Close
ޚަބަރު

ނަޝީދަށް ދިން ހަމަލާއަށް ދެ އަހަރު: އިންސާފު ނުލިބޭ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއަށް ދެ އަހަރު ވީއިރުވެސް އިންސާފު ނުލިބޭ ކަމަށް ބުނެ، އެ މަނިކުފާނުގެ ފެކްޝަނަށް ނިސްބަތްވާ މަޖިލިސް މެންބަރުން ހިމެނޭ ގޮތުން ބައެއް ބޭފުޅުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އީވާ އަބްދުﷲ ތުހުމަތު ކުރެއްވީ، އެ މައްސަލައަށް އިންސާފު ލިބުނަ ނުދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ. ހަމަލާއަށް ދެ އަހަރު ވީއިރު އެ ހަމަލާގެ އަޑީގައި ތިބި މީހުންވެސް ނުހޯދާވަނީ ގަސްތުގައި ކަމަށްވެސް ސިފަކުރައްވާފައިވެއެވެ.

"ރައީސް ނަޝީދު މަރާލަން ދިން ބޮމުގެ ހަމަލާއަށް 2 އަހަރު، މި ބިރުވެރި ނުރައްކާތެރި ހަމަލާގެ އަޑީގައި ތިބި ބަޔަލު ނުހޯދި، ރައީސް ނަޝީދަށް އިންސާފު ލިބުނަ ނުދީ ހިފަހައްޓާލައިގެން ތިބީ، އެއީ ރައީސް އިބޫ ސޯލިހު ބޭނުންފުޅުވާ ގޮތްކަން ވަރަށް ސާފު،"

އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، ހަމަލާގެ މައްސަލާގައި ހަދާފައި ހުރި ގޯސްތައް ވަންހަނާކޮށް ފޮރުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައީސް ސޯލިހަސް ރައީސް ނަޝީދަށް އިންސާފެއް ހޯއްދަވައި ނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފާޑުވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއަށް ދެ އަހަރު ވެފައިވާއިރު، އެކަމުގައި އަޑީގައި ތިބި މީހުން ނުހޯދުނު ނަމަވެސް، އެމްއެންޑީއެފްގެ ބައެއް އޮފިސަރުންނަށް ޕްރޮމޯޝަން ދިނުމުންނެވެ.

ރައީސް ނަޝީދުގައި މިހާރު އިސްކޮށް ހަރަކާތްތެރިވާ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވީ، ބޮމުގެ ހަމަލާ ދިނުމުގެ ކުރީން އެކަމުގެ މައުލޫމާތު ސަރުކާރަށް އެނގި ތިބެ އަޅާނުލައި އަދި ހަމަލާއަށް ދެ އަހަރު ވީއިރު އެ ހަމަލާ ރޭވި މީހުން ނުހޯދައި، ރައީސް ނަޝީދަށް އިންސާފު ނުހޯދައިދިނުމަކީ ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސެއިން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ސަރުކާރުން ރައީސް ނަޝީދަށް ހޯދައި ނުދެވުނު އިންސާފެއް އެހެން މީހަކަށް ހޯދައެއް ނުދެވޭނެ ކަމަށާއި މި ސަރުކާރުން އިންސާފުގެ ވާހަކަ ދައްކަން ރަނގަޅު ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަަޝީދަށް ދިން ހަމަލާއާ ގުޅިގެން ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް މިހާތަނަށް ހުކުމްކޮށްފައިވަނީ އެންމެ މީހަކަށެވެ. އެއީ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތާލި ވ. ތިނަދޫ ހިޔާ، އަދުހަމް އަހްމަދު ރަޝީދެވެ.