އިޓަލީ ލީގުގެ ރެފްރީއެއް ކިބައިން ސަލާމަތް ހޯދަން ކަމަށްބުނެ، ރޯމާއިން އެންމެފަހުން މޮންޒާއާ ދެކޮޅަށް ކުޅުނު މެޗަށް ރޯމާގެ ކޯޗު ޖޯސޭ މޮރީނިއޯ، މައިކް އަޅައިގެން ނުކުމެއްޖެއެވެ.

ރޯމާއިން އެންމެފަހުން މޮންޒާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އެމެޗުގެ ފަހު ވަގުތުގައި ރޯމާގެ މެހްމާތު ޒަކީ އަށް ރަތް ކާޑު ދައްކާފައިވާ އިރު، އެ ރަތް ކާޑު ދެއްކި ރެފްރީ ޑެނިއަލް ޗިފީއަށް މޮރީނިއޯ ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

މޮރީނިއޮ ބުނީ އެއީ ކެރިއަރުގައި ދިމާވި އެންމެ ދަށް ރެފްރީ ކަމަށާއި، މައިކް އަޅައިގެން މެޗަށް ނުކުތީ އެހެންވެ ކަމަށެވެ.

"އެއީ އަހަރެންގެ ހަޔާތުގައިވެސް ދިމާވި އެންމެ ދަށް ރެފްރީ. އަހަރެން އެހެންވެ މެޗަށް ނުކުތީ މައިކް އަޅައިގެން. އަހަރެން ޑްރެސިން ރޫމުން ނައްޓާލި ހިސާބުން ފެށިގެން ގޮސް، މެޗު އެއްކޮށް ރެކޯޑު ކުރިން. އަހަރެން އެކަން ހުރީ ސަލާމަތް ހޯދަން ވެގެން،" މޮރީނިއޯ ބުންޏެވެ.

އާންމުކޮށް ރެފްރީންނާ މައްސަލަތައް ދިމާވާ ކޯޗެއްގެ ގޮތުގައި މޮރީނިއޯ ފާހަގަކުރެވިފައިވާ އިރު، މި ސީޒަނުގައި އޭނާއަށް ތިން ރަތް ކާޑު ދައްކާފައިވެއެވެ. އޭގެ ތެރެއިން އެއް ކާޑަކީ ރެފްރީ ޗިފީ ސެޕްޓެންބަރު މަހު ދެއްކި ކާޑެކެވެ.

"ޓެކްނިކަލީވެސް ޗިފީއަކީ އެންމެ ދަށް ރެފްރީ. އަދި އެހެން މީހުންގެ އިހުސާސްތަކަށް ބަލާލުމެއްވެސް ނޯންނާނެ. ވާހަކައެއް ރަނގަޅަކަށް ނުދައްކާނެ. ހޭލުންތެރިކަން ދަށް ރެފްރީއެއް އެއީ،" ރެފްރީއަށް ފާޑު ކިޔަމުން މޮރީނިއޯ އިތުރަށް ބުންޏެވެ.

މޮރީނިއޯ އިތުރަށް ބުނީ މެޗުގެ ފަހު 20 ވަރަކަށް މިނެޓުގައި އޭނާ އެއްވެސް ކަމަކާ ޝަކުވާ ނުކޮށް އިނީވެސް ރަތް ކާޑު ދައްކާނެކަން އެނގޭތީ ކަމަށާއި، 96 ވަނަ މިނެޓުގައި ޒަކީއަށް ދެވަނަ ރީނދޫ ކާޑަކާއެކު ދެއްކި ރަތް ކާޑި އެއީ ޖޯކެއް ކަމަށެވެ. މޮރީނިއޯ ވަނީ ރެފްރީންގެ ކަންކަމުގައި ބައެއް ކްލަބުތަކުން ނުފޫޒު ފޯރުވާ ކަމަށްވެސް ބުނެފައެވެ. އޭނާ ބުނީ ރޯމާއަކީ "އެހާ ވަރުގަދަ" ޓީމެއް ނޫން ކަމަށްވުމާއެކު، އެ ރެފްރީ ރޯމާ މެޗުތަކުގައި ބޭނުންނުކުރަން އެދުނު ނަމަވެސް، އެކަން އޮގޮތަށް ނުވާނެ ކަމަށެވެ.