ތިންހާސް އަށްވުރެ ގިނަ ބައިވެރިންނާއެކު އުރީދޫ ފަންރަން ކުޅުދުއްފުށި ސިޓީގައި ބާއްވައިފިއެވެ.

އުރީދޫން އިއްޔެ ބުނީ ކުޅުދުއްފުށީގައި ބާއްވާ އެ ދުވުމަކީ މިހާތަނަށް އަތޮޅު ތެރޭގައި ބޭއްވި އެންމެ ބޮޑު ދުވުން ކަމަށެވެ. އެ ދުވުމުގައި ހދ. އަތޮޅުގެ އެކި ރަށްތަކުން އެކިި އުމުރުފުރައިގެ މީހުން ބައިވެރިވިކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ފަން ރަން ފަށާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ، ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް، ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދް، ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރް، ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުالله ނަދީމް، މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް، ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު، ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް، އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމް ހިމެނޭހެން ދުވުންތެރިންނާއެކު ނެގި ކުލަ ގަދަ ސެލްފީއަކުންކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ކުޅުދުއްފުށީގައި ފަންރަން ބާއްވައިި، އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އެ އަތޮޅުގެ މީހުންނަށް ލިބިގެންދިޔުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. ފަން ރަން ހަނދާނުން ނައްތައިނުލެވޭނެ ދުވުމަކަށް ހަދައިދިނުމަށް ކުޅުދުއްފުށި ކައުންސިލުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ހުރިހާ އުމުރެއްގެ މީހުން ވެސް އާއިލާ އާއި ރައްޓެހިންނާ އެކު މި ހަރަކާތުގައި ބައިވެރިވެ އުފާވެރި ވަގުތުތަކެއް ހޭދަކުރެވިގެން ދާތަން ފެނިގެން ދިއުމަކީވެސް އަޅުގަނޑުމެންނަށް ލިބުނު އުފާވެރިކަމެއް. ކުރިއަށް އޮތް ތަނުގައިވެސް މި ފަދަ މަޖާ އަދި އުފާވެރި ހަރަކާތްތައް ހދ އަތޮޅުގައި ބޭއްވިގެންދާނެކަމުގެ ޔަގީންކަން އަރުވަން" އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށި ކައުންސިލްގެ ރައީސް އާތިފު ވިދާޅުވީ އުރީދޫން ފަން ރަން އެ ސިޓީގައި ބޭއްވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެ ހަރަކާތުގެ ސަބަބުން އަތޮޅުގެ މީހުން މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ރޫހު އަލާވިކަމަށް އޭނާ ވިދާޅުވިއެވެ.

"އުރީދޫ މޯލްޑިވްސް އިން މި ފާހަގަކޮށްލެވޭ އިވެންޓް އަޅުގަނޑުމެންގެ ސިޓީގައި އިންތިޒާމުކޮށް މި ފުރުސަތު ފަހިކޮށްދިން ކަމަށްޓަކައި ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައި ވެސް މިފަދަ އިތުރު ހަރަކާތްތައް ފެނިގެންދިއުން" އާތިފު ވިދާޅުވިއެވެ.

އުރީދޫ ފަން ރަން އަކީ ދުވުމުގެ އިތުރުން އުފާވެރި އަދި މަޖާ ހަރަކާތްތަކެއް ހިމެނޭ ދުވުމެކެވެ. މިއީ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއެއް އާލާކުރުމުގެ ގޮތުން އުރީދޫން ކުރިއަށް ގެންދާ ދުވުމެކެވެ. އެ ދުވުމުގައި ދުވުންތެރިން ދުވެ ނިންމާ ކޮންމެ ކިލޯމީޓަރަކީ ކުލަތަކާއި، އިންފްލެޓްބަލް އޮބްސްޓެކްލްސް، ފޯމް ޕާޓީއެއް ފަދަ މަޖާ ހަރަކާތްތަކާއެކު ދުވުންތެރިންނަށް އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިވެގެން ދާ ދުވުމެކެވެ.

އެހެންކަމުން މި ދުވުމުގައި ހުރިހާ އުމުރު ފުރައެއްގެ ފަރާތްތަކަށް އަދި ދުވުމުގެ ތަޖުރިބާއެއް ނެތް ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ.