މިއަހަރު އޯގަސްޓް މަހުގެ 25 އިން ސެޕްޓެންބަރު މަހުގެ ތިންވަނަ ދުވަހާ ހަމައަށް މަޑަކަސްކަރައިގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 (އައިއޯއައިޖީ 2023) އާއި ސެޕްޓެންބަރު މަހު 23 އިން އޮކްޓޯބަރު މަހު އަށްވަނަ ދުވަހަށް ޗައިނާގައި އޮންނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ ބެޑްމިންޓަން ސްކޮޑް އެކުލަވާލައިފިއެވެ.

ރާއްޖެއިން މިއަހަރު ވާދަކުރާ ބޮޑު ދެ ގޭމްސް ކަމަށްވާ އައިއޯއައިޖީއާއި އޭޝިއަން ގޭމްސްއަށް އެކުލަވާލި ބެޑްމިންޓަން ސްކޮޑުގައި ހިމެނެނީ ޖުމުލަ 14 ކުޅުންތެރިންނެވެ.

ބެޑްމިންޓަނަކީ ރާއްޖެއަށް އެންމެފަހުން މޮރިޝަސްގައި 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީންވެސް މެޑަލް ގެނެސްދިން ކުޅިވަރަކަށްވީ އިރު، އެފަހަރު ބެޑްމިންޓަނުން ވަނީ ފަސް މެޑަލް ހޯދައިފައެވެ. އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ އާމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ ރިހި މެޑެލް ހޯދި އިރު، އަންހެން ސިންގަލްސް އިވެންޓުން ނަބީހާ ރަން މެޑެލް ހޯދިއެވެ. އެއީ ބައިނަލްއަގުވާމީ ބެޑްމިންޓަން އިވެންޓަކުން ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑަލްއެވެ. އޭގެ އިތުރުން އެފަހަރު އަންހެން އަދި ފިރިހެން ޓީމު ވަނީ ޓީމް އިވެންޓުގެ ލޯ މެޑެއްޔެއް ހޯދައިފައެވެ. އަދި މުހައްމަދު އަޖުފާނާއި މައިސާ ފަތުހުﷲގެ ޕެއާ ވަނީ މިކްސް ޑަބަލްސް އިވެންޓުން ލޯ މެޑެއްޔެއް ހޯދައިފައެވެ.

އެފަހަރުގެ ސްކޮޑުގައި ހިމެނުނު ކާމިޔާބު ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައިވެސް ހިމެނިފައިވާ އިރު، ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ޒަޔާން ޒަކީއާއި ނިބާލް އަހުމަދު، އަޖުފާނާއި ނީލާ ނަޖީބު އަދި އަހުމަދު ތޯއިފް އަދި ނަބާއާއި ނަބީ ހިމެނެއެވެ.

ބެޑްމިންޓަން ސްކޮޑު މިހާރުވެސް ތަމްރީނުކުރަމުންދާ އިރު، ސްކޮޑު ތަމްރީނުތައް ފުރިހަމަ ކުރަމުން ގެންދަނީ ސައުތް ކޮރެއާގެ ހައި ޕާފޯމަންސް ކޯޗުގެ ބެލުމުގެ ދަށުންނެވެ.

ގައުމީ ބެޑްމިންޓަން ސްކޮޑް، ކޯޗުންގެ އިރުޝާދާއިއެކު އެކުލަވާލެވިފައިވާ އިރު، ސްކޮޑުގައި ހިމެނުމަށް ހުށައެޅުނު ގައުމީ ބެކްއަޕް ސްކޮޑްގެ 10 ކުޅުންތެރިންގެ ތެރެއިން ފައިނަލަށް ސްކޮޑުގައި ހިމެނިފައިވަނީ ދެ ކުޅުންތެރިންނެވެ. އަދި އެކަޑަމީތަކުން ހިމެނުމަށް ހުށައެޅުނު ފަސް ކުޅުންތެރިންގެ ތެރެއިން ފައިނަލް ސްކޮޑުގައި ހިމެނިފައިވަނީ ދެ ކުޅުންތެރިންނެވެ.

މިފަހަރުގެ ސްކޮޑާ ގުޅިގެން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ އެންމެ ބޮޑު އަމާޒަކީ ކުރިއަށްއޮތް އޭޝިއަން ގޭމްސްއިން ރަނގަޅު ނަތީޖާއެއް ހާސިލްކުރުމުގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކުރިން ފަހަރު ހޯދި ކާމިޔާބަށް ވުރެ ބޮޑު ކާމިޔާބެއް މިފަހަރު ހޯދުން ކަމަށެވެ.