ށ. ނަރުދޫ ބަނދަރު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ނަރުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރީ މިދިޔަ އޭޕްރީލް 28 ވަނަ ދުވަހުއެވެ. ޖުމުލަ 43.8 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމަން އެއްބަސްވެފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފަށައިފައެވެ. އަދި މިހާރު ކުރިއަށްދަނީ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށް ބުންޏެެވެ.

މި މަޝްރޫއުގެ ދަށުން، 51,212 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 4,120 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 371 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 205 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި 210 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި 955 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.