މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް އެކި ފަރާތްތަކުން ދައްކަންޖެހި، ނުދައްކާ ހުރި ފައިސާގެ އަދަދު 24 މިލިއަން ރުފިޔާއަށްވުރެ އިތުރު ކަމަށް އޮޑިޓު އޮފީހުން ބުނެފިއެވެ.
އޮޑިޓު އޮފީހުން އާއްމުކޮށްފައިވާ ބްރޯޑްކޮމްގެ 2021 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ އަހަރުގެ ނިޔަލަށް އެ ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 24.7 މިލިއަން ރުފިޔާ ނުލިބެއެވެ.
އޭގެ ތެރެއިން އެންމެ ގިނައީ ރީ-ބްރޯޑްކާސްޓިން ލައިސަންސް ފީގެ ގޮތުގައި ލިބެން ޖެހޭ ފައިސާ އާއި އޭގެ ޖޫރިމަނާއެވެ. އެގޮތުން 2021 ވަނަ އަހަރު ބްރޯޑްކޮމްއަށް ރީ-ބްރޯޑްކާސްޓިން ލައިސަންސްގެ ގޮތުގައި 6.3 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. އަދި ރީ-ބްރޯޑްކާސްޓިން ލައިސަންސް ފީ ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 5.5 މިލިއަން ރުފިޔާވެސް އެ ކޮމިޝަނަށް ލިބިފައެއް ނުވެއެވެ.
ރީ-ބްރޯޑްކާސްޓިން ލައިސަންސް ފީގެ އިތުރުން ބްރޯޑްކާސްޓިން ލައިސަންސް ފީ އާއި ފުރީކުއަންސް ލައިސަންސް ފީ އާއި އެ ފީތަކުގެ ޖޫރިމަނާގެ ގޮތުގައިވެސް ގިނަ އަދަދެއްގެ ފައިސާ 2021 ވަނަ އަހަރު ބްރޯޑްކޮމްއަށް ނުލިބި އެބަހުއްޓެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެ ފައިސާ ހޯދަން 2019 ވަނަ އަހަރުގެ ތެރޭގައި ނޯޓިސް ފޮނުވާފައިވީ ނަމަވެސް، ކޮވިޑާ ގުޅިގެން އެ މަސައްކަތް ބްރޯޑްކޮމްއިން މަޑުޖައްސާލެވުނު ކަމަށެވެ. ނަމަވެސް ކޮވިޑުން އަރައިގަނެ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަލުން ނޯޓިސް ފޮނުވައި، އެ ފައިސާ ހޯދުމުގެ މަސައްކަތް އަނެއްކާވެސް ކުރެވެމުން އަންނަ ކަމަށް ބްރޯޑްކޮމުން ބުނެފައިވާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި ބްރޯޑްކޮމްއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭނަމަ، ދައުލަތަށް މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންވެ، ބްރޯޑްކޮމްއަށް ލިބެންޖެހި ގިނަ ދުވަސްވެފައިވާ ފައިސާ ހޯދުމުގެ ގޮތުން އެކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް، އެ ފައިސާ ލިބުން އަވަސްކުރެވޭނެ ގޮތްތަކެއް ހޯދުމަށާއި ކޮމިޝަނަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް މާލިއްޔަތު ގަވައިދާ އެއްގޮތަށް އަމަލުކުރުމަށް އޮޑިޓު އޮފީހުން ވަނީ އެ ކޮމިޝަނަށް ލަފާ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު