މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މި ސީޒަނަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ތަފާތު އަދި ފެނިފައިނުވާ ކަމަށާއި، ގިނަ ކުޅުންތެރިންތަކެއްގެ މައްސަލަތައް އުޅޭ ކަމަށް ކޯޗު އިވާން ވެންކޯވް ކޮލޭވް ބުނެފިއެވެ.
މާޒިޔާއަށް މިފަހަރު ބިދޭސީ ކުޅުންތެރިންގެ ގޮތުގައި އަލަށް ގެނެސްފައި ވަނީ ސާބިއާގެ ފޯވަޑެއް ކަމަށްވާ ސްޓެފަން މިހައިލޮވިޗާއި މިޑްފީލްޑަރު އެލްޑާ ހަސަނޮވިޗްގެ އިތުރުން ޑިފެންޑަރު އެޑްގާރަސް ޒާސްކިސް އެވެ. ދެން ޓީމުގައި ހިމެނޭ އަނެއް ބިދޭސީ ކުޅުންތެރިޔަކީ ކުރިންވެސް ރާއްޖޭގެ ގިނަ ކްލަބުތަކަށް ކުޅެފައިވާ ހަލީލް ގަމާލެވެ. މިފަހަރު އަލަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ފަރާތުން މާ ބޮޑު ތަފާތެއް އަދި ފެނިފައި ނުވާ އިރު، ކޯޗު އިވާން ޕްރެސިޑެންޓްސް ކަޕްގައިވެސް ބޮޑަށް ބަރޯސާވީ ދިވެހި ކުޅުންތެރިންނަށެވެ. ހާއްސަކޮށް ފޯވަޑް ލައިނުން ފަހުން ބޭނުންކުރީ މުޅިން ދިވެހި ކުޅުންތެރިންނެވެ.
މާޒިޔާއިން ލީގު ދިފާއުކުރުމަށް ނުކުމެ، މިފަހަރުގެ ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު އިވާން ބުނީ މިއަދުގެ މެޗަށްވެސް ހަސަނޮވިޗް ހުރީ އަނިޔާގައި ކަމަށާއި، އޭނާއަށް އަނިޔާވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ ރަނގަޅަށް ފިޓް ނުވެ ހުރުން ކަމަށެވެ.
އިވާން ބުނީ ހަސަނޮވިޗް ރާއްޖެ އައިއިރު ހުރީ އެއްވެސް ފިޓްނަސް ލެވެލް ދަށްކޮށް ކަމަށާއި، ސީޒަނަކަށް ފުރިހަމައަށް ތައްޔާރުވެވޭނެ ލެވެލްގައިވެސް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން މަދު މެޗުތަކެއް ކުޅެލުމާއެކުވެސް އޭނާއަށް ގިނަ އަނިޔާގެ މައްސަލަތަކެއް ދިމާވުމަކީ ކަންބޮޑުވުމެއް ކަމަށް އިވާން ބުންޏެވެ. ކުރިން އޭޝިއާގެ ގިނަ ކްލަބުތަކަކަށް ކޯޗުކަން ކޮށްދީފައިވާ އިވާން އިއްޔެ އިތުރަށް ބުނީ ސާބިއާ ފޯވަޑް ސްޓެފަން ގެވެސް އަމިއްލަ ބައެއް މައްސަލަތައް އުޅޭ ކަމަށާއި، އެ މައްސަލަތައް "ސީރިއަސް" ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސްޓެފަންގެ ފޯކަސް ގެއްލި، ހިތްވަރު ގެއްލިފައިވާ ކަމަށެވެ. އެކަންކަން ހައްލުކުރަން ވަކިން ވާހަކަ ދެއްކުމުން ސްޓެފަން ބުނަމުން އަންނަނީ 100 ޕަސެންޓް ދޭނެ ކަމަށް ކަމަށްވެސް އިވާން ބުންޏެވެ.
އިވާން މީގެ ކުރިން ބުނީ މާޒިޔާއާ ގުޅުނު ފަހުން، ފަރިތަކުރުންތަކެއް ދޫކޮށްލައި ސްޓެފަން އަމިއްލަ ކަމެއްގައި ގައުމަށް ދާން ޖެހުނު ކަމަށާއި، އެފަހަރު ސްޓެފަން ދިޔައީ ޗެރިޓީ ޝީލްޑް މެޗަށްފަހު ކަމަށެވެ. ޗެރިޓީ ޝީލްޑް މެޗުގެ އިތުރުން ޕްރެސިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައިވެސް ސްޓެފަން ގޯލު ޖެހި ނަމަވެސް، އޭނާގެ ފަރާތުން އެންމެ އެކަށީގެންވާ ކުޅުމެއް ފެނިފައެއް ނުވެއެވެ.
މިރޭގެ މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކޯޗު އިވާން ބުނީ މާޒިޔާއިން އަބަދުވެސް އިދިކޮޅަށް އޮންނަ ޓީމަށް އިހުތިރާމުކުރާނެ ކަމަށާއި، ޔޫވީ ވާނީ ޗެލެންޖަކަށް ކަމަށެވެ.
"ކޮންމެ މުބާރާތެއްވެސް މާޒިޔާއަށް މުހިއްމުވާނެ. ކުރިއަށް އޮތް މެޗަށްވެސް މާޒިޔާއިން ނުކުންނާނީ ސީރިއަސްކޮށް. ފުރަތަމަ މެޗަކީ ލީގު ރަނގަޅަށް ފަށަން ލިބޭ ފުރުސަތެއް. ކޮންމެ ހާލަތެއްގައި އިދިކޮޅު ޓީމު އޮތަސް، މާޒިޔާއިން ނުކުންނާނީ ސީރިއަސް ޗެލެންޖަކަށް މެޗު ބަލައިގެން. އިދިކޮޅު ކޮންމެ ޓީމަކަށްވެސް އިހުތިރާމް ކުރާނަން. ޔޫވީން ޕްރެސިޑެންޓް ކަޕް ނުކުޅުނަސް އެކަމަށް ބަދަލެއް ނާންނާނެ. މެޗު ފަސޭހައެއްވެސް ނުވާނެ. އެއީ ޔޫވީގައި ތިބި ޒުވާން ކުޅުންތެރިންވެސް ގިނަވުމުން. އެ ކުޅުންތެރިން ކުޅޭނީ ރަނގަޅު ރޫހެއްގައި. އެހެންވީމަ އެކުޅުންތެރިން ހުއްޓުވަން އަބަދުވެސް އުނދަގޫވާނެ،" މާޒިޔާއާއެކު ދާދިފަހުން ޕްރެސިޑެންޓްސް ކަޕް އުފުލާލި ކޯޗު އިވާން ބުންޏެވެ.
މާޒިޔާއާއި ޔޫވީ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު