މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާއަށް ކުޅުނު ބައެއް ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަލައިގައި ކްލަބަށް އާ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވި އޮތް މައްސަލަ އަދިވެސް ހައްލު ނުކުރެވޭ ކަމަށް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.
ވެލެންސިއާއިން މިސީޒަނަށް ގެންދިޔަ ކްލަބް ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ކްލަބުގެ ތަމްރީނުތަކުގައި ބައިވެރިވި ނަމަވެސް، އަދިވެސް އެ ކުޅުންތެރިންނަށް ޓީމުގައި ރަޖިސްޓްރީވެވޭ ގޮތެއް ނުވެއެވެ. ކޯޗު ފެސްކޯ ބުނީ އެ މައްސަލަ ހައްލުކުރުމުގެ މަގުމަތީގައި އުޅޭ ކަމަށާއި އެ ކަމުގައި ޓެކްނިކަލް ޓީމުގެ ފަރާތުން ބުނާނެ ވަކި އެއްޗެއް އަދި ނެތް ކަމަށެވެ.
"ﷲ އިރާދަކުރެއްވިއްޔާ އެކަންކަން ހައްލުވުމުގެ މަގުމަތީގައި އަޅުގަނޑުމެން މި މަސައްކަތް ކުރަމުންދަނީ. ހައްލުވީމަ މި ސީޒަނުގެ ރަނގަޅު ޓީމެއް ވެލެންސިއާގައި އޮންނާނެ. އޭގެ މާނައަކީ މިހާރު އޮތް ޓީމު ގޯހެކޭ ނޫން. މިހާރުވެސް އޮތީ ހިތްހަމަ ޖެހޭ ޓީމެއް. އެކަންކަން ހައްލުވެގެން އައިމަ، ކުޅިބެލުންތެރިން ހިތްހަމަ ޖެހޭ ކުޅުމެއް ފެނިގެންދާނެ،" ފެސްކޯ ބުންޏެވެ.
ފެސްކޯ ބުނީ އުންމީދަކީ ވީހާވެސް އަވަހަކަށް އަލަށް ގެނައި ކުޅުންތެރިން ޓީމާ ގުޅުން ކަމަށާއި އެކަމުގެ މަސައްކަތް މެނޭޖުމަންޓުން ކުރަމުންދާ ކަމަށެވެ. އަދި އެ ވާހަކައިގައި "ކޮމެންޓެއް ކުރަން" ބޭނުން ނުވާ ކަމަށްވެސް ފެސްކޯ ބުންޏެވެ.
"މިދިޔަ އަހަރުންވެސް ހުރި ޕްލޭންތަކެއް. އެ ޕްލޭންތަކުގެ އެއްބައި (ޒުވާން ކުޅުންތެރިން ނެރުން) މިހާރު މި ފެނިގެންދަނީ. އެހެން ނަމަވެސް އޭގެ ތެރެއިން އަޅުގަނޑުމެންނަށްވެސް ބާރު ނުހިނގާ ބައިވަރު ކަންތައްތަކެއް ހުރޭ. ކޮންމެ ޕްލޭނެއް، ކޮންމެ ބަޔަކު ޕްލޭންތަކެއް ހެދި ނަމަވެސް، ޕްލޭން އެއްކޮށް އެޗީވްއެއް ނުކުރެވޭނެ. އަޅުގަނޑުމެން ޓީމުގައިވެސް ހުރި ސީދާ ޓެކްނިކަލް ޓީމަށް ބާރު ނުފޯރުވޭނެ ކަންތައްތަކެއް. އަޅުގަނޑުމެންނަށް ބާރު ނުފޯރުވޭނެ ކަންތައްތަކެއް އޮންނާތީ ޓީމު މިގޮތަށް އޮންނަން މި ޖެހުނީ،" ފެސްކޯ އިތުރަށް ބުންޏެވެ.
ފެސްކޯ ބުނީ ޕްރެސިޑެންޓްސް ކަޕަކީ ޒުވާން ޓީމަކާ އެކު ތަޖުރިބާތަކެއް ހޯދަން ލިބުނު ފުރުސަތެއް ކަމަށާއި އެ ތަޖުރިބާއިން އަރައިގަނެ، ލީގަކަށް ނުކުންނަ އިރު ކޮންމެވެސް ވަރެއްގެ ތަފާތު ވިސްނުމަކަށް ވިސްނަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އަދި އޮތް ގޮތުން ލީގަށްވެސް ނުކުންނަން ޖެހެނީ ޒުވާން ޓީމަކާއެކުގައި ކަމަށް ފެސްކޯ ބުންޏެވެ.
ވެލެންސިއާއިން ޕްރެސިޑެންޓްސް ކަޕަށް ނެރުނު ޓީމުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނާފައިވާ އިރު، ޔޫތު ޓީމުގައި ވިދުން ގަދަ ކުޅުންތެރިންވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެގޮތުން އުމުރުން 14 އަހަރު އީތަން އިމްރާހީމް ޒަކީ އާއި މުހައްމަދު އިލާން އިމްރާނުވެސް މެޗުން ފެނިގެން ގޮސްފައިވެއެވެ.
"މީގެ ކުރިން ޒުވާން ކުޅުންތެރިންތަކެއް އެއްފަހަރާ ވެލެންސިއާއިން ތައާރަފު ކޮށްފައި ނުވި ނަމަވެސް، ވެލެންސިއާއަށް އާކަމެއް ނޫން މިއީ ޒުވާން ކުޅުންތެރިން ތައާރަފުކުރުމަކީ. ވެލެންސިއާއަކީ މިހާތަނަށް އެންމެ ގިނައިން ޒުވާން ކުޅުންތެރިން ރާއްޖޭގެ ފުޓުބޯޅައަށް ތައާރަފު ކުރި ކްލަބު. އެހެންވާ އިރު އެއްވެސް ޒުވާން ކުޅުންތެރިޔަކަށް ވެލެންސިއާއަކުން ޕްރެޝަރެއް ނުކުރާނެ. އެ ކުޅުންތެރިންގެ 100 ޕަސެންޓް ދެއްކުމުގެ ފުރުސަތު ވެލެންސިއާގައި އޮންނާނެ،" އެ ކުޅުންތެރިންނަށް ބޮޑު ޕްރެޝަރަކަށް ލީގު މެޗުތައް ވެދާނެތޯ ސުވާލުކުރުމުން ފެސްކޯ ބުންޏެވެ.
ފެސްކޯ މިއަދުވެސް ބުނީ ވެލެންސިއާގެ ތާރީހުން އެކަމުން ހެކިދޭނެ ކަމަށެވެ. އޭނާ ބުނީ ވެލެންސިއާއަކީ އަބަދުވެސް ޒުވާން ކުޅުންތެރިންތަކެއްގެ "ފެވަރިޓް" ޓީމެއް ކަމަށާއި ފުޓުބޯޅައިން ބޭރުން ވޮލީ އާއި ޓީޓީގެ އިތުރުން އެހެން ގިނަ ކުޅިވަރުތަކަކަށްވެސް ވެލެންސިއާއިން އަބަދުވެސް ޒުވާން ކުޅުންތެރިން ނެރެ، ކާމިޔާބުތައް ހޯދާފައިވާނެ ކަމަށެވެ.
"ވެލެންސިއާއަކީ ކުޅުންތެރިންނަށް ޕްރެޝަރައިޒްކޮށް، ކުޅުންތެރިން ޑިމޯޓިވޭޓް ވާ ކަހަލަ ކަމެއް ކުރި ޓީމެއް ނޫން. ހަމަ ޔަގީނުންވެސް އަޅުގަނޑު މި ހެޑްކުރާ ޓެކްނިކަލް ޓީމުން އެކަމެއް ނުކުރާނެ،" ފެސްކޯ އިތުރަށް ބުންޏެވެ.
ވެލެންސިއާއިން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނީ މާދަމާ ހަވީރު 4:00 ގައެވެ.