ދިވެހި ޕްރިމިއާ ލީގު

ލީގުގެ ފުރަތަމަ މެޗުގައި ޓީސީން ވެލެންސިއާ ބަލިކޮށްފި

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން ކްލަބު ވެލެންސިއާ ބަލިކޮށްފިއެވެ.

މިއަދު ގައުމީ ދަނޑުގައި ކުޅުނު ލީގުގެ ފުރަތަމަ މެޗުގައި ވެލެންސިއާ ބަލިވީ 2-0 އިންނެވެ. މި ނަތީޖާއާ އެކު ޓީސީން ވަނީ ފެށުން ރަނގަޅު ކޮށްފައެވެ.

ލީގުގެ ފުރަތަމަ މެޗަށްވެސް މިއަދު ވެލެންސިއާއިން ނުކުތީ އެޓީމުގެ ޒުވާން ޓީމާއެކުގައެވެ. އަލަށް ޓީމަށް ގެނައި ކުޅުންތެރިންގެ ރަޖިސްޓްރީ އަދިވެސް ފުރިހަމަ ކުރެވިފައިނުވާ އިރު، ވެލެންސިއާއިން މިއަދުގެ މެޗަށްވެސް ޒުވާން ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ނެރެފައިވެއެވެ. ޓީސީ އާއި ވެލެންސިއާއިންވެސް މިފަހަރުގެ ލީގަށް އެންމެ އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެފައިނުވާ އިރު، ދެ ޓީމުންވެސް މެޗަށް ނުކުތީ އުނދަގޫ ހާލަތެއްގައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ހަމަލާތައް މަދުކޮށް ފެނުނު އިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޓީސީންނެވެ. ޓީސީން މެދުތެރެއިން ރަނގަޅު ޕާސްތަކެއް ޖަހައިގެން އެޓީމުން މެޗު ޑޮމިނޭޓް ކުރި އިރު، ވެލެންސިއާއަށް ކައުންޓާގައި ލިބުނު ފުރުސަތުތަކުގައިވެސް އެންމެ ރަނގަޅަށް ބޭނުން ހިފޭ ގޮތެއް ނުވިއެވެ. އުމުރުން 14 އަހަރުގެ ފޯވަޑް އިލާން އިމްރާން ކުރިއަށް އަރައި ޖެހި ބޯޅަ ގޯލާ އަމާޒުނުވެ، މަތިން ދިޔަ އިރު، އޭގެ ފަހުން ލިބުނު ބޯޅައިގައި އަބްދުﷲ ޔާމީން ޖެހި ބޯޅަވެސް ރަނގަޅަށް ގޯލާ އަމާޒެއް ނުވިއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ ކޮޅުގައި ވެލެންސިއާއަށް ކޮންމެވެސް ވަރަކަށް ބޯޅަ ހިފެހެއްޓުނު ނަމަވެސް، އޭގެ ފަހުން ޓީސީން ކޮންޓްރޯލް ހޯދައި، ހަމަލާތަކަށް ފުރުސަތު ފަހިކުރިއެވެ. މެޗުގެ 16 ވަނަ މިނެޓުގައި ޓީސީން ލީޑު ނެގި އިރު، އެ ގޯލަކީ އަބްދުލް ވާހިދު އިބްރާހީމް (ވާޑު) ހުރަސް ކޮށްލި ބޯޅައެއްގައި މުހައްމަދު މުސްލިހް (މުއްޓި) ޖެހި ގޯލެކެވެ.

ޓީސީން ހާފު ނިންމާލީ އިތުރު ގޯލަކާވެސް އެކުގައެވެ. ހާފު ނިމެން ދަނިކޮށް، ޓީސީއަށް ދެވަނަ ގޯލު ޖަހައިދިނީ އަހުމަދު މައިޝް ރަޝީދެވެ. މައިޝް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ވެލެންސިއާ ގޯލްކީޕަރު އާދަމް އިމް އާން އަތުގައި ޖެހިފައެވެ.

ދެވަނަ ހާފުގައިވެސް މެޗުގެ އޮއިވަރަށް މާ ބޮޑު ބަދަލެއް އައިސްފައިނުވާ އިރު، ޓީސީން މެޗު ކޮންޓްރޯލް ކުރިއެވެ. ޓީސީން މެޗު ކޮންޓްރޯލް ކުރި ނަމަވެސް، އެޓީމަށް އެންމެ ރަނގަޅު ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އަނެއްކޮޅުން ވެލެންސިއާއަށް ލިބުނު ފުރުސަތުތައް ދިޔައީ ބޭކާރު ވެގެންނެވެ. ހާއްސަކޮށް މެޗު ނިމިނިމި އޮއްވައި، އަރިމަތިން އަހުމަދު ޒަހާން ނަޒީރު ހުރަސް ކުރި ބޯޅައިގައި ޔާމީނަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވުނެވެ. މުޅިން ހުސްކޮށް ލިބުނު އެ ބޯޅައިގައި ކުޑަ އޭރިއާ ތެރެއިން ކަހަލަ ގޮތަކަށް ޔާމީން ފޮނުވާލި ބޯޅަ ދިޔައީ މަތިން ބޭރަށެވެ.

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ މެޗުގައި މިރޭ ކްލަބު އީގަލްސްއިން ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މެޗު އޮންނާނީ 9:00 ގައެވެ.