ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ފާރު ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮށްލާފައި ހުރި މައްސަލައެއްގައި އާބަންކޯއިން އެ އެޕާޓްމަންޓުތަކުގެ ވެރިން ޖޫރިމަނާކޮށްފިއެވެ.
އާބަންކޯ އިން މިއަދު ބުނީ އެ ކޯޕަރޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބެލިބެލުމުން އެއީ ކޮން އެޕާޓްމަންޓްތަކެއްކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި މިއެޕާޓްމަންޓުގެ އިންޓީރިއާ ހެދުމުގެ މަސައްކަތް ކުރި އިރު، އެކޯޕަރޭޝަނުން ހަދާފައިވާ އުސޫލުތަކާ ހިލާފަށް ދެ އެޕާޓްމަންޓްތަކުގެ ވެރިން، އެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި، ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ތަން ބަދަލުކޮށްފައިވާ ކަމަށެވެ.
އާބަންކޯ އިން ބުނީ މި މައްސަލަ ބެލުމަށް ފަހު އެއިން ކޮންމެ އެޕާޓްމަންޓެއް ވެރިފަރާތް 100،000 ރުފިޔާއިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް އަންގާފައިވާނެ ކަމަށެވެ.
ހިޔާ ފްލެޓުގެ އެއްބަސްވުމުގައި ވާގޮތުން ފްލެޓު ވިއްކާ ފަރާތުގެ ނުވަތަ އިމާރާތް ބަލަހައްޓާ ފަރާތުގެ ހުއްދަ ލިޔުމަކުން ލިބިގެން ނޫން ގޮތަކަށް ފުލެޓުގެ މައި ފާރަކަށް ނުވަތަ ފުލެޓުގެ ބޭރަށް ނުވަތަ އެތެރެއަށް ބަދަލެއް ގެނައުން ނުވަތަ މަރާމާތެއް ކުރުމަކީ މަނާ ކަމެކެވެ. އެ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ، ހިލާފުވި މިންވަރަށް ބަލައި 1،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމާނާ ކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު