ޚަބަރު

ޖިންސީ ފުރައްސާރައިގެ ތަހުގީގަކަށް ނުފޫޒު ފޯރުވާ ކަމަށްބުނެ ވެމްކޯގެ އެމްޑީ ސަސްޕެންޑްކޮށްފި

މުހައްމަދު އިޝާން

ވެމްކޯއިން ބަލަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތަހުގީގަކަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ، އޭނާ އެ މަގާމުން ސަސްޕެންޑްކޮށްފިއެވެ.

ސިރާޖަށް ތުހުމަތު ކުރަނީ ވެމްކޯގެ ފިރިހެން މުވައްޒަފަކަށް އެ ތަނުގެ އަންހެން މުވައްޒަފަކު ޖިންސީ ފުރައްސާކުރި ކަމަށް "ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ހުއްޓުވުމުގެ ކޮމިޓީ" އަށް ހުށަހެޅި މައްސަލައެއް ބަލަމުން ދަނިކޮށް އެ މައްސަލައަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތެވެ. އެގޮތުން އެ މައްސަލަ ބަލަމުންދާ ކޮމިޓީއަށް ސިރާޖު ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އޭނާ އެ މައްސަލަ ބަލަމުންދިޔަ ކޮމިޓީގެ ޗެއާޕާސަން މަގާމުން ވަކިކުރައްވައި، އެހެން މީހަކު އެ މަގާމަށް ހަމަޖައްސަވާފައިވާ ކަމަށްވެސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ތުހުމަތުކޮށްފައިވެއެވެ.

ސިރާޖުގެ އެ އަމަލުތަކަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާއި ކޯޕަރޭޓް ގަވަނެންސްގެ ކޯޑާ ހިލާފު ކަންކަން ކަމަށް ދެކޭތީ އޭނާ ވެމްކޯގެ އެމްޑީގެ މަގާމުގެ މަސްއޫލިޔަތުތަކުން ދެ ހަފުތާއަށް ވަނީ އެކަހެރިކޮށްފައެވެ. ޕީސީބީން އޭނާ ސަސްޕެންޑްކުރީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށެވެ.

ވެމްކޯގެ "ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" އިން ބަލަމުން ދަނީ އެ ކުންފުނީގެ ކުރީގެ ޖެނެރަލް މެނޭޖަރަކަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

އެ މައްސަލައިގައި ޕީސީބީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސިރާޖުގެ މައްސަލައެއް ބަލަނީ އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތެއް ކުރެވިގެން ނޫން ކަމަށެވެ. އަދި އެފަދަ މައްސަލައެއް ތުހުމަތު ކުރެވިފައި ނުވާ ކަމަށްވެސް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ނުފަތުރަން ޕީސީބީން ވަނީ އިލްތިމާސްކޮށްފައެވެ.

"ވެމްކޯ ބޯޑު މެދުވެރިކޮށް މި ބޯޑުން ބަލަމުން ދަނީ ގަވަނަންސާ ގުޅޭ މެނޭޖްމަންޓުގެ މައްސަލައެކެވެ. އެހެންކަމުން މެނޭޖިން ޑައިރެކްޓަރު ތަނާޒަލް ކުރުވާ މި މައްސަލަ ބެލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް މި ބޯޑުން ނިންމާފައިވާތީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވަނީ މުސާރަ އާއި އިނާޔަތްތަކާ އެކު ދެ ހަފުތާގެ މުއްދަތަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރެވިފަ،" ޕީސީބީން ބުންޏެވެ.

ވެމްކޯގެ އެމްޑީއަކަށް ސިރާޖު އައްޔަންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީގެ މަގާމުގައެވެ.