މިއަހަރު ބާއްވަން ތާވަލުކޮށްފައިވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގައި ސަރަހައްދުން ބޭރުން ދައުވަތު އެރުވިގެން ވާދަކުރާ ޓީމެއްގެ ގޮތުގައި ކުވައިތު ވާދަކުރާނެއެވެ.

ސާފް ޗެމްޕިއަންޝިޕް މިއަހަރުގެ ޖޫން 21 އިން ޖުލައި ތިނަކަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވަން އިއުލާނު ކޮށްފައިވާ އިރު، އެންމެފަހުން ބޭއްވި ސާފްގެ އެކްސްކޯ ބައްދަލުވުމުގައި އިތުރު ގައުމުތަކަކަށް މުބާރާތުން ފުރުސަތު ދޭން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން އެ ދައުވަތު މެލޭޝިއާ އާއި ސައުދީ އަރަބިއާއަށްވެސް ދީފައިވާ އިރު، ސާފުން މިއަދު އިއުލާނު ކޮށްފައި ވަނީ ހަތްވަނަ ޓީމެއްގެ ގޮތުގައި ކުވައިތު ވާދަކުރާނެ ކަމަށެވެ. މެލޭޝިއާ އާއި ސައުދީން ދައުވަތު ގަބޫލުކުރިކަން އަދި އިއުލާނު ކޮށްފައިނުވާ އިރު، ސާފުން މަސައްކަތް ކުރަނީ މުބާރާތުގައި ސައުދީގެ 23 އަހަރުން ދަށުގެ ޓީމު ބައިވެރިކުރުމަށެވެ.

ސާފުން މުބާރާތުގައި ބައިވެރިކުރަން ނިންމާފައިވާ ކުވައިތަކީ މި ސަރަހައްދުގެ ގައުމުތަކާ އަޅައި ބަލާއިރު، ފުޓުބޯޅައިގައި ރަނގަޅު ފެންވަރުގެ ޓީމެކެވެ. އެޓީމުން 1980 ގެ އަހަރުތަކުގައި ކާމިޔާބީތައް ހޯދާފައިވާ އިރު، އެންމެފަހުން އޭޝިއަން ކަޕްގައި ވާދަކުރީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން ކުވައިތު އަދި ކޮލިފައިވެފައިނުވާ އިރު، އެގައުމާއެކު މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅު ވެގެންދާނެއެވެ.

މިހާރު އޮތް ގޮތުން މިފަހަރުގެ މުބާރާތުގައި ސަރަހައްދީ ހަ ގައުމަކުން ވާދަކުރާނެއެވެ. އެއީ އިންޑިއާ، ރާއްޖެ، ޕާކިސްތާން، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝްއެވެ. ސްރީ ލަންކާ، ފީފާ ސަސްޕެންޝަނެއްގައި އޮތުމުން މިހާރު އޮތް ގޮތުން އެގައުމު ސާފް ޗެމްޕިއަންޝިޕްގައި ނުފެންނާނެއެވެ.

އެންމެފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ 13 މުބާރާތުގެ ތެރެއިން އަށް މުބާރާތް ކާމިޔާބުކުރީ އިންޑިއާއެވެ. ރާއްޖެއިން އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2018 ވަނަ އަހަރުއެވެ. އެއީ ރާއްޖޭގެ ދެވަނަ ތަށްޓެވެ. އޭގެ ކުރިން ރާއްޖެއިން މުބާރާތުގެ ތަށި ނެގީ 2008 ވަނަ އަހަރުއެވެ.

ރާއްޖެއިން ސާފް ޗެމްޕިއަންޝިޕަށް އަދި ތައްޔާރުވާން ފަށާފައިނުވި ނަމަވެސް، މުބާރާތުގައި ބޭނުންކުރާ ރަސްމީ ޖާޒީ މިހާރު ވަނީ ދައްކާލައިފައެވެ. ރާއްޖޭގެ ޖާޒީ ރަސްމީކޮށް ދައްކާލީ ޕްރެސިޑެންޓްސް ކަޕުގެ ފައިނަލުގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.