ކްލަބު އީގަލްސްގެ ކިބައިގައި ލީގަށް ވާދަކުރާ ފެންވަރު އެބަހުރި ކަމަށް އެސިސްޓެންޓް ކޯޗު މުއާވިއަތު އިލްހާމް ބުނެފިއެވެ.
މިދިޔަ ސީޒަންގެ ލީގުގެ ދެވަނަ ހޯދި އީގަލްސްއިން މި ފަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެސިޑެންޓްސް ކަޕްގެ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅެ 2-0 އިން ބަލިވެފައިވާ އިރު، މިރޭ ލީގުގެ ފުރަތަމަ މެޗަށް ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
އެ މެޗާ ގުޅޭ ގޮތުން އިއްޔެ ގައުމީ ދަނޑުގައި ބޭއްވި ޕްރެސްގައި މުއާވިއަތު ބުނީ، ކުޅުންތެރިންގެ ހިތްވަރުން އަބަދުވެސް އީގަލްސްއަށް ތަފާތު ގެނެސްދޭނެ ކަމަށާއި ނުކުންނާނީ މޮޅަކަށް ކަމަށެވެ.
"އީގަލްސް އޮތީ ޕްރެސިޑެންޓްސް ކަޕްގެ ފައިނަލް މެޗުގައި ބަލިވެފައި. އެހެންވީމަ ޓީމުގައި ހުންނާނެ ކޮންމެސް ކަހަލަ އުނދަގޫތަކެއް. އެކަމަކުވެސް ޓީމުގެ ހިތްވަރަކީ ކުޅުންތެރިން. އެހެންވީމަ މި މެޗަށްވެސް ނުކުންނާނީ އެ ހިތްވަރާއެކު މެޗު ކާމިޔާބު ކުރުމަށް،" މުއާވިއަތު ބުންޏެވެ.
މިދިޔަ ތިން ސީޒަންގައިވެސް މާޒިޔާއިން ތަފާތު ދައްކާ ލީގު ކާމިޔާބުކޮށްފައިވާ އިރު، މުއާވިއަތު ދެކޭ ގޮތުގައި އެ ކްލަބާއެކު ލީގަށް ވާދަކުރުމުގެ ފެންވަރު އީގަލްސްގައި އެބަހުއްޓެވެ.
"އީގަލްސްގެ ޕްލޭނަކީ މެޗަކަށްފަހު މެޗެއް ކާމިޔާބު ކުރުން. ލީގަށް ވާދަކުރެވޭނެކަމުގެ ފެންވަރު އީގަލްސްގައި އެބަހުރި ކަމަށް ގަބޫލުކުރަން. އަދި ރާއްޖޭގެ ފުޓްބޯޅަ ބަލައި އެންމެންވެސް ގަބޫލުކުރެވޭނެ އެކަންތައް. މިހާތަނަށް މި ސީޒަންގެ ފުރަތަމަ މުބާރާތުގައި ކުޅުންތެރިން ކުރި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރުވެސް އަދާކުރަން. ކުޅުންތެރިންގެ ހިތްވަރު އީގަލްސްގެ ހިތްވަރަކީ،" މުއާވިއަތުން ބުންޏެވެ.
އީގަލްސްއިން ޕްރެސިޑެންޓްސް ކަޕްގެ ފައިނަލާ ހަމައަށް ދިޔައިރު، ޓީމުގައި ތިބި ބިދޭސީ ބައެއް ކުޅުންތެރިން އެންމެ ރަނގަޅަށް ޓީމަށް ބޭނުންކުރެވުނު ތަން ފެނިގެން ގޮސްފައެއް ނުވެއެވެ. ބިދޭސީ ކުޅުންތެރިންގެ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މުއާވިއަތު ބުނީ އެ ކުޅުންތެރިން ރާއްޖެއަށް ހޭނެން ވަގުތު ބޭނުންވާނެ ކަމަށާއި އެ ކުޅުންތެރިން ހޭނުމަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ޕްރެސިޑެންޓްސް ކަޕަށް ނުކުތްއިރުވެސް ޓީމަށް އޮތް އެންމެ ބޮޑު ޗެލެންޖް، އަނިޔާގެ މައްސަލަތައް މަޑުމަޑުން ހައްލުކުރަމުންދާ ކަމަށްވެސް ބުންޏެވެ.
މި ވަގުތުވެސް އީގަލްސްގެ ކެޕްޓަން އަހުމަރު ރިޒުވާން (ރިޒޭ) އާއި ސައިޑް ބެކް ހިޝާމް ސަލީމް (ކޮކީ) އަނިޔާގައި ތިބިކަމަށް މުއާވިއަތު ފާހަގަކޮށްފައިވާ އިރު، އޭނާ ބުނީ އެ ކުޅުންތެރިން އަނިޔާއިން އެއްކޮށް ރަނގަޅުވުމުން މިހާރަށްވުރެވެސް ޓީމުގެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ.
މިރޭ އީގަލްސްއިން އިދިކޮޅަށް ނުކުންނަ ބުރުން ފުރަތަމަ ޑިވިޝަނަށް އައިސް ކުޅުނު ފުރަތަމަ މުބާރާތުގެ ސެމީ ފައިނަލަށް ގޮސްފައިވާ އިރު، ބުރުން ޕްރެސިޑެންޓްސް ކަޕްގެ ސެމީއަށް ދިޔައީ ގްރޫޕް ސްޓޭޖުގައި މާޒިޔާވެސް ބަލިކޮށްފައެވެ. އަދި ސެމީގައި އީގަލްސްއާ ރަނގަޅު ވާދައެއްކޮށް ބަލިވެފައިވާ އިރު، އެސިސްޓެންޓް ކޯޗު މުއާވިއަތު ބުނީ ބުރަކީ އަލަށް ފުރަތަމަ ޑިވިޝަންގެ ލީގަށް ނުކުން ޓީމެއް ނަމަވެސް ނުރައްކާވާނެ ޓީމެއް ކަމަށެވެ. އަދި މިރޭގެ މެޗަށް ނުކުންނާނީ ބުރުގެ ފެންވަރާމެދު ސަމާލުވެގެން ކަމަށްވެސް އޭނާ ބުންޏެވެ.
އީގަލްސްއާއި ބުރު ވާދަކުރާ ލީގު މެޗު އޮންނާނީ މިރޭ 9:00 ގައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު