މެންޗެސްޓާ ސިޓީން އެންމެފަހުން ލީގުގައި ވެސްޓް ހަމްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ސިޓީގެ ކުޅުންތެރިންނާއި ކޯޗުން އެކުވެ، އާލިން ހާލަންޑަށް ދިން "ގާޑް އޮފް އޮނާ" ގެ ޝަރަފަކީ ހައްގު އެއްޗެއް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ސިޓީން އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ވެސްޓް ހަމް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ސިޓީން ޖެހި ތިން ގޯލުގެ ތެރެއިން ދެވަނަ ގޯލު ޖެހީ ހާލަންޑެވެ. ހާލަންޑަށް އެ ގޯލަކީ ހާއްސަ ގޯލެކެވެ. މި ސީޒަނުގައި ޕްރިމިއާ ލީގަށް އައިސް މިހާތަނަށް ކުޅުނު 31 ލީގު މެޗުގައި ހާލަންޑް 35 ގޯލު ހަމަކޮށްފައިވާ އިރު، އޭނާ ވަނީ ތާރީހީ ރެކޯޑެއް މުގުރާލައިފައެވެ. ހާލަންޑަކީ މިހާތަނަށް ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.
ކުރިން އެ ރެކޯޑު އޮތީ އެލެން ޝިއެރާ އާއި އެންޑްރޫ ކޯލް އަތުގައެވެ. އެ ދެކުޅުންތެރިން ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި 34 ގޯލު ޖަހައިފައި އޮތީ 42 މެޗުގެ ސީޒަންތަކުގައެވެ. ހާލަންޑް 38 މެޗުގެ ސީޒަނެއްގައި ރެކޯޑު މުގުރާލި އިރު، މިހާތަނަށް ސީޒަނުގައި ސިޓީއަށް ހާލަންޑް ވަނީ 51 ގޯލު ޖަހައިދީފައެވެ.
ރެކޯޑަކަށްފަހު ރެކޯޑެއް މުގުރަމުންދާ ހާލަންޑްގެ މޮޅު ކުޅުމަށް ވެސްޓް ހަމް މެޗަށްފަހު ކޯޗު ގާޑިއޯލާ ވަރަށް ބޮޑަށް ތައުރީފު ކޮށްފައިވާ އިރު، ގާޑިއޯލާ ބުނީ ހާލަންޑްގެ ގޯލު ޖެހުމުގެ ރެކޯޑުތައް އަދި ނިމުނީ ކަމަށް ނުބެލެވޭ ކަމަށެވެ.
"ހާލަންޑުގެ ކުޅުމަކީ ހިތްގައިމު ކުޅުމެއް. ހާލަންޑް ސިޓީއަށް ކުޅުމަކީ އެންމެންވެސް އެކަމާ އުފާކުރާ ކަމެއް. އަދިވެސް ގޯލު ޖެހުމުގެ ރެކޯޑު ހާލަންޑް މުގުރާލާނެ ކަމަށް ބެލެވޭ. ހާލަންޑް އަދިވެސް އެތައް ގޯލެއް ޖަހާނެ. އެލެން ޝިއަރާ އާއި އެންޑީ ކޯލްވެސް އެއީ މޮޅު ދެ ފޯވަޑުން، އެކަމަކުވެސް ހާލަންޑަށް ރެކޯޑު ހައްގު. ހާލަންޑަށް ގާޑް އޮފް އޮނާއެއްވެސް ހައްގު. އެކަން އަހަރެން ބޭނުންވެސްވި. އެއީ ހާސިލުވި ކަންތަކުގެ ބޮޑުކަމުން،" ގާޑިއޯލާ ބުންޏެވެ.
ސިޓީއަށް މި ސީޒަނުގެ ލީގާއި ޗެމްޕިއަންސް ލީގުގެ އިތުރުން އެފްއޭ ކަޕުވެސް ހޯދައި، އިނގިރޭސި ފުޓުބޯޅަ ތާރީހުގައި އެއް ސީޒަނެއްގައި އެ ތިން ތަށި ނެގި ދެވަނަ ޓީމަށްވުމުގެ ފުރުސަތު އެބައޮތެވެ.
ވެސްޓް ހަމްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެ ވިސްނުން ގެންގުޅޭ ތޯ ހާލަންޑް ކުރެން އެހުމުން އޭނާ ބުނީ ގޯލުތައް ޖެހުމަށްވުރެ ބޮޑު ހިތްހަމަ ޖެހުމަކަށް އެ ކާމިޔާބީ ވާނެ ކަމަށެވެ. އަދި އެކަމަކީ ނުވާނެ ކަމެއް ނޫން ނަމަވެސް، މެޗަކަށްފަހު މެޗަކަށް ވިސްނައިގެން ނޫނިއްޔާ ފޯކަސް ރަނގަޅު ނުކުރެވޭނެ ކަމަށް ހާލަންޑް ބުންޏެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ