ޓީސީ ސްޕޯޓްސް ކްލަބަށް އަދިވެސް އެންމެ ރަނގަޅަށް ލީގަށް ތައްޔާރު ނުވެވޭ ކަމަށާއި ޓީމަށް އޮތް އެންމެ ބޮޑު މައްސަލައަކީ ޑިސިޕްލިންގެ މައްސަލަ ކަމަށް އަހުސަން ރަޝީދު (ޗޭ) ބުނެފިއެވެ.
ޓީސީން ލީގު ފަށާ މެޗުގައި މާދަމާ ހަވީރު ކްލަބު ވެލެންސިއާއާ ދެކޮޅަށް މާދަމާ ހަވީރު ނުކުންނަ އިރު، ޗޭގެ ނަޒަރުގައި ޓީސީއަށް ކުރިއަށް ދާން އަދިވެސް އޮތީ އުނދަގޫ މަގެކެވެ. އޭނާ ދެކޭ ގޮތުގައި ލީގަށް ތައްޔާރުވާން "ރަސްމީކޮށް" ފަށާނީ ލީގު ބްރޭކަށް ފަހުއެވެ.
"ޓީމު އަނެއްހެން ރަނގަޅު. އެކަމަކު އަދިވެސް ލީގަކަށް ތައްޔާރުވާވަރަށް ޓީމަކަށް ތައްޔާރެއް ނުވެވޭ. މިހާރު އޮތީ ކުރިއަށް އޮތް ތިން މެޗު ކޮންމެވެސް ގޮތަކަށް މެނޭޖުކޮށްލަން ވިސްނާފައި. އެހެންވީމާ މެޗުން މެޗަށް ހަމަ ލިބުނު ކޮންމެ އެއްޗެއްވެސް ހޯދަން ހަމަ ނުކުންނާނީ. އެކަމަކުވެސް މިބުނިހެން އަދި ހަމަ ޖޫން ފަހުން ރަނގަޅަށް ތައްޔާރުވެވޭނީ،" ޗޭ ބުންޏެވެ.
ޗޭ ބުނީ ވެލެންސިއާއަކީ ޒުވާން ޓީމެއް ކަމަށާއި އެހެންކަމުން ބުންވަރު ރަނގަޅު ތަންކޮޅަށް ޓީސީން ވިސްނަން ޖެހޭނެ ކަމަށެވެ. ހާއްސަކޮށް މެޗުގެ ފަހުވަގުތަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށްވެސް ޗޭ ބުންޏެވެ.
އޭގެ އިތުރުން އޭނާ ފާހަގަކުރި އެއްކަމަކީ ފަރިތަކުރުންތަކުގެ ވާހަކައެވެ. ޗޭ ބުނީ އެކަށީގެންވާ ފަރިތަކުރުންތަކެއް ކުރިއަށް ގެންދަން ދަތިތަކެއް އެބަހުރި ކަމަށާއި ހާއްސަކޮށް ޑިސިޕްލިންގެ މައްސަލަތަކެއް އަދި ޓީމު ތެރޭގައި އެބައުޅޭ ކަމަށެވެ.
"އެންމެ ރަނގަޅެކޭ ނުބުނެވޭނެ ފަރިތަކުރުންތައް. އެހެންމިހެން އަދި މިދަނީ. ޕްރެސިޑެންޓްސް ކަޕްގެ ދެމެޗަށްވެސް ދިމާވި މައްސަލައަކީ ޑިސިޕްލިންގެ މައްސަލަ. އަމިއްލައަށް ގަބޫލުކުރާ ގޮތުގައި އަނެއް ބުރަށް ޓީސީއަށް ނުދެވުނީވެސް ރަނގަޅު ޑިސިޕްލިންއެއް ނެތީމަ. އެއް ދުވަހު ޕްރެކްޓިސްއަށް ގޮސްފައި، އަނެއް ދުވަހު ނުދޭ. އެހެން ގޮސް ތިން ޕްރެކްޓިސް ކުރިއިރުވެސް ރަނގަޅަށް ކުޅުންތެރިން ހަމަ ނުވޭ،" ޗޭ ބުންޏެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ގިނަ ޓީމުތަކަށް އަދިވެސް ސީޒަނަށް ރަނގަޅަށް ތައްޔާރެއް ނުވެވެއެވެ. މަދު ޓީމެއް ފިޔަވައި ދެން ހުރި ޓީމުތަކުން ލީގަށް އެކަށީގެންވާ ތަމްރީނުތަކެއް އަދި ފުރިހަމަ ކޮށްފައި ނުވާ އިރު، ޕްރެސިޑެންޓްސް ކަޕަށްވެސް ގިނަ ޓީމުތަކުން ނުކުތީ އެންމެ އެކަށޭނެ ފަރިތަކުރުންތަކަކާ ނުލައެވެ. އޭގެ ތެރޭގައި ޓީސީވެސް ހިމެނެއެވެ.
ކްލަބުތަކުން ބުނެފައި ވަނީ ފައިސާގެ ހާލަތު ގޯސް ކަމަށާއި ކްލަބުތަކަށް ދޭން ކުރިން ނިންމާފައިވާ ފައިސާވެސް ލިބުން މިފަހަރު ލަސްވި ކަމަށެވެ. އެ ވާހަކަތަކާއެކު ކްލަބުތަކުން ބޮޑަށް މިހާރު މަސައްކަތް ކުރަނީ ސާފް ޗެމްޕިއަންޝިޕަށް ކްލަބު ފުޓުބޯޅަ މެދުކަނޑާލުމަށްފަހު ރަނގަޅަށް ލީގަށް ނުކުތުމަށެވެ. އެ ދުވަސްތަކުގައި ފަރިތަކުރުންތަކަށް ކްލަބުތަކުން ނުކުންނާނެ ކަމަށްވެސް ބެލެވެއެވެ.
ޓީސީން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ނުކުންނާނީ ކްލަބު ވެލެންސިއާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ހަވީރު 4:00 ގައެވެ.