މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަތްލައްކައަށްވުރެން ގިނަ ފަތުރުވެއިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އިއްޔެގެ ނިޔަލަށް ޖުމްލަ 710،645 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

މިއީ ހުސްވި 2022 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކޮށްފައިވާ 640،730 ފަތުރުވެރިންނާ އަޅައިބަލާއިރު 17.5 ގެ ކުރިއެރުމެކެވެ.

އިއްޔެގެ ނިޔަލަށް ޖުމުލަ 710،645 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ކޮވިޑްގެ ކުރިން 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 667،729 ފަތުރުވެރިންނެވެ. އެއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު 6.4 ޕަސެންޓްގެ ކުރިއެރުމެކެވެ.

މި މަހަށް އެކަނި ބަލާއިރު، މިމަހުގެ ފުރަތަމަ ފަސްދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަަދަދު މިދިޔަ 2022 ވަނަ އަހަރުގެ މެއިމަހުގެ މިމުއްދަތާ އަޅައިބަލާއިރު، 19.9 ޕަސެންޓް ދަށްވެފައިވީ ނަމަވެސް، 2019 ވަނަ އަހަދުގެ މި މުއްދަތާ އަޅައި ބަލާއިރު 3.3 ޕަސެންޓްގެ ކުރިއެރުމެއް ވަނީ އައިސްފައެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ވަކި މާކެޓްތަކަށް ބަލާއިރު، ޗައިނާ މާކެޓް ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، މިގޮތުން މިއަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ޗައިނާ ވަނީ 4.7 ޕަސެންޓް ހިއްސާއާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ހަ ވަނައަށް އެންމެ ބޮޑު މާކެޓް ކަމުގައި ހިމެނިފައި ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.