މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އިން އިސްތިއުފާދެއްވި ބޭފުޅުން ސަރުކާރު މަގާމުތަކުން އިސްތިއުފާ ނުދެއްވައި ވަޒީފާގައި ދެމިތިއްބެވުމަށް އެމްއާރްއެމުން އެދިއްޖެއެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި އެމްއާރްއެމް ސްލޮޓުގައި ތިއްބެވި ހަތް ބޭފުޅަކު މިއަދު ވަނީ އެ ޕާޓިން އިސްތިއުފާ ދެއްވައިފައެވެ.

  • ޝަޒައިލް ޝިޔާމް – ނައިބު ރައީސް އަދި މޯލްޑިވް ގޭސްގެ އެމްޑީ
  • މުހައްމަދު ރާއިދު – އެކްސްކޯ މެމްބަރު އަދި އެމްއައިޓީޑީސީގެ އެމްޑީ
  • ތަޒްމީލް އަބްދުލް ސަމަދު – އެމްޓީޑީސީގެ އެމްޑީ
  • އިބްރާހީމް ފަރުހަދު – ޒުވާނުންގެ ކައުންސިލްގެ ރައީސް އަދި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޑިރެކްޓަރު
  • އިސްމާއިލް ނާއިލް ނަޝީދު – ސްޕޯކްސް ޕާސަން އަދި ހެރިޓޭޖް މިނިސްޓަރީގެ ޑައިރެކްޓާ ކޮމިނިއުކޭޝަންސް
  • މުހައްމަދު ފައިސަލް – އަބޫދާބީއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު
  • އަބްދުލް ހަމީދު އަހުމަދު – ފިޝަރީޒް މިނިސްޓަރީގެ ޕޮލިސީ އެގްޒެކެޓިވް ޑައިރެކްޓަރު

އެ ބޭފުޅުން ޕާޓީން ވަކިވުމާ ގުޅިގެން އެމްއާރްއެމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މެމްބަރުން ޕާޓީން ވަކިވެވަޑައިގަތުމަކީ ލިބުނު ހިތާމައެއް ކަމަށެވެ. އަދި އެ ބޭފުޅުން ޕާޓީއަށް ކޮށްދެއްވި މަސައްކަތް އިހުލާސްތެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.

"އެހެންކަމުން އެ ބޭފުޅުން ފުރުއްވަމުން ގެންދަވާ ސަރުކާރު މަގާމުތަކުގައި އެ ބޭފުޅުން ދެމިތިއްބެވުމަކީ އެމްއާރްއެމުން އެދޭ ގޮތެވެ. އަދި އެކްސްކޯ މެމްބަރު ހަސަން ހައްޔާން މުހައްމަދު ޕާޓީއަށް ކޮށްދެއްވި މަސައްކަތަކަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މި ހުރިހާ ބޭފުޅުންނަށް ވަރަށް ބާއްޖަވެރި ކާމިޔާބު މުސްތަގުބަލަކަށް އެދެން،" އެމްއާރްއެމުން ބުންޏެވެ.

އެމްއާރްއެމުން ބުނީ އެ ޕާޓީން އަބަދުވެސް ކުރިއަށް ދާނީ ގައުމީ މަސްލަހަތު އިސްކޮށްގެން ރައްޔިތުންގެ މަންފާއަށްޓަކައި ކަމަށާއި އެމްއާރްއެމުން އެ މަސައްކަތް ހުއްޓުމެއްނެތި އަބަދުވެސް ކުރަމުންދާނެ ކަމަށެވެ.

''ވަން'' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޕާޓީން ވަކިވާން ސިޓީ ފޮނުވާނެ ބޭފުޅުންގެ ތެރޭގައި ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެއް ބޭފުޅެއްކަމަށްވާ، އަދި މި ސަރުކާރުގެ ކެބިނެޓް މިނިސްޓަރު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އޭނާ އިސްތިއުފާދެއްވައިފައެއް ނުވެއެވެ.

އޭގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު ހަސަން އާއި ޔުމްނާގެ ހިތްހަމަނުޖެހުންތަކެއް އެމްއާރުއެމް މިހާރު ހިންގާ ގޮތާ މެދު ހުރި ނަމަވެސް ޕާޓީން ވަކިވެވަޑައިގަންނަވަން ނިންމާފައިވާކަން ކަށަވަރެއް ނުވެއެވެ.

އެމްއާރުއެމް ހިންގާ ގޮތާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރަށް ތާއީދުކުރައްވާ އެ ޕާޓީގެ އިސް ބޭފުޅުން ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ބޭފުޅަކު "ވަން" އަށް ވިދާޅުވީ، އެ ބައްދަލުވުމުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ، ޗާގޮސް މައްސަލައިގައި ވަކި ގޮތަށް ޕާޓީން ނިންމާފައި ވަނިކޮށް، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ސިޔާސީ ޕާޓީތަކާ އެކު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި މުޅި އެކްސްކޯގެ ތާއީދު ނެތި ނައިބު ރައީސް އައިމިނަތު ނާދިރާ ބައިވެރިވެވަޑައިގަތުމެވެ.

އެމްއާރްއެމްއަކީ މިހާރުވެސް ސަރުކާރު ހިމެނޭ ކޯލިޝަންގެ ބައިވެރިއެކެވެ. އެ ޕާޓީގެ ސްލޮޓުގައި ދެ މިނިސްޓަރެއް މިހާރުވެސް އެބަތިއްބެވިއެވެ.

އެމްއާރްއެމްއިން 2023 ވަނަ އަހަރު ސަރުކާރު ކޯލިޝަނާ އެކު ކުރިއަށް ދިޔުމާ ގުޅޭގޮތުން އަދި ގޮތެއް ނިންމައިފައެއް ނުވެއެވެ. ނަމަވެސް އެމްޑީޕީ އާއި އެމްއާރްއެމުން ވަނީ ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތައް ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި ކޯލިޝަން ގާނޫނެއް ހެދުމަށާއި ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދެމެހެއްޓުމަށް އެމްއާރްއެމުން ވަނީ ހުށަހަޅައިފައެވެ. ނަމަވެސް އެކަންކަމާ މެދު އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

އެމްއާރްއެމުން ބުނެފައިވަނީ އެ ޕާޓިން ކުރިއަށްދާނީ ގައުމާއި ދީނީ މަސްލަހަތު އެންމެ ބޮޑަށް ހިމާޔަތްކުރާނެ ބަޔަކާ އެކުގައި ކަމަށާއި އެމްއާރްއެމްއަށް ގަބޫލު ކުރެވޭފަދަ އެ ސިޔާސަތެއް ޕާޓީތަކެއްގައި ނެތްނަމަ އިންތިހާބުގައި ވާދަކުރާނީ ވަކިން ކަމަށެވެ