އެކަށީގެންވާ ވަރަށް ސީޒަނަށް، ލީގަށް ތައްޔާރުވާން ބުރު ސްޕޯޓްސް ކްލަބަށް އަދި ވަގުތު ނުލިބޭ ކަމަށާއި އެންމެ ފުރިހަމައަށް ލީގަށް ތައްޔާރުވާން ސާފް ޗެމްޕިއަންޝިޕަށް ކްލަބު ފުޓްބޯޅަ މެދުކަނޑާލާ ބްރޭކުގެ ބޭނުން ހިފާނެ ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
އަލަށް މި ސީޒަންގައި ފުރަތަމަ ޑިވިޝަނަށް ނުކުތް ބުރު ސްޕޯޓްސް ކްލަބުން ކުޅުނު ފުރަތަމަ މުބާރާތް، ޕްރެސިޑެންޓްސް ކަޕްގެ ސެމީ ފައިނަލަށް އެ ޓީމު ދިޔައެވެ. ސެމީގައި ބަލިވީ އީގަލްސް އަތުން 2-1ގެ ނަތީޖާއަކުންނެވެ. މެޗު އިތުރު ވަގުތަށް ގޮސްގެން ނިމިފައިވާ އިރު، މިރޭ އެ ޓީމުން ލީގު ފަށާނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.
"ވަރަށް ގިނަ ކަންތައްތައް ޕޮސިޓިވްކޮށް ފެނިގެން ދިޔައީ ޕްރެސިޑެންޓްސް ކަޕުން. ވަރަށް ބައިވަރު ކަންކަން ރަނގަޅު ކުރަންވެސް ފެނިގެންދިޔަ. ނަމަވެސް ލީގާއި ޕްރެސިޑެންޓްސް ކަޕާ ދޭތެރޭ އަދި މާގިނަ ވަގުތެއް ނުލިބޭ އެ ހުރިހާ ކަމެއް ރަނގަޅު ކޮށްގެން ލީގަށް ނުކުންނާކަށް. އެންމެ ބޮޑު ކަމަކަށް ކުރަން ޖެހިފައި އޮތް ކަމަކީ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުކުރުން. އެކަން ކުރަން އަދި މާބޮޑު ވަގުތެއް ނުލިބޭ. ދެން ކުރަން އޮތް އަނެއް މަސައްކަތަކީ ބޭނުންވާ ގޭމް ފިލޯސަފީއަށް ކުޅުންތެރިން ބައްޓަންކުރުން. އެކަމަށްވެސް ވަގުތު ބޭނުންވޭ. ލީގުގައި ތިން މެޗަށްފަހު އަންނަ ބްރޭކަށްފަހު ދެން ޕްރީ ސީޒަނެއް ކަހަލަ ގޮތަކަށް ޖައްސާލެވިގެން ވަރަށް ބޮޑަށް ރަނގަޅު ކުރެވޭނެ،" މިރޭގެ މެޗާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ޕްރި މެޗު ޕްރެސްގައި ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ފާހަގަކުރީ ބުރުގެ މިހާރު އޮތް ސްކޮޑު ރަނގަޅު ނަމަވެސް، ދިގު ލީގަކަށް ނުކުންނަ އިރު، ޓީމަށް ކުޅުންތެރިން އިތުރުކުރަންވެސް ވިސްނަންޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް ސާފް ޗެމްޕިއަންޝިޕަށް ލީގު މެދުކަނޑާލުމުން އެ ދުވަސްތަކުގެ ބޭނުން ހިފަން ތައްޔާރުވާ ކަމަށްވެސް ދާދިފަހުން ޕްރޯ ލައިސަންސް ހާސިލުކުރި ކޯޗު ނިޒާމްބެ ބުންޏެވެ.
"ލީގު ބްރޭކް މި އަންނަނީ ވަރަށް އެކެން ކަހަލަ ހިސާބެއްގައި. އެ ބްރޭކްގައި ޓްރެއިނިންތައް ރަނގަޅުކުރަން އެބަ ޖެހޭ. ކުޅުންތެރިންގެ ފިޓްނަސްއާއި ގޭމްވެސް ޖައްސަންޖެހޭ. އެ ބްރޭކުގައި އެންމެ އެކަށީގެންވާ ހިފަހައްޓާލާ ޓީމަކަށް ދެން ފަށާއިރު، ރަނގަޅަށް ފަށައިގަނެ، ދިގު މުއްދަތަކަށް ރަނގަޅަށް ޕާފޯމް ކުރެވޭނީ. ފުރިހަމަ ގޮތުގައި ބޭނުން ހިފުން އެންމެ ބުއްދިވެރީ ބްރޭކްގައި. ދެޓީމު ނޫން އެހެން ހުރިހާ ޓީމުތަކުންވެސް ރަނގަޅު ޕްރި ސީޒަނަކާ ނުލާ ކަންނޭނގެ ލީގަށްވެސް މި ނުކުންނަނީ. އެހެންވީމަ މި ލިބޭ އަށްވަރަކަށް ހަފުތާ އެއީ ރަނގަޅު މުއްދަތެއް ޕްރި ސީޒަނެއް ހަދާފައި، ލީގަށް ދެން ނުކުންނަން. ބުރުގެ މެނޭޖްމަންޓާއި ކޯޗުގެވެސް ވިސްނުމެއް ނެތް ބްރޭކަށް މެދުކަނޑާލާކަށް،" ނިޒާމްބެ އިތުރަށް ބުންޏެވެ.
ނިޒާމްބެ ބުނީ ބުރުގެ އަމާޒަކީ ތާވަލުގެ ރަނގަޅު ހިސާބެއްގައި އޮވެ، ބުރުގެ މެނޭޖްމަންޓާއި ކުޅިބެލުންތެރިންނަށް ޓީމަށް އިތުބާރު އުފެއްދުން ކަމަށެވެ. އަދި މި ސީޒަނުގައި ރެލިގޭޝަން ނޯންނާތީއޭ ބުނެ، ފަސޭހަކޮށްލަން ނުވިސްނާ ކަމަށްވެސް ނިޒާމްބެ ފާހަގަކުރިއެވެ.
ޕްރެސިޑެންޓްސް ކަޕްގެ ސެމީ ފައިނަލަށް ބުރު ދިޔައީ ގްރޫޕް ސްޓޭޖުގައި ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުވެސް ބަލިކޮށްގެންނެވެ. އެ ނަތީޖާތައް ބުރުން ހާސިލުކުރީ ބިދޭސީ ކުޅުންތެރިއެއްވެސް ޓީމުގައި ނުހިމަނައެވެ. ދިވެހި ކުޅުންތެރިންނަށް އިތުބާރު ކުރުމާ ގުޅޭ ގޮތުން، އަދި ވަކިން ހާއްސަކޮށް ޕްރެސިޑެންޓްސް ކަޕްގައި މޮޅަށް ކުޅުނު ގޯލްކީޕަރު ޝައިހާން އަލީއަށް ކުރާ އިތުބާރާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ނިޒާމްބެ ބުނީ ލީގަށް ނުކުންނާނީ ޝައިހާނާ އެކުގައި ކަމަށާއި އެ ފެންވަރު އޭނާ ދައްކައިފި ކަމަށެވެ.
"ޕްރެސިޑެންޓްސް ކަޕްގައި ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ، ނޫނީ އެންމެ ބޮޑު އަމާޒަކީ ކުޅުންތެރިންގެ ކުޅުން ބަލައި އެވަލުއޭޓް ކުރުން. އެއީ ބިދޭސީ ކުޅުންތެރިންވެސް ގެންނަން ޖެހޭ މަގާމުތައް ދެނެގަތުން. އެގޮތުން ޝައިހާމް ހަމަ ޔަގީނުންވެސް ޕްރެސިޑެންޓްސް ކަޕްގައި ވަރަށް ރަނގަޅަށް ޕާފޯމްކޮށް ފެންވަރު ދައްކާލައިފި. ދެން އޮތީ ޓެކްނިކަލް ސްޓާފުންގެ މަސައްކަތް، ޝައިހާން ދިގު މުއްދަތަކަށް އެ ފެންވަރުގައި ޕާފޯމްކުރުވަން އެ ކުރަން ޖެހޭ މަސައްކަތްކުރުމަށް. ބޭރު ކީޕަރެއް ގެނައުމުގައި ބަދަލުގައި މިވަގުތުގައި އޮތީ ޝައިހާން ބަހައްޓާ ސީޒަނަށް ނުކުމެ، ރަނގަޅު ޒުވާން ކީޕަރެއް އުފެއްދުމުގެ މަސައްކަތް ކުރުމަށް،" ކުރިން ޒުވާން ގައުމީ ޓީމަށްވެސް އުންމީދީ ކުޅުމެއް ދެއްކި ޝައިހާނާ ގުޅޭ ގޮތުން ނިޒާމްބެ ޕްރެސްގައި ބުންޏެވެ.
ނިޒާމްބެ ބުނީ ޓީމުގައި ފުރަތަމަ ޑިވިޝަނަށް ކުރިން ކުޅެ، އެ ތަޖުރިބާހުރި ކުޅުންތެރިން ތިބުމަކީ ފައިދާއެއް ކަމަށާއި، އެ ފައިދާ އޮތް ނަމަވެސް ޒުވާން ކުޅުންތެރިންނާ އެކުޅުންތެރިންނާއެކުގައި ޓީމެއް ބިނާކުރުމަކީ ޗެލެންޖެއް ކަމަށެވެ.
ބުރުން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ އީގަލްސްއާ ދެކޮޅަށް ނުކުންނާނީ 9:00 ގައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު