އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ފަހުވަގުތު ބްރައިޓަން އަތް ދަށު ވެއްޖެއެވެ.
ބްރައިޓަން ދަނޑުގައި ރޭ ކުޅުނު މެޗުން އެޓީމު މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ހަމައެކަނި ފެނުނު ގޯލަކީ ފަހު މިނެޓުގައި ކަހަލަ ގޮތަކަށް ބްރައިޓަންއަށް ލިބުނު ޕެނަލްޓީއަކުން ފެނުނު ގޯލެކެވެ.
މުހިއްމު މެޗަކުން ބަލިވުމާއެކު ޔުނައިޓެޑަށް ވަނީ ގަދަ ހަތަރެއްގައި ހިފެހެއްޓުމަށް އަނެއްކާވެސް ޗެލެންޖަކާ ކުރިމަތިވެފައެވެ. އެޓީމުން ލީގު ތާވަލުގެ ހަތަރު ވަނައިގައި މިވަގުތު އޮތީ 33 މެޗުން 63 ޕޮއިންޓާ އެކުގައެވެ. ފަސްވަނައިގައި ލިވަޕޫލުން އޮތީ 34 މެޗުން 59 ޕޮއިންޓާ އެކުގައެވެ. ބްރައިޓަންވެސް ގަދަ ހަތަރަކަށް ފުރުސަތެއް ހޯދާފައިވާ އިރު، އެޓީމުން މިވަގުތު ހަވަނައިގައި އޮތީ 32 މެޗުން 55 ޕޮއިންޓާ އެކުގައެވެ.
ދެޓީމުންވެސް ގިނަ ހަމަލާތަކެއް އުފެއްދި މެޗު ވެގެން ދިޔައީ ފޯރިގަދަ މެޗަކަށެވެ. ޔުނައިޓެޑުން މެޗުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާ އިރު، އެންޓޯނީއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ. އަދި މާކަސް ރަޝްފޯޑާއި އެންޓޮނީ މާޝިއަލް ޖެހި ބޯޅަތައް މަތަކުރީ ބްރައިޓަންގެ ގޯލްކީޕަރު ޖޭސަން ސްޓީލްއެވެ.
ބްރައިޓަންއަށް ރޭގެ މެޗުގައިވެސް އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިޔަކީ ރަނގަޅު ފޯމެއްގައި ހުރި ކައޯރޫ މިޓޯމާއެވެ. އޭނާގެ ބާރު ހަމަލާތައެއް ޑޭވިޑް ޑެހެއާ މަތަކޮށް ހިފާފައިވާ އިރު، ކުރިން ޔުނައިޓެޑަށް ކުޅުނު ޑެނީ ވެލްބެކަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
މެޗުގެ ފަހުވަގުތު ކޮޅުގައި ބްރައިޓަންއިން އިތުރަށް ކުރިއަށް ޖެހި ޔުނައިޓެޑަށް ޕްރެޝަރު ބޮޑުކޮށްފައިވެއެވެ. އެލެކްސް މެކް އަލިސްޓާއާއި ޕާވިސް އެޓޫޕިއަން ޖެހި ބޯޅަތައް ޑެހެއާ މަތަކުރި އިރު، 98 ވަނަ މިނެޓުގައި އެޓީމަށް ޕެނަލްޓީ ލިބުނީ ޔުނައިޓެޑްގެ އިނގިރޭސި ޑިފެންޑަރު ލޫކް ޝޯ އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުމުންނެވެ. ޕެނަލްޓީގައި ގޯލު ޖަހައިދިނީ މެކް އަލިސްޓާއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު