ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ވިއްކާފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
އެ މައްސަލަ ފުލުހަށް ހުށަހެޅީ އެ މަސައްކަތް ކުރާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އޭޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުންނެވެ.
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. ކުންފުނީގައި އޭނާގެ 95 ޕަސެންޓް ހިއްސާ އޮންނަ އިރު، މަންޑޭގެ އޮންނަނީ ފަސް ޕަސެންޓް ހިއްސާއެވެ.
ހަންބޯއިން މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ބަޔަކަށް ވިއްކާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަން ކޮށްފައިވަނީ މަންޑޭ ކަމަށް އެ ކުންފުނިން ވަނީ ތުހުމަތުކޮށްފައެވެ.
އެގޮތުން ގަނެ ވިއްކުމުގެ އެއްބަސްވުމުގައި މަންޑޭ ސޮއިކޮށްފައި ވަނީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ޖައިޝަން ސައީދު ކިޔާ މީހަކަށް ދީފައިވާ ކަމަށް ބުނާ އެ ކުންފުނީގެ ގަރާރެއް ބޭނުންކޮށްގެން ކަމަށެވެ. އަދި ބައެއް އެއްބަސްވުންތަކުގައި ޖައިޝަން ސައީދު ވެސް ސޮއިކޮށްފައިވާ އިރު، ކުންފުނީގެ އެމްޑީގެ ހައިސިއްޔަތުން ކަމަށް ބުނެ، އޮޅުވާލައިގެން ބައެއް އެއްބަސްވުންތަކުގައި މަންޑޭ ވެސް ސޮއިކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ސޮއިކުރުމަށް ފަހު ގިނަ ބައެއްގެ އަތުން ފައިސާ ދެއްކުމަށް މަންޑޭ އެދިފައި ވަނީ ނަގުދު ފައިސާއިން ކަމަށް ކަސްޓަމަރުން ބުނެފައިވާ ކަމަށެވެ. އަދި ފައިސާ ހޯދުމަށް މުއާމަލާތް ކޮށްފައި ވަނީވެސް ސީދާ މަންޑޭ އާއި ޖައިޝަން ސައީދު ކަމަށް ބަޔާނުގައިވެއެވެ.
ހަންބޯ ކުންފުނީގެ އެކައުންޓް ހުޅުވާފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކަމަށްވާ އިރު، ބައެއް ކަސްޓަމަރުންގެ އަތުން މަންޑޭ ފައިސާ ހޯދާފައި ވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ކަމަށާއި އަދި އެކައުންޓް ހުޅުވާފައި ވަނީ އެމްޑީ ޗައިނާގައި ހުރި ދުވަސްވަރު ކަމަށް ބީއެމްއެލުން މައުލޫމާތު ދީފައިވާ ކަމަށާއި އަދި އެކަން ކޮށްފައިވަނީ އޭނާގެ ޕާސްޕޯޓް ކޮޕީއެއްގައި ވަކީލަކު ލައްވައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިގެން ކަމަށް ވެސް ހަންބޯއިން ބުނެއެވެ.
ބީއެމްއެލްގެ ސަމާލު ކަމަށް މި މައްސަލަ ގެނެސްފައިވާ ކަމަށާއި ނަމަވެސް އެ އެކައުންޓްގައި ހުރި ފައިސާތައް މަންޑޭ ނަގާފައިވާ ކަމަށް ހަންބޯއިން ބުނެއެވެ. އަދި އެ އެކައުންޓްގެ އިންޓަނެޓް ބޭންކިންގެ އިތުރުން އެކައުންޓުން ކުރަން ޖެހޭ ހުރިހާ މުއާމަލާތެއް ކުރުމަށް ހުށަހެޅި ކުންފުނީގެ ގަރާރުގައިވެސް ޖިން ޝިހޫގެ ސޮއި ފޯޖްކޮށްފައިވާ ކަމަށް ހަންބޯއިން ބުންޏެވެ.
އެ ކުންފުނީގެ އެމްޑީގެ ސަމާލު ކަމަށް މި މައްސަލަ އައުމުން މަންޑޭއާ ބައްދަލުކޮށް، އެކަމަށް އެއްބާރުލުން ދިނުމަށް އެދުމުން އެކަން ކޮށްފައި ނުވާ ކަމަށާއި އޭގެ ފަހުންވެސް މަންޑޭ އާއި ޖައިޝަންގެ ފަރާތުން ކަސްޓަމަރުންނަށް ގުޅައި އެޕާޓްމެންޓްތަކާ ގުޅޭ ފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ކަސްޓަމަރުންގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށްވެސް ހަންބޯއިން ބުންޏެވެ.
ހަންބޯއިން ބުނީ އެޕާޓްމަންޓްގެ އަގުގެ ބަދަލުގައި ކާރާއި އެ ނޫން ވެސް ތަކެތި މަންޑޭ އެތައް ބައެއްގެ އަތުން ހޯދާފައިވާ ކަމަށެވެ. އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކައި ފައިސާ ނަގާފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. އަމިއްލަ ބޭނުމަށް ކަސްޓަމަރުންނަށް ގުޅައިގެން ދަރަންޏަށް ފައިސާ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ހަންބޯއިން ބުންޏެވެ.
މިކަން ކުރުމަށް އެހެން ކުންފުނިތަކެއް ބޭނުންކޮށްގެން ހަންބޯގެ ނަމުގައި މުއާމަލާތްކޮށްފައިވާ ކަމަށާއި އެއީ މަންޑޭ އާއި ޖައިޝަން ސައީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކޯދީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓާއި ހަންބޯ ކުންފުނީގެ ސެކްރެޓަރީ އައިޝަތު ދިފްލީންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޝީޖިއާ ގްރޫޕް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް އެވެ.
މީގެ އިތުރުން ރައްޔިތުންނަށް އޮޅުވާލައި ފައިސާ ނެގުމަށް ކޮރެއާ ރައްޔިތެއް ކަމަށްވާ ޖޮންވޫ ކިމް ދައްކައި އޭނާއަކީ އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ދައްކާފައިވާ ކަމަށް ހަންބޯއިން ބުނެއެވެ.
ހަންބޯއިން ބުނީ މި މައްސަލައަކީ ގިނަ ބައެއްގެ ފައިސާ އާއި މަސްލަހަތު ހިމެނޭ ކަމަކަށް ވުމުން، މި މައްސަލައިގައި ޝާމިލުވާ މަންޑޭ އާއި ޖައިޝަންގެ އިތުރުން މިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކުގެ ޖިނާއި ތަހުގީގެއް ހިންގުމަށް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
ހަންބޯ ކުންފުނީގެ ބަޔާނުގައި އިތުރަށް ބުނީ މި މައްސަލަ އާބަންކޯގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށާއި އެކަމާ ގުޅޭ ލިޔެކިޔުންތައްވެސް ހުށަހަޅާފައިވާ ކަމަށެވެ. ކަސްޓަމަރުންނާ އެކު ހަދާފައިވާ އެއްބަސްވުންތަކާއި ފައިސާ ބަލައިގަތް ކަމުގެ ލިޔުން ހިފަހައްޓާފައިވާ ކަމަށާއި އެކަމުގެ ލިޔުންތައް ދޭން އެދުމުންވެސް މަންޑޭ އެކަމަށް ދެކޮޅު ހަދާފައިވާތީ އެ މައްސަލަ ވެސް އާބަންކޯގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ނަމަވެސް އެކަމުގެ ސަބަބުން ކޭ-ޕާކް ފްލެޓް މަޝްރޫއު ނުހުއްޓޭނެ ކަމަށާއި އެ މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ހަމްބޯ ޓެކް ކޮރެއާއިން ބުންޏެވެ.
ހަންބޯއިން ބުނީ ފްލެޓްގެ މަސައްކަތް އެކީ ނިންމައި މިއަހަރުގެ ފަހު ކުއާޓާގައި ކަސްޓަމަރުންނާ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތް ކުރަމުން އަންނަ މުއްދަތުގައި ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ކަސްޓަމަރުންގެ ފަރާތުން ސާފުކުރަން ބޭނުންވާ މައުލޫމާތު ސާފު ކުރުމަށާއި ޝަކުވާ ހުށަހެޅުމަށް ވަކި އޮފީހެއް ކޭ-ޕާކް ރެސިޑެންސް މަސައްކަތު ސައިޓުގައި ގާއިމުކުރެވިފައި ހުންނާނެ ކަމަށެވެ.
މި ކަމާ ގުޅިގެން މަމްދޫހުގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހަނަފީ ވަނީ އެކަން ކަށަވަރުކޮށްދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު