނދުފަހަރު ތެރެޔަށް ފުޅަނގި އެރުމަކީވެސް އާންމު ކަމެކެވެ. އުދުހިގެން އަންނަ ފުޅަނގި އުޅަނދުފަހަރުގައި ތިބޭ މީހުން ގައިގައިވެސް ޖެހެއެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުގެ މީހުން ކުރުމަހަށް ދުއްވާ އިރު "ހޭމަސް"ގެ ގޮތުގައިވެސް ފުޅަނގި ބޭނުންކުރެއެވެ.

ފުވައްމުލަކު އަތިރިމައްޗަށް ގޮސް ފުޅަނގި ހޮވަން އުޅެ އެ ނުހޮވުނު މީހުނަށް މުހިންމު އެފްބީ ޕޯސްޓެއްވެސް މިއަދު ފެނުނެވެ. އެއީ ފުވައްމުލަކު މަޝްހޫރު "ބާބާ ގާޑިޔާ"ގެ ޕޯސްޓެކެވެ. އޭގައި އޮތީ ނުހޮވުނު މީހުން ހިތާމަ ނުކުރުމަށާއި ތެލުލި ފުޅަނގި ބާބާ ގާޑިޔަލުން ލިބޭނެ ވާހަކައެވެ.

ކޮންމެއަކަސް، ފުޅަނގި އަރާ ދުވަސްވަރު ފުޅަނގި ހޮވުމަކީ ފުވައްމުލަކު މީހުންނަށް އަންނަ އީދެއް ކަހަލަ ދުވަސްވަރެކެވެ. ކުދި ބޮޑު އެންމެން ބައިވެރިވެގެން ކުރާ ކަމެކެވެ. އާއިލާ އެކުގައި ކުރާ ކަމެކެވެ. ފުޅަނގި ހޮވާ މަންޒަރު ބަލާން ތިބުމަކީ ވެސް ފޯރި ގަދަ ކުޅިވަރެއް ބެލުން ފަދަ ކަމެކެވެ. އެހެންވެ މި ކުޅިވަރު ބަލަން ގޮސް ތިބޭ މީހުންވެސް މަދެއް ނޫނެވެ. އެންމެ ފަހަށް އޮތީ ފުޅަނގި ތެލުލައިގެން ކެއުމެވެ. މީރުވާނެ އެވެ. ވަރަށް ވެސް މީރުވާނެ އެވެ.