ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެއްލުވާލި ކަމަށް ބުނެ އެ މައްސަލާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެނދުނު ބޭއްވި އެ ބައްދަލުވުމާ ގުޅޭ ގޮތުން 'ވަން' އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެ ބައްދަލުވުމަކީ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ލަފާފުޅުގެ މަތިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އެ މަޝްވަރާތަކުގައި ޗާގޯސް މައްސަލާގައި ރައީސް ސޯލިހު ގާނޫނުއަސާސީއާ ހިލާފުވެވަޑައިގެންފައިވާތީ އެކަމުގެ ކަންބޮޑުވުންތައް މަޖިލިސް ރައީސްއާ ހިއްސާކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ޗާގޯސް މައްސަލާގައި ރައީސް ސޯލިހު ގާނޫނުއަސާސީއާ ހިލާފުވެވެޑައިގެންފައިވާ ކަމަށް މަޖިލިސް ރައީސްވެސް ގަބޫލުކުރައްވާ ކަމަށާއި އެހެންކަމުން އެ މަނިކުފާނުގެ އިތުބާރުވެސް ރައީސް ސޯލިހަށް މިހާރު ނެތް ކަމަށެވެ.
"ޗާގޯސް މައްސަލާގައި ހިމެނެނީ ސީދާ ރައީސް އިބޫ ސޯލިހު އިހުމާލުވުން ކަމަށާއި އެކަމުގައި އެހެން އެއްވެސް ވަޒީރެއް ނުވަތަ އެހެން މީހެއް ނުހިމެނޭ ކަމަށާއި އެހެންކަމުން އިތުބާރު ނެތް ކަމަށް ހުށަހަޅަންޏާ ހުށަހަޅަން ޖެހޭނީ، ރައީސް ސޯލިހުގެ މައްސަލަ ކަމަށް ރައީސް ނަޝީދު ގަބޫލުކުރައްވާ،" ޝިޔާމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޗާގޯސް މައްސަލައިގެ ކަންބޮޑުވުން އޮތް ކޮންމެ ފަރާތަކާއެކުވެސް މަޝްވަރާ ކުރުމަށް އިދިކޮޅުން ތައްޔާރަށް އޮތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު