Close
ޚަބަރު

ހުމާމް މަރަން ކުރި ހުކުމް ސުޕްރީމް ކޯޓަށް

އިބްރާހިމް ޒަކީ

1

ކުރީގެ މަޖިލިސް މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރަން ހުކުމް ކޮށްފައިވާ ހ. ލޮބީ/ ހުސައިން ހުމާމް އަހުމަދު، އޭނާއަށް ކޮށްފައިވާ މަރުގެ ހުލުމް ސުލުރީމް ކޯޓުގެ އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޑރ. އަފްރާޝީމް އަވަހާރަ ކޮށްލީ، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެއަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގައެވެ.

އެ މައްސަލައިގައި ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހުއެވެ.

އެ ހުކުމަށް ހައިކޯޓުން ތާއީދު ކުރީ 2015 ސެޕްޓެމްބަރު ހަތްވަަނަ ދުވަހުއެވެ. ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓީ 2016 ޖޫން 24 ގައެވެ.

އެހެންކަމުން މި މައްސަލަ ހުމާމްގެ ފަރާތުން އަލުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި މިވަނީ، ރިވިއުކުރުމަށް އެދިކަމަށް ބެލެވެއެވެ. ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމްތައް ވަކި ހާލަތެއްގައި ރިވިއު ކުރެވޭ އުސޫލެއް އޮވެއެވެ. އެގޮތުން ކުރީގެ ބައެއް ހުކުމްތައް ވަރަށްފަހުންސްވެސް ސުޕްރީމް ކޯޓުން ވަނީ ރިވިއުކޮށްފައެވެ.

ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟