ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 ހުޅުވުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ގިނަ ފަންނުތަކެއްގެ ފަންނުވެރިން އެބަތިބި ކަމަށާއި އެގޮތުން ކަޅުވަކަރު މިސްކިތް އަލުން ބެލެހެއްޓުމުގައި ހުރިހާ މަސައްކަތެއް ކުރީ ދިވެހި ފަންނުވެރިން ކަމަށެވެ.

ރައީސް ވިދާޅުވީ ދާދި ފަހަކާ ޖެހެންދެން އެފަދަ ހުނަރުވެރި ފަންނުވެރިންގެ ފަންނު ދައްކާލެވޭނެ އިންތިޒާމު ހަމަޖެހިފައިނުވާ ކަމަށެވެ. ނަމަވެސް މިހާރު އެ ފުރުސަތު ވަނީ އިންތިހާހައަށް ހުޅުވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަންނުވެރިކަން ނެތިދިޔަނުދީ ހިމާޔަތްކޮށް ދެމެހެއްޓުމަށް ސަރުކާރު ވުޒާރާއެއް މިހާރު ހުންނަ ކަމަށާއި އެ މިނިސްޓްރީން ގެންދަނީ ފަންނުވެރިން ބިނާކުރުމަށާއި ފަންނުވެރިންގެ ހުނަރު ތަރައްގީކުރުމަށް އެތަކެއް މަސައްކަތް ކުރަމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން، އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ، އުފެއްދުންތެރި ޒުވާނުން ބިނާކުރުން. ރާއްޖޭގައި ހީނަރުވެފައިވާ ނުވަތަ އުވެމުންދާ ބައެއް ފަންނުވެރިކަން އަލުން ދިރުވައި އާލާކުރުމަށްވެސް އަޅުގަނޑުމެން މި އަންނަނީ ފުރުސަތު ތަނަވަސްކޮށްދެމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ޒުވާނެއްގެ ކިބައިގައި ވެސް ކޮންމެވެސް ހުނަރެއް ހުންނާނެ ކަމަށާއި އެހެންކަމުން އެއީ ކޮން ހުނަރެއްކަން ދެނެގަނެ ޝައުގުވެރިކަމާއެކު ކުރިއަށް ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ކިޔަވާ ދަރިވަރުންނަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވީ ސްކޫލް ނިންމާ މަރުހަލާއަށް ދާއިރު، އެ ދަރިވަރަކު ކުރިއަށް ދިއުމަށް އެންމެ ޝައުގުވެރިވާ ދާއިރާއެއް ހިޔާރު ކުރުމަށެވެ. އަދި މައިންބަފައިންނަށާއި ބެލެނިވެރިންނަށް ކުރާ އިލްތިމާސްއަކީ ބެލެނިވެރިކަމުގެ ދަށުން ތަރުބިއްޔަތުކޮށް ބޮޑެތިކުރާ ކޮންމެ ދަރިއަކީވެސް ގައުމަށް ބޭނުންތެރި، ހުނަރުވެރި މަސައްކަތްތެރިއަކަށް ހެދުމަށް މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.